Roadha Mihaaru

މެންބަރު ސައުދު ހައިވޭގައި އެކްސިޑެންޓުވެ ޒަހަމްވެއްޖެ

ސިނަމާލެ ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދޭން ފަށައިފި އެވެ.

މެންބަރު ސައުދު ހައިވޭގައި އެކްސިޑެންޓުވެ ޒަހަމްވެއްޖެ
ހުސެއިން ހަބީބް
ހުސެއިން ހަބީބް

23 މެއި 2023

ސިނަމާލެ ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިނަށް އަނިޔާވެ އޭޑީކޭގައި ފަރުވާ ދޭން ފަށައިފި އެވެ.

ސައުދުގެ އާއިލާ މީހަކު "މިހާރު" އަށް ބުނީ ސައުދުގެ އަތާއި ފައި ޒަހަމްވެފައިވާ ކަމަށެވެ. އަތުން ޒަހަމްވި ތަނުން މަސްގަނޑު ހަލާކުވެ ބޭރަށް ނުކުމެފައިވާ ކަމަށް އޭނާ ބުންޏެވެ.

"ޑޮކްޓަރު ވަނީ އެކްސްރޭ ނަގަން ދީފައި. ތަނެއް ބިންދައިގެން ދިޔަ ކަމެއް އަދި ނޭނގެ. މަސްގަނޑު ނުކުމެފައި އޮތުމުން މި ވަގުތު އޮތީ އެތަން ފަހަން ވައްދާފައި،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި ސައުދު އެކްސިޑެންޓުވީ ސައިކަލު ދުއްވާފައި ދަނިކޮށް ޕިކަޕެއްގައި ޖެހިގެންނެވެ. އޭނާ ދަތުރު ކުރައްވަމުން ގެންދެވީ ހުޅުމާލެއިން މާލެއަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓު ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މެންދުރު 12:30 ހާއިރު ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.