Roadha Mihaaru
ފިލްމު އެވޯޑްސްގެ އެންމެ ސަޅި އަދި އެންމެ ކަޑަ

ފިލްމު އެވޯޑްސްގެ އެންމެ ސަޅި އަދި އެންމެ ކަޑަ

22 ޑިސެމްބަރ 2016

ގައުމީ ފިލްމު އެވޯޑްސް ރޭ ދަރުބާރުގޭގައި ބޭއްވި އިރު ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ފަންނާނުންގެ އިތުރުން ސިޔާސީ ދާއިރާގެ އެތައް ބަޔަކު ވެސް ބައިވެރިވި އެވެ. ޔޫތު މިނިސްޓްރީގެ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމްކުރި އިވެންޓުން ޖުމްލަ ގޮތެއްގައި ފެނުނީ އާދައިގެ ގޮތަކަށް ބޭއްވި "ރަސްމީ-ނުރަސްމީ" ހަފްލާއެކެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ގައުމީ ފިލްމު އެވޯޑްސް ރޭ ދަރުބާރުގޭގައި ބޭއްވި އިރު ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ފަންނާނުންގެ އިތުރުން ސިޔާސީ ދާއިރާގެ އެތައް ބަޔަކު ވެސް ބައިވެރިވި އެވެ. ޔޫތު މިނިސްޓްރީގެ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމްކުރި އިވެންޓުން ޖުމްލަ ގޮތެއްގައި ފެނުނީ އާދައިގެ ގޮތަކަށް ބޭއްވި "ރަސްމީ-ނުރަސްމީ" ހަފްލާއެކެވެ.

އެންމެ މޮޅު ފިލްމުގެ އެވޯޑް ގެންދިޔަ "ލޫދިފާ"އާ އެކު ފިލްމީ ދާއިރާގެ ގިނަ އުފެއްދުންތަކަކާއި ފަންނާނުންގެ އަގު ސަރުކާރުން ވަނީ ވަޒަންކޮށްފަ އެވެ.

1. ކުރު ހަފްލާއެއް

ރާއްޖޭގައި ބާއްވާ މި ކަހަލަ ހަފްލާތައް މާ ބޮޑަށް ދިގުދަންމައިގެން ކަމަކު ނުދާނެ އެވެ. ބޭރުގެ ބޮޑެތި އެވޯޑް ޝޯތައް ދިގު ނަމަ، އާދަޔާޚިލާފު މޮޅެތި ޕާފޯމެންސްތަކުން މެހްމާނުންނާއި ޓީވީ ބަލާ މީހުން ފޫހިފިލުވައިދެ އެވެ. ރާއްޖޭގެ އެވޯޑް ހަފްލާތައް އަދި އެ ފެންވަރަކަށް ނުގެންދެވެ އެވެ. އެހެންވީމާ، ކަޑަ ޕާފޯމެންސްތަކެއް ދައްކަން ޝޯ ދިގުކުރުމުގެ ބަދަލުގައި ގައުމީ ފިލްމް އެވޯޑްސް ގާތްގަނޑަކަށް ދޮޅުގަޑިއެއްހާ އިރަށް ފައްތާލުމަކީ ކުރި ވަރަށް ބުއްދިވެރި ކަމެކެވެ.

އެވޯޑް ހަފްލާގައި ޝަލަބީ އިބްރާހިމް (މ) ލަވަކިޔަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު

އެވޯޑް ހަފްލާގައި ޝަލަބީ އިބްރާހިމް (މ) ލަވަކިޔަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު

އެކަމަކު ފިލްމު އެވޯޑްސް ހަފްލާއެއްގައި މުނިފޫހިފިލުވުމުގެ ބައި ރޭ އެ ފެނުނު ވަރަށް ވުރެ ބޮޑުވާން ޖެހޭނެ ކަމަށް ގަބޫލުކުރެވެ އެވެ. ރަސްމީ ބައި ނުވަތަ ސިޔާސީ ހާސަރު ކުރުކޮށްލާފައި ހިތްގައިމު އިތުރު ދެ ހުށަހެޅުމެއް ވަރު ހިމަނާލި ނަމަ ހަފްލާގެ ޗަސްޕު ބޮޑުވީހެވެ.

