Roadha Mihaaru
ވިޔަފާރިވެރިންގެ ޝަކުވާ: ގޮޅިތައް ކުދި، ކުލި ބޮޑު

ވިޔަފާރިވެރިންގެ ޝަކުވާ: ގޮޅިތައް ކުދި، ކުލި ބޮޑު

13 އެޕްރީލް 2020

ހަތް މަސް ދުވަސް ވަންދެން ދަތުރުވެރިންގެ މާރުކޭޓު ބަންދު ކޮށްފައި ބެހެއްޓީ ކުރިން ހުރި ގޮޅިތަކުގެ ފެންވަރު ރަނގަޅު ކުރުމަށެވެ. އެކަމަކު މިހާރު މި ގޮޅިތައް ވިޔަފާރިވެރިންނަށް ދޫކުރަން ފަށާފައިވާއިރު ގިނަ މީހުން އަންނަނީ ގޮޅީގެ ޖާގަ ކުޑަވުމުގެ ސަބަބުން ފާޑު ކިޔަމުންނެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހަތް މަސް ދުވަސް ވަންދެން ދަތުރުވެރިންގެ މާރުކޭޓު ބަންދު ކޮށްފައި ބެހެއްޓީ ކުރިން ހުރި ގޮޅިތަކުގެ ފެންވަރު ރަނގަޅު ކުރުމަށެވެ. އެކަމަކު މިހާރު މި ގޮޅިތައް ވިޔަފާރިވެރިންނަށް ދޫކުރަން ފަށާފައިވާއިރު ގިނަ މީހުން އަންނަނީ ގޮޅީގެ ޖާގަ ކުޑަވުމުގެ ސަބަބުން ފާޑު ކިޔަމުންނެވެ.

މާލެ ސިޓީ ކައުންސިލުން ފަހުން ނިންމީ މާރުކޭޓު އަލުން ހުޅުވާއިރު ގޮޅިއެއް ފަސް ފޫޓު ހަ ފޫޓަށް ކުޑަކުރުމަށެވެ. ނަމަވެސް މިއީ ދަނޑުވެރިން އުފައްދާ ގިނަ ބާވަތްތައް ވިއްކުމަށް އެކަށީގެންވާ ވަރުގެ ގޮޅިތައް ނޫން ކަމަށް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ.

މާރުކޭޓުގައި މިހާރު ވެސް ވިޔަފާރި ކުރަމުން އަންނަ މީހަކު ބުނީ އެންމެ ފުރަތަމަ ކޮންމެ މީހަކަށް 10 ފޫޓުގެ ގޮޅިއެއް ލިބޭނެ ކަމަށް ކައުންސިލުން ބުނެފައިވާ ކަމަށެވެ. ނަމަވެސް ފަހުން ގެނައި ބަދަލާއެކު ކުއްޔަށް ބަދަލު ނުގެނައުމުން އެތަނުގައި ވިޔަފާރި ކުރާ މީހުންނަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމަށް އޭނާ ބުންޏެވެ.

މާރުކޭޓުގެ ގޮޅިއެއްގައި ހުންނާނީ ފަސް ފޫޓު ހަ ފޫޓު-- ފޮޓޯ: ނިޝާން އަލީ/މިހާރު

މާރުކޭޓުގެ ގޮޅިއެއްގައި ހުންނާނީ ފަސް ފޫޓު ހަ ފޫޓު-- ފޮޓޯ: ނިޝާން އަލީ/މިހާރު

މާރުކޭޓުގެ ގޮޅިއެއް ކައުންސިލުން ދޫކުރަނީ މަހަކު 3،150ރ. އަށެވެ. އެއީ ކުނި އުކަން ނަގާ 150ރ. އާ އެކު ކަނޑައަޅައިފައިވާ އަގެކެވެ. ކުރިން މި ގޮޅިތައް ދޫކުރީ މަހަކު 1،700ރ. އެވެ.

"އެންމެ ފުރަތަމަ ބުނީ 10 ފޫޓުގެ ގޮޅިއެއް ދޭން. އެވަރުގެ ގޮޅިއަކަށް އަސްލު 3000ރ. ރަނގަޅު. އެކަމަކު މިހާރު މި ގޮޅިތަކުގައި މަދު އެއްޗެހި ވިއްކައިގެން ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް ގެއްލުން ވާނެ. މި ގޮޅީގައި ނެތް އަޅުގަނޑު ވަދެ އުޅޭނެ ވަރުގެ ޖާގަ އެއްވެސް،" މާރުކޭޓުގައި ވިޔާފަރި ކުރަމުން އަންނަ މީހަކު ބުންޏެވެ.

