Roadha Mihaaru
މޯލްޑިވިއަނުން ލަންކާ ދަތުރުތައް މެދުކަނޑާލައިފި

ތަރުހީބެއް ނެތުމުން މޯލްޑިވިއަނުން ލަންކާގެ ދަތުރުތައް މެދުކަނޑާލައިފި

31 މާޗް 2022

ސްރީ ލަންކާގެ ރަތުމަލަނާ އެއާޕޯޓަށް ރާއްޖޭގެ މޯލްޑިވިއަން އެއާލައިނުން ރަސްމީކޮށް ދަތުރުފެށިތާ ހަފުތާއެއް ވެސް ނުވަނީސް، ތަރުހީބު ކުޑަކަމަށް ނިންމައި ދަތުރުތައް މެދުކަނޑާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ސްރީ ލަންކާގެ ރަތުމަލަނާ އެއާޕޯޓަށް ރާއްޖޭގެ މޯލްޑިވިއަން އެއާލައިނުން ރަސްމީކޮށް ދަތުރުފެށިތާ ހަފުތާއެއް ވެސް ނުވަނީސް، ތަރުހީބު ކުޑަކަމަށް ނިންމައި ދަތުރުތައް މެދުކަނޑާލައިފި އެވެ.

އައިލެންޑް އޭވިއޭޝަނުން ހިންގާ މޯލްޑިވިއަން އެއާލައިނުން ލަންކާ އަށް ދަތުރުތައް ފެށީ މިދިޔަ އާދީއްތަ ދުވަހު އެވެ. އެ އެއާޕޯޓަށް އެ ދުވަހު ކުރީ ރަސްމީ ދަތުރެއް ކަމަށް ވާއިރު، އޭގެ ފަހުން ހަތަރު ފްލައިޓް ތާވަލުކުރި ނަމަވެސް އެ ހުރިހާ ފްލައިޓެއްގެ ދަތުރު ވެސް މިހާރު ވަނީ ކެންސަލް ކޮށްފަ އެވެ.

އައިލެންޑް އޭވިއޭޝަނުން "މިހާރު" އަށް މިއަދު ބުނީ ފްލައިޓްތަކަށް ބުކިން ލިބުނީ ވަރަށް މަދުން ކަމަށެވެ. ފްލައިޓްތައް ކެންސަލް ކުރި ނަމަވެސް މިހާރު ބުކިން ހައްދާފައިވާ މީހުންނަށް އެހެން ފްލައިޓްތަކުން ޖާގަ ހޯދައިދީފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އައިލެންޑް އޭވިއޭޝަނުން ބުނިގޮތުގައި ތަރުހީބު ދަށްވެ، ދަތުރުތައް މެދުކަނޑައިލަން ޖެހިދާނެ ކަމަށް ކުރިންވެސް ލަފާކުރި އެވެ. ދަތުރުތައް ފެށުމަށް ލަންކާގައި ބޭއްވި ރަސްމިއްޔާތުގައި ވެސް އެކަން ފާހަގަކުރި ކަމަށް އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ.

"އެ ރަސްމިއްޔާތުގައި ވެސް އަޅުގަނޑުމެން ދެންނެވިން މިފަދަ ހާލަތެއް އަަތުވެދާނެއޭ. އަޅުގަނޑުމެން އޭރު ވެސް ތިބީ މި ކަމަށް ތައްޔާރު ވެގެން. ބުކިން ހެއްދި މީހުންނަށް އިތުރު ގޮތެއް ހަމަޖައްސަދީފައި ވާނީ. އެއްވެސް ބަޔަކަށް މީގެ ސަބަބުން ގެއްލުމެއް ދިމާ ނުވޭ،" އޭނާ ބުންޏެވެ.

މޯލްޑިވިއަނުން ދެން ލަންކާ އަށް ދަތުރުތައް ފަށާނީ އަންނަ މޭ މަހު އެވެ.

ރަތުމަލަނާ އެއާޕޯޓަށް މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް އެ އެއާޕޯޓުގައި ބޮޑު ރަސްމިއްޔާތެއް ބޭއްވި އެވެ. އެ ރަސްމިއްޔާތުގެ ސަބަބުން ލަންކާގެ ސަރުކާރަށް ހަ މިލިއަން ރުޕީސް (20,000 ޑޮލަރު) ގެއްލުމެއް ވި ކަމަށް އެ ގައުމުގެ ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފަ އެވެ.