2. ހެދުންތައް އެބަ ރަނގަޅުވޭ

އެވޯޑް ހަފްލާގެ ރެޑް ކާޕެޓްގައި އެކްޓްރެސް ރިޝްފާ ފޮޓޯ އަށް ހުއްޓިގެން. ފޮޓޯ: ނިޝާން އަލީ/މިހާރު

އެވޯޑް ހަފްލާގެ ރެޑް ކާޕެޓްގައި އެކްޓްރެސް ރިޝްފާ ފޮޓޯ އަށް ހުއްޓިގެން. ފޮޓޯ: ނިޝާން އަލީ/މިހާރު

މީގެ އަހަރުތަކެއް ކުރިން ދިވެހި ގިނަ ފަންނާނުން މި ކަހަލަ ހަފްލާތަކުން ފެންނަނީ ވަރަށް އާދަޔާޚިލާފު ހެދުންތަކުގަ އެވެ. އާދަޔާޚިލާފޭ މި ބުނަނީ، ވަރަށް ގޮތް ބޮޑުކޮށް، ބަލައިލަން ހުތުރު އަދި މުނާސަބަތާ ނުގުޅޭ ގޮތްގޮތަށް ހެދުން ތައްޔާރުކޮށްފައި ހުންނާތީ އެވެ. މިހާރު އެކަން ބަދަލުވަމުންދާ ތަން އެބަ ފެނެ އެވެ. ކަންތައް ފަލަކަމުން ލޯ ތަރަތަރަޖަހައިގެން ދާ ކަހަލަ ހެދުންތައް ދޫކޮށްލައި ސާދާ ރީތި ސްޓައިލްތަކަށް ދިވެހި ޑިޒައިނަރުންނާއި ފަންނާނުން ލޯބިކުރަން ފަށައިފިކަން ރޭގެ ހަފްލާ އިން ވެސް ފާހަގަކުރެވުނެވެ.

3. މިޒޫގެ ކޮންފިޑެންސް

މިޒޫ (ކ) އާއި ވައްޑެ ހަފްލާ ހުށަހަޅައިދެނީ. ފޮޓޯ:ނިޝާން އަލީ/މިހާރު

މިޒޫ (ކ) އާއި ވައްޑެ ހަފްލާ ހުށަހަޅައިދެނީ. ފޮޓޯ:ނިޝާން އަލީ/މިހާރު

ރާއްޖޭގައި މޮޅު ހޯސްޓުން ނުވަތަ ޕްރެޒެންޓަރުން މަދެވެ. އެ ލިސްޓުގެ ކުރީގައި މިޒްނާ އަހުމަދު ނުވަތަ މިޒޫ ހިމެނޭނެ އެވެ. ރޭޑިއޯ އާއި ޓީވީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ މި ޒުވާނާގެ އެންމެ ސަޅި ތަންކޮޅަކީ، ދިވެހި އެހެން ބައެއް ޕްރެޒެންޓަރުންނާ ޚިލާފަށް، ހާސްކަމެއް، ޖެހިލުންވުމެއް ނެތުމެވެ. ސްކްރިޕްޓަކާ ނުލައި ވެސް ލައިވް އިވެންޓްތައް ހުށަހަޅައިދޭލެއް ހިތްގައިމެވެ. ވާހަކަދައްކަން ފަރިތަވެފައި ކަންފަތަށާއި ބޮލަށް ވެސް ފަސޭހަ އެވެ. އަހުމަދު ވަހީދު (ވައްޑެ)އާ އެކު ގައުމީ ފިލްމް އެވޯޑްސް ރޭ ހުށަހަޅައިދިން އިރު ލީޑްކުރީ ވެސް މިޒޫކަން ބެލި އެންމެނަށް ފާހަގަކުރެވޭނެ އެވެ.

މީގެ މާނައަކީ މިޒޫ ރޭ ހުރިހާ ކަމެއް ކުރީ ރަނގަޅަށެކޭ ނޫނެވެ.

4. ސިޔާސީ، ސިޔާސީ، ސިޔާސީ

އެވޯޑް ހަފްލާގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު (ކ2) އާއި ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު ބައިވެރިވެޑައިގަންނަވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު

އެވޯޑް ހަފްލާގައި ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު (ކ2) އާއި ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު ބައިވެރިވެޑައިގަންނަވަނީ. ފޮޓޯ: ނިޝާން އަލީ/މިހާރު