މީގެ ކުރިން ގޮޅިތައް ފުރެންދެން ތަރުކާރީ އާއި މޭވާގެ ބާވަތްތައް ބަހައްޓާފައި ހުރެ އެވެ. ނަމަވެސް އަލުން ގޮޅިތައް ހުޅުވާލާއިރު ލިބެން ހުންނާނީ މަދު ބާވަތްތަކެއް ކަމަށް ވެސް ބައެއް ވިޔަފާރިވެރިން ބުނެ އެވެ. މިއީ ގޮޅިތައް ކުޑަވުމުގެ ސަބަބުން ރައްކާ ކުރާނެ ޖާގަ ނެތުމުން އަންނާނެ ބަދަލެކެވެ. މި ބަދަލުގެ ސަބަބުން ދަނޑުވެރިން އަތުން ގަންނަ ތަކެތީގެ އަދަދު މަދުވެ ދަނޑުވެރިންނަށް ވެސް ގެއްލުން ވާނެ ކަމަށް ބައެއް ވިޔަފާރިވެރިން ބުނެ އެވެ.

މާރުކޭޓުގެ ވިޔަފާރިވެރިއެއް: މިހާރުވެސް ބައެއް މީހުން ދަނީ ވިޔަފާރި ކުރަމުން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާރުކޭޓުގެ ވިޔަފާރިވެރިއެއް: މިހާރުވެސް ބައެއް މީހުން ދަނީ ވިޔަފާރި ކުރަމުން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އާއްމުކޮށް އެކި ރަށްރަށުން އެބަގެންނަން އެއްފަހަރާ ދެތިން ހަފްތާއަށް ވާވަރަށް ތަކެތި. އެކަމަކު މިހާރު އެވަރަށް ގެނެސް އެތަކެތި ބަހައްޓާނެ ތަނެއް ނެތް. ހުރިހާ އެއްޗެއް ހަލާކުވާނީ. މިތާ މަތީގައި ވެސް ހުރިހާ އެއްޗެއް ބެހެއްޓޭކަށް ނެތް." މާރުކޭޓުގައި ވިޔަފާރި ކުރާ މީހަކު ބުންޏެވެ.

މާރުކޭޓުގައި މިހާރު 165 ގޮޅި ހުރެ އެވެ. މި ގޮޅިތަކަށް 2000 އަށްވުރެ ގިނަ މީހުން އެދިފައިވާއިރު ޝަރުތު ހަމަވާ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށް ކައުންސިލުން ދަނީ ގޮޅިތައް ހަވާލު ކުރަމުންނެވެ.

ސިޓީ ކައުންސިލުން ގޮޅިތައް ހަވާލު ކުރާއިރު އަލަށް ގެނައި ބަދަލުތަކުގެ ތެރޭގައި އެ ކައުންސިލުން ރާނާފައިވާ ފާރަށްވުރެ އުސްވާގޮތަށް ދޮންކެޔޮ ފިޔަވައި އެއްވެސް އެއްޗެން ވިއްކަން ނުބެހެއްޓޭނެ އެވެ. އަދި އެ ކައުންސިލުން އަޅާފައިވާ ރީނދޫ ރޮނގުން ބޭރުގައި ވެސް އެއްވެސް އެއްޗެއް ވިއްކާކަށް ނުބެހެއްޓޭނެ އެވެ.

މީގެ އިތުރުން ގޮޅިތަކުގައި ތިބޭ މީހުންނަށް ހާއްސަ ފާހެއް ވެސް ސިޓީ ކައުންސިލުން ވަނީ ދޫކޮށްފަ އެވެ. ވިޔަފާރި ކުރާއިރު ފޮޓޯ ހުންނަ ލިޔުމާއި ފާސް ބޭނުން ކުރަން ޖެހޭނެ އެވެ. އަދި ވިޔަފާރި ކުރަން އެއްވެސް ބިދޭސީއަކު ނުބެހެއްޓޭނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ އަންގައިފަ އެވެ.