Roadha Mihaaru
މާލޭގެ މާރުކޭޓުތައް ހަވީރު ހަތަރެއްގެ ފަހުން ބަންދު

ކޮވިޑް-19: މާލޭގެ މާރުކޭޓުތައް ހަވީރު ހަތަރެެއްގެ ފަހުން ބަންދު

01 އެޕްރީލް 2020

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން މާދަމާ އިން ފެށިގެން ތިން ގަޑިއިރުގެ ކާފިއުއެއް ހިންގަން ނިންމުމުން، މާލޭގައި ހިންގާ މާރުކޭޓުތައް ހަވީރު 4:00 ގެ ބަންދުކުރަން ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން މާދަމާ އިން ފެށިގެން ތިން ގަޑިއިރުގެ ކާފިއުއެއް ހިންގަން ނިންމުމުން، މާލޭގައި ހިންގާ މާރުކޭޓުތައް ހަވީރު 4:00 ގެ ބަންދުކުރަން ނިންމައިފި އެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާދަމާ އިން ފެށިގެން މާލޭގައި މާރުކޭޓުތައް ހިންގޭނީ ހެނދުނު 6:00 އިން ފެށިގެން ހަވީރު 4:00 އަށް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލްގެ ދަށުން ހިންގާ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓާއި މަސް މާރުކޭޓުގެ އިތުރުން ވިލިމާލެ މާރުކޭޓު ކަމަށް ކައުންސިލުން ބުންޏެވެ.

މީގެ ކުރިން އާންމުކޮށް ރޭގަނޑު 10:00 އާ ހަމައަށް މި މާރުކޭޓުތައް ހިންގާ ކަމަށް ކައުންސިލުން ބުންޏެވެ.

މުޅި ދުނިޔެ އަށް މިހާރު ފެތުރިފައިވާ ކޮވިޑް-19 ފެތުރުން މަދުކުރުމަށްޓަކައި މާދަމާއިން ފެށިގެން ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އުޅޭ މީހުންނަށް މަގުމައްޗަށް ނުނިކުމެވޭނެ ގޮތް ވަނީ ކަނޑައަޅައިފަ އެވެ. އަދި ތިން މީހުންނަށް ވުރެ ގިނަ މީހުން ބޭރުގައި އުޅުން ވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ މަނާކޮށްފަ އެވެ.

ދަތުރުވެރިންގެ މާރުކޭޓު ހިންގޭ ވަގުތުތަކަށް ބަދަލު ގެނައި ކަމަށް ކައުންސިލުން ބުނި ނަމަވެސް، މަރާމަތުކުރަން މިދިޔަ އޮގަސްޓު މަހު އެ މަރުކޭޓު ބަންދުކުރުމަށް ފަހު އަލުން ނުހުޅުވަ އެވެ.

އެ ހަތަރު މާރުކޭޓުގެ އިތުރުން އެހެން މާރުކޭޓުތައް ވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގަ އެވެ. ނަމަވެސް އެ މާރުކޭޓުތަކަކީ ވިޔަފާރީގެ އުސޫލުން އިކޮނޮމިކް މިނިސްޓްރީން ހިންގާ ތަންތަން ކަމަށް ވުމުން، އެތަންތަން ހިންގާނީ އެޗްޕީއޭ އިން ނެރޭ ގަވާއިދުތަކާ އެއްގޮތަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ބައެއް މޭވާ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިިހާރު

މާރުކޭޓުގައި ވިއްކަން ބަހައްޓާފައި ހުރި ބައެއް މޭވާ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިިހާރު

މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ކޮވިޑް-19 ރާއްޖެއިން ފެނުނު ފަހުން، ރާއްޖެ އޮތީ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތެއްގައި ކަމަށް ސަރުކާރުން އިއުލާނުކުރި އެވެ. ސްކޫލްތަކާއި ސަރުކާރު އޮފީސްތަކުގެ އިތުރުން އެހެން ތަންތަން ވެސް ވަނީ ސަރުކާރުން މިހާރު ވަނީ ބަންދުކޮށްފަ އެވެ.

މި ބައްޔަށް ރާއްޖެއިން 18 މީހަކު ޕޮޒިޓިވް ވެފައިވާ އިރު، ރަނގަޅުވެފައިވާ 13 މީހުންނަކީ ޓޫރިސްޓުންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ ބިދޭސީންނެވެ. ރާއްޖޭގައި ފަރުވާ ހޯދަމުން އަންނަނީ އިނގިރޭސިވިލާތުން ރާއްޖެ އަށް އައި ތިން ދިވެހިންނެވެ. އަނެއް ދެ މީހުންނަކީ އިޓަލީ ދެ ރައްޔިތުންނެވެ. އެ ދެ މީހުން ބައްޔަށް ޕޮޒިޓިވްކަން އެނގުނީ، އިޓަލީ އަށް ފުރި ފަހުންނެވެ.