ރާއްޖޭގެ ގިނަ ރަށްތަކަކަށް މިހާރު ކުރިމަތިވެގެން އުޅޭ ރަށްގިރުމުގެ ބޮޑެތި މައްސަލަތަކާއި އެ ރަށްތަކުގެ ބަނދަރުތައް ހަދާފައި ހުރި ގޮތާ ގުޅުމެއް އެބަހުރި ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
18 ފެބުރުއަރީ 2020
ރާއްޖޭގެ ގިނަ ރަށްތަކަކަށް މިހާރު ކުރިމަތިވެގެން އުޅޭ ރަށްގިރުމުގެ ބޮޑެތި މައްސަލަތަކާއި އެ ރަށްތަކުގެ ބަނދަރުތައް ހަދާފައި ހުރި ގޮތާ ގުޅުމެއް އެބަހުރި ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ބަނދަރުތައް ހަދާފައިވާ ގޮތުން މައްސަލަތައް ދިމާވެފައިވާ ރަށްތައް އުތުރުގެ އަތޮޅުތަކުގައި ގިނަ ކަމަށެވެ. އެ ސުވާލާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސުވާލު ކުރެއްވީ އުތުރުގެ ރަށްްތަކަށް މައްސަލަ ބޮޑުވުމުގެ "ސައިންސަކީ ކޮބައިތޯ" އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ދެކުނުގެ ރަށްތަކާ ތަފާތުކޮށް އުތުރުގެ ގިނަ އަތޮޅުތަކަކީ ވަރަށް ބޮޑަށް ހުޅުވިފައިވާ ރަށްތައް ކަމަށާއި އެހެންވީމާ ރަށްތަކުގެ ދިފާއަކީ ހަމަ އެކަނި ރަށުގެ ފަރު ކަަމަށް ވެފައިވާ ކަމަށެވެ.
ރ. ފައިނުގެ ގިރާ ސަރަހައްދެއް.
އަސްލަމް ވިދާޅުވީ ބަނދަރާ އެކީގައި ރަށް ގެއްލިގެންދާ މިންވަރަށް ރަށް ގިރުމުގެ މައްސަލަ ދިމާވެއްޖެ ކަމަށާއި އޭގެ އެއް މިސާލަކީ ރ. ފައިނު ކަމަށެވެ.
"ފައިނުގެ ރައްޔިތުންނަށް ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ފައިނުގެ ގިރުމުގެ މައްސަލައިގައި އެންމެ ބޮޑު އަސްލަކީ ބަނދަރުކަން. އެހެންވީމާ އެ ބަނދަރާ އެކީގައި ރަށް ގެއްލިގެންދާ މިންވަރަށް އަޅުގަނޑުމެންނަށް މައްސަލަ ދިމާވެގެން ހިނގައްޖެ،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ބައެއް ރަށްތަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް އެޓެންޑްކުރަން ޖެހިފައި ވަނީ އިމަޖެންސީއެއްގެ ގޮތުގައި ކަމަށާއި ގިނަ ރަށްތަކަކަށް އެ މައްސަލަ ކުރިމަތިވެފައިވާ ކަމަށެވެ. އެ ރަށްތަކަށް ހައްލު ހޯދަން ކުއްލި ހާލަތުގައި މަސައްކަތްކުރަން ޖެހިފައިވާ ކަމަށާއި ނަމަވެސް އެފަދަ މަސައްކަތްތައް ކުރަން ޖެހޭ އުސޫލުތަކަކާއި ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް ހުންނާތީ "ހަމަ ކުއްލިއަކަށް މަސައްކަތް ހަވާލު ކުރެވޭނެ ގޮތެއް ނޯންނަ" ކަމަށެވެ.
"ޕްރޮކިއުމަންޓް ޕްރޮސެސްއެއް ހިންގަން ޖެހޭ އަޅުގަނޑުމެން. އެހެންވީމާ ކުއްލިއަކަށް އެރޭނެ ގޮތެއް ވެސް ނޯވޭ،" އޭނާ ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ ފައިނަށް ދިމާވި މައްސަލައަށް ހައްލެއް ހޯދަން އެ މަސައްކަތް ކުރެވުނީ ސަރުކާރުގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ކަމަށާއި ނަމަވެސް އެގޮތަށް އެއްފަހަރާ 10 ރަށުގައި މަސައްކަތްކުރުމުގެ ގާބިލުކަމެއް ސަރުކާރަކު ނެތް ކަމަށެވެ.
ފައިނުގެ ގިރާ ސަރަހައްދެއް
ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ބަނދަރުތައް ޑިޒައިންކުރެވިފައިވާ މައިގަނޑު ސަބަބެއް ކަމަށް އަސްލަމް ވިދާޅުވީ ބައެއް ރަށްތަކުގެ މީހުންގެ ޑިމާންޑްތަކާ އެކު، އެކަމުގެ ފަންނީ ގާބިލުކަން ނެތި ނިންމުންތައް ނިންމިފައި ހުރުން ކަމަށެވެ.
އަސްލަމް ވިދާޅުވީ މަސަައްކަތް ހަވާލުކުރަންޏާ އޯޕަން ބިޑަކަށް ދާންޖެހޭ ކަމަށާއި ނަމަވެސް ސިންގަލް ސޯސްކޮށް ބަޔަކާ މަސަައްކަތް ހަވާލުކުރުމުގެ ފުރުސަތު ލިވޭ ގަވައިދު އަދިވެސް އެބައޮތް ކަަމަށެވެ. އެ ގަވައިދުގެ ދަށުން މަސައްކަތް ހަވާލުކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް އޭރުން ވަކި ބަޔަަކަށް މަސައްކަތް ދިން ކަމުގެ އިލްޒާމު އެޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެެ. އެކަމަކު އެގޮތަށް މަސައްކަތްކުރަން ޖެހޭ ވަރަށް ރަށެއްގެ ހާލަތު ގޮސްފި ނަމަ އެގޮތަށް މަސައްކަތް ހަވާލުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ރަށް ގޮސް ގެެއްލި ނެތި ދާކަށެއް އަޅުގަނޑުމެންނަކަށް ނުތިބެވޭނެ. ދެން އަޅުގަނޑު ބޮލުގައި އަޅުވާ އިލްޒާމެއް އަޅުގަނޑު ބޮލުގައި އަޅުވަފާނެ،" އަސްލަމް ވިދާޅުވި އެވެ.
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭގެ ބަަދަލު ހޯދަން އެދެވިދާނެ
ފަރަށް ގެއްލުންވާތީ ކޮމެޓީއަށް އީޕީއޭ ހާޒިރުކުރަނީ
މިއަހަރު ހާސިލްވާނީ މަޝްރޫތަކުގެ 80 ޕަސެންޓް
ތިމާވެށީގެ ޖޫރިމަނާތައް ނުދައްކާ ވިޔަފާރިތައް ހުއްޓުވަނީ
ޖޫރިމަނާގެ ފައިސާ ނުދައްކާ ބޯޓުތައް ފުރައިގެންދަނީ
އީޕީއޭއަށް އޮތީ މުޅިން ވެސް ހަނގުރާމަ" ކުރުން!
"ޖޫރިމަނާއެއް ނުލިބޭ، އީޕީއޭ އިންތިހާއަށް ފަރުވާކުޑަ"
ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން ކަންބޮޑުވުން
އަނދުން ހުސައިންގެ ނުރުހުން އެމްޑީޕީގެ ސަރުކާރަށް!
ރަނގަޅު ނޫނަސް ސިޔާސީ ލީޑަރުން ބޭނުމީ ހިލޭ ގޯތި ދޭން