ސަރުކާރުން ދޭ އެވޯޑެއް ވީމާ ވީ ގޮތެއް ކަމަށް ވެދާނެ އެވެ. އެކަމަކު އެހާ ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންނާއި ވަޒީރުންނާއި ބޭރު ގައުމުތަކުގެ ސަފީރުން ގޮސް ތިބީމާ ހީވީ މިއީ ރަސްމީ ނުވަތަ ސިޔާސީ ޖަލްސާއެއް ހެންނެވެ. އެވޯޑްތައް ވެސް ދިނީ އެ މީހުންނެވެ. ފަހަރުގައި، ފިލްމީ ދާއިރާ އަށް ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަކޮށްދިނުމުގެ ގޮތުންނެވެ. އެކަމަކު ޕޯޑިއަމެއް ބަހައްޓަވައިގެން މިނިސްޓަރު އިރުތިޝާމް އާދަމް ޚިތޯބެއް ކަހަލަ ސްޕީޗެއް ދެއްވުމާއި ރީކޯ މޫސާ މަނިކު ކުއްލިއަކަށް ސްޓޭޖު އަތުލައްވައިގެން ވާހަކަ ދެއްކެވުމާއި އެ ނޫން ވެސް "ސިޔާސީ" ކަންކަން މި ހަފްލާއަކާ ނުގުޅެ އެވެ.

5. ޝަރަފްވެރި މެހްމާނަކަށް އިރުތިޝާމް

ރޭގެ ހަފްލާގައި މިނިސްޓަރު އިރުތިޝާމް ވާހަކަދައްކަވަނީ --. ފޮޓޯ: ނިޝާން އަލީ/މިހާރު

ރޭގެ ހަފްލާގައި މިނިސްޓަރު އިރުތިޝާމް ވާހަކަދައްކަވަނީ --. ފޮޓޯ: ނިޝާން އަލީ/މިހާރު

މިއީ އަޖައިބުވާ ކަހަލަ ކަމެކެވެ. ޔޫތު މިނިސްޓްރީން ބޭއްވި އިވެންޓެއްގެ ޝަރަފްވެރި މެހްމާނަކަށް ހަމަޖައްސަންވީ ޔޫތު މިނިސްޓަރު ހެއްޔެވެ؟ މިއީ މިނިސްޓަރު އަމިއްލަ އަށް މިނިސްޓަރަށް ދައުވަތު ފޮނުވުން ކަހަލަ ކަމެކެވެ. އައިބެވެ. އެކަމަކު އިރުތިޝާމް ރޭގައި ދިގުހެދުމެއް ތުރުކުރައްވައިގެން ހުންނެވީމާ ހިތްގައިމެވެ.

އަނެއް މައްސަލައަކީ އެންސީއޭގެ ނަން މިނިސްޓަރަށް ރަނގަޅަށް އެނގިވަޑައިނުގަތުމެވެ. ނެޝަނަލް ސެންޓަ ފޯ ދި އާޓްސް ވިދާޅުވާން ޖެހޭ ތަންތަނުގައި ވިދާޅުވަމުން ގެންދެވީ "ނެޝަނަލް ސެންޓަ ފޯ ޕަފޯމިން އާޓްސް" އެވެ.

6. ޕްރެޒެންޓަރުން ހެދި ގޯސްތައް

މިޒޫ އާއި ވައްޑެގެ ހުށަހަޅައިދިނުން ޖުމްލަކޮށް ރަނގަޅަސް، ވަރަށް ކަޑަ ދަނޑިވަޅުތަކެއް ވެސް ދިޔަ އެވެ. އެ ދެ މީހުން ބައެއް ފަހަރު އުޅުނު ގޮތުން ހީވީ އެވޯޑް ލިބޭ ފަންނާނުން ލައްވައި ގަދަކަމުން ވާހަކަދައްކުވާ ގޮތަށް އިވެންޓް އިންތިޒާމްކޮށްފައި އޮތް ހެނެވެ.

އެންމެ އަޅައިގަތް އެއް ކަމަކީ ރަވީ ފާރޫގް އެވޯޑަކާ ހަވާލުވެފައި ހަމައެކަނި "ތެންކިޔޫ"” ބުނެލާފައި ދަނިކޮށް ވައްޑެ ހެދި ގޮތެވެ. ރަވީގެ ގައިގައި ހިފަހައްޓައި އިތުރަށް ވާހަކަދައްކަން މަޖުބޫރުކުރާ ގޮތަށް އެ އުޅުނީ ކީއްކުރަންތޯ ހިތަށް އަރަ އެވެ. ވަރަށް ހަޑި އެވެ.

އަނެއް ކަމަކީ އެންމެ މޮޅު ސަޕޯޓިން އެކްޓްރެސްގެ އެވޯޑް ހިފައިގެން ފެންކަޅިވެފައި ހުރި ފާތުމަތު އާޒިފާ (އަޒޫ) "ތެންކިޔޫ" ބުނެލާފައި ސްޓޭޖުން ފައިބަން ފެށީމާ އެކަން "ފަހުން ރިގްރެޓްކުރާނެ"އޭ މިޒޫ ބުނުމެވެ. ފަހަރެއްގައި މަޖާކޮށްލަން ބުނި އެއްޗެކެވެ. އެކަމަކު ރޫޑެވެ.

