Roadha Mihaaru
ލަންކާގައި ނާދެވި ތިބި 100 ދިވެއްސަކު ގެނެސްފި

ކޮވިޑް:19- ލަންކާގައި ނާދެވި ތިބި 100 ދިވެއްސަކު ގެނެސްފި

05 އެޕްރީލް 2020

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސްރީ ލަންކާގައި އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކާ ގުޅިގެން، އެ ގައުމުގައި ތާށިވެފއި ތިބި ބައެއް ދިވެހިން މޯލްޑިވިއަންގެ މަތިންދާބޯޓެއްގައި މިރޭ ރާއްޖެ ގެނެސްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސްރީ ލަންކާގައި އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކާ ގުޅިގެން، އެ ގައުމުގައި ތާށިވެފއި ތިބި ބައެއް ދިވެހިން މޯލްޑިވިއަންގެ މަތިންދާބޯޓެއްގައި މިރޭ ރާއްޖެ ގެނެސްފި އެވެ.

މިރޭ 9:45 ގައި ރާއްޖެ އައި މަތިންދާބޯޓުގައި 100 ދިވެހިން ދަތުރުކުރި ކަމަށް މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވި އެވެ. ކޮލަމްބޯގައި ތާށިވެފައި ތިބި ދިވެހިން ގެންނަން ކުރިން މިއަދު ދެ ފްލައިޓް އަޅަން ނިންމާފައި ވިޔަސް ބޭއްވީ އެއް ފްލައިޓެވެ. އެއީ 4،626ރ އަށް ޓިކެޓެއް ވިއްކައިގެން ބޭއްވި މަތިންދާބޯޓެކެވެ.

ކޮރޯނާވައިރަހާ ގުޅިގެން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ތައްޔާރުކޮށްފައިވާ އެސްއޯޕީގައިވާ ގޮތުން ،ރާއްޖެ އަށް އަންނަ ޓޫރިސްޓުން ފިޔަވައި އެންމެން ވެސް 14 ދުވަހަށް ކަރަންޓީން ފެސިލިޓީއެއްގައި ތިބެން ޖެހޭނެ އެވެ. އެހެންވެ، ލަންކާ އިން މިރޭ އައި އެންމެން ވެސް ގެންދާނީ ކަރަންޓީން އަށެވެ.

ކަރަންޓީންގެ 14 ދުވަސް ހަމަވުމުން އެ މީހުން ދޫކޮށްލާނީ ކޮރޯނާވައިރަހަށް ޓެސްޓްކޮށް، ނަތީޖާ ނެގެޓިވް ނަމަ އެވެ. ކަރަންޓީންގެ 14 ދުވަސް ގުނާނީ ކަރަންޓީން ފެސިލިޓީ އަށް ގެންދާ ދުވަހުގެ ފަހު ދުވަހުން ފެށިގެންނެވެ.

ލަންކާގައި ތިބި ދިވެހިންގެ ތެރެއިން 100 މީހަކު ރާއްޖެ ގެނައިއިރު، މިއީ ކޮވިޑް-19 ފެތުރުމުގެ ސަބަބުން އެކި ގައުުތަކުގެ ވައިގެ ދަތުރުތައް ހުއްޓާލުމަށް ފަހު ރާއްޖެ އަށް ދިވެހިން ގެނައުމަށް ގައުމީ އެއާލައިން މޯލްޑިވިއަން އިން ކުރި ފުރަތަމަ ދަތުރެވެ. އިންޑިއާގެ ކޮޗިންގައި ތާށިވެފައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް މޯލްޑިވިއަން މާދަމާ އެ ސިޓީ އަށް އުދުހޭނެ އެވެ. އެ މަތިންދާބޯޓުގެ އެއްކޮޅު ޓިކެޓެއްގެ އަގަކީ 4،086ރ. އެވެ.

ދިވެހި ސަރުކާރުން ބުނެފައި ވަނީ އިންޑިއާ އާއި ލަންކާގެ އިތުރުން އެހެން ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ގެންނަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ރޭ ބޭއްވި މީޑިއާ ބްރީފިންގައި، އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެކި ގައުމުތަކުގައި ހާލުގައި ޖެހިފައި ތިބި ހުރިހާ ދިވެހިން ވެސް ރާއްޖެއަށް ގެންނާނެ ކަމަށެވެ. އަދި އެއްވެސް މީހަކު ބިރުވެރިކަމުގައި ދިރިއުޅުމުގެ ފުރުސަތު ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބާކީ ހުރި ގައުމުތަކުުން ވެސް އަދި މި ގައުމުތަކުގައި[ލަންކާ އާއި އިންޑިއާގައި] އިތުރަށް ތިބި މީހުން ވެސް ހަމަ އަޅުގަނޑުމެންނަށް ޖާގަ ލިބޭ ވަރަކުން ގެނައުމުގެ މަސަައްކަތް ކުރަމުން ދާނަން،" މަބްރޫކް ވިދާޅުވި އެވެ.