Roadha Mihaaru
އައިޖީއެމްއެޗް ކައިރީގައި ވަގުތީ މާރުކޭޓް ނުހަދާނެ

އައިޖީއެމްއެޗް ކައިރީގައި ވަގުތީ މާރުކޭޓް ނުހަދަން ނިންމައިފި

01 އެޕްރީލް 2022

އާއްމުންގެ ކަންބޮޑުވުންތަކާ ހެދި، މާދަމާ ފަށާ މި އަހަރުގެ ރޯދަމަހަށް އައިޖީއެމްއެޗް ސަރަހައްދުގައި ވަގުތީ ލޯކަލް މާރުކޭޓް ނުހަދަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާއްމުންގެ ކަންބޮޑުވުންތަކާ ހެދި، މާދަމާ ފަށާ މި އަހަރުގެ ރޯދަމަހަށް އައިޖީއެމްއެޗް ސަރަހައްދުގައި ވަގުތީ ލޯކަލް މާރުކޭޓް ނުހަދަން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ރޯދަމަހާ ދިމާކޮށް މާލެ އާއި ވިލިމާލޭގައި ވަގުތީ މާރުކޭޓުތަކެއް ހަދަން ކައުންސިލުން ނިންމައި، އޭގެ އަމަލީ މަސައްކަތްތައް ވެސް ފެށި އެވެ. ނަމަވެސް އައިޖީއެމްއެޗު ކައިރިން ބޮޑުތަކުރުފާނު މަގުގައި އޮންނަ ޕާކިން ޒޯންގައި ވަގުތީ މާރުކޭޓު ހަދައިފި ނަމަ ޕާކްކުރަން ދަތިވާނެ ކަމުގެ ޝަކުވާ ލިބުމުން ކައުންސިލްގެ ނިންމުމަށް ބަދަލުތަކެއް ގެނައީ އެވެ.

ސިޓީ ކައުންސިލުން މިއަދު ބުނީ އައިޖީއެމްއެޗް ކައިރީގައި ޕާކިން ޒޯން ހެދުމުގެ ބަދަލުގައި އެހެން ސަރަހައްދެއް ހަމަޖެހޭތޯ މަސައްކަތް ކުރާ ކަމަށެވެ. އެ ތަން ނުހެދިއްޖެ ނަމަ މާލޭގައި ހުންނާނީ ވަގުތީ އެންމެ މާރުކޭޓެކެވެ. އެއީ ދަރުބާރުގެ ޕާކިން ސަރަހައްދުގައި ހަދާ ތަނެވެ. އަދި ވިލިމާލޭގައި ވެސް ވަގުތީ މަރުކޭޓެއް ހަދާފައިވެ އެވެ.

"ކައުންސިލުން ކަންކަން ކުރަނީ ރައްޔިތުންގެ ހިޔާލު ހޯދައި ރައްޔިތުންނާ ގާތުން ކަމަށް ވާތީ ކޮންމެ ކަމެއް ވެސް ނިންމާނީ ރައްޔިތުން އެދޭ ގޮތަށް،" ކައުންސިލުން ބުންޏެވެ.

މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކުރިން ވިދާޅުވީ ވަގުތީ ލޯކަލް މާރުކޭޓްތަކުން ދޫކުރާނެ ގޮޅީގެ އަދަދު ކަށަވަރުވާނީ ޓެންޓް ޖަހައި ނިމުމުން ކަމަށެވެ. ރޯދަމަސް ފެށުމުގެ ކުރިން އެ ތަންތަން މީހުންނަށް ދޫކުރުމުގެ މަސައްކަތް ކުރާނެ ކަަމަށް އޭނާ އޭރު ވިދާޅުވެފައި ވެ އެވެ.

ރޯދަމަހަށް ހާއްސަ ކޮށްގެން ވަގުތީ މާރުކޭޓް އަޅަން ނިންމީ ބާޒާރުމަތީގައި ތޮއްޖެހުން ކުޑަކޮށް، ކާއެއްޗެހި ގަތުމުގައި އާއްމުންނަށް ލުޔެއް ހޯދައިދިނުމަށެވެ.