މިޒޫގެ އަނެއް މިސްޓޭކަކީ ރީކޯ މޫސަ ވާހަކަދައްކަވަނިކޮށް ބާރަށް ހުނުމެވެ. ފަހަރެއްގައި ޓެކްނިކަލް މީހުންގެ މައްސަލައެކެވެ. އެ ވަގުތުކޮޅު މިޒޫގެ މައިކް ހުންނަން ޖެހޭނީ ކަނޑަލާފައި ކަމެއް ނޫން ކަމަށް ނޭނގެ އެވެ. ކޮންމެއަކަސް މޫސަގެ ސަމާސާ ވާހަކަތަކަށް މިޒޫ ހޭ އަޑުއިވުނީމާ އައިބެވެ.

7. ރީކޯ މޫސަގެ ގަދަބާރު

މިއީ ރޭގެ ހަފްލާ އިން ފެނުނު އެންމެ ނުކިއްސަރު އެއް ކަމެވެ. އެވޯޑެއް ހަވާލުކުރަން ސްޓޭޖަށް ދައުވަތު ދިނީމާ މޫސަ ފެއްޓެވީ ބޮޑު ސްޕީޗެކެވެ. ފަހަރުގައި، ފިލްމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި މޮޅު އެކްޓަރަކަށް ވީމާ މޫސަ އަށް އެ ފުރުސަތު ހައްގެވެ. ކޮންމެއަކަސް، ވާހަކަދައްކަވަން ބޭނުންވެފައި ހުންނެވިލެއް ބޮޑުކަމުން، ސަލާމްކުރަން އަތް ދިއްކޮށްކޮށް ހުރި މިޒޫއެއް ވެސް މޫސައަކަށް ފެނިވަޑައެއް ނުގަތެވެ. ތައާރަފްގައި މޫސަ އަށް އެ ވަރަށް ތައުރީފްގެ ބަސްތައް އޮއްސާލި އިރު އެފަދަ ބޮޑު މާޔޫސްކަމެއް އިހުސާސްކުރަން ޖެހޭނެއެކޭ މިޒޫ ހިއެއް ނުކުރާނެ އެވެ.

ރޭގެ ހަފުލާގައި ރީކޯ މޫސަ ވާހަކަ ދައްކަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރޭގެ ހަފުލާގައި ރީކޯ މޫސަ ވާހަކަ ދައްކަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ސަރުކާރަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ސްޓޭޖަށް އަރާވަޑައިގެން މުޅި ހަފްލާގެ ކޮންޓްރޯލް ދެ ޕްރެޒެންޓަރުން އަތުން ނެންގެވީ އެވެ. އޭނާގެ ޖޯކުތަކަށް މެހްމާނުން ހުނެވެ. ވާހަކައިގެ ވަކި ހިސާބަކުން މޫސަ އަމިއްލަ އަށް ވިދާޅުވެގެން ވެސް ތަރުހީބު ހޯއްދެވި އެވެ.

މޫސަ ސްޓޭޖުން ފޭބީ އޭނާގެ ޒިންމާ ވެސް ރަނގަޅަށް އަދާ ނުކުރައްވަ އެވެ. އެވޯޑް ހަވާލުކޮށްދެއްވި އެވެ. އެކަމަކު އެވޯޑް އިއުލާންކުރަން ދިން ކަރުދާސްގަނޑު އަނބުރާ ވައްޑެ އަތަށް ދެއްވާފައި ސްޕީޗައިގެން ކުރިއަށް ވަޑައިގެންނެވީ އެވެ. އެވޯޑް އިއުލާންކުރީ ވައްޑެ އެވެ.

8. "އިނގިލި" އަކަށް އެވޯޑެއް ނެތް

ބަލާނެ މީހަކު ނުވިޔަސް "އިނގިލި"އަކީ ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ މޮޅު އެއް ފިލްމެވެ. މި ސަރަހައްދުގެ ގައުމުތަކުގެ ފިލްމުތަކާ ވާދަކޮށް ވެސް ޝަރަފްވެރި ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. އެކަމަކު ގައުމީ ފިލްމު އެވޯޑްސްގައި، ނޮމިނޭޓްވި އެއްވެސް އެވޯޑެއް "އިނގިލި" އަކަށް ނުލިބުނެވެ. ހަފްލާ އިން ފާހަގަކުރެވުނު އެންމެ ބޮޑު ފަޅުކަމަކީ މި އެވެ.