Roadha Mihaaru
ތަނެއް ނުދައްކައި މާރުކޭޓް ބަންދުކުރުމުން ކަންބޮޑުވެއްޖެ

ވަގުތީ ތަނެއް ނުދައްކައި، މާރުކޭޓު މަރާމާތަށް ބަންދު ކުރުމުން ކަންބޮޑުވެއްޖެ

01 ސެޕްޓެމްބަރ 2019

ވަގުތީ ތަނެއް ނުދައްކައި، ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް މަރާމާތު ކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލުން ބަންދުކުރުމުން، އެ ތަނުގައި މަސައްކަތް ކުރާ މީހުން ކަންބޮޑުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ވަގުތީ ތަނެއް ނުދައްކައި، ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް މަރާމާތު ކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލުން ބަންދުކުރުމުން، އެ ތަނުގައި މަސައްކަތް ކުރާ މީހުން ކަންބޮޑުވެއްޖެ އެވެ.

މާރުކޭޓުގެ ބޭރުގައި ތިބި މީހުންގެ ތެރެއިން ކަންބޮޑުވުން ފާޅުކުރި މީހަކު "މިހާރު" އަށް މިއަދު ބުނީ މަރާމާތުގެ ބޭނުމަށް ގޮޅި ހުސްކުރަން ސިޓީ ކައުންސިލުން އެއް މަސް ކުރިން ނޯޓިސް ދިނީ، މަސައްކަތް ކުރާނެ ވަގުތީ ތަނެއް ދައްކާނެ ކަމަށް ބުނެ ކަމަށެވެ. އެކަމަކު، ގޮޅިތައް ބަންދު ކުރުމާ ހަމައަށް ވަގުތީ ތަނެއް ކައުންސިލުން ނުދެއްކި ކަމަށް އޭނާ ބުންޏެވެ.

"އާމްދަނީ ހޯދޭނެ ހަމައެކަނި މަގު ބަންދުވެގެން މި ދިޔައީ. ކުލި ދައްކައި، ދަރިންނަށް ހަރަދުކޮށްގެން މި އުޅެނީ މާރުކޭޓްގެ ގޮޅިން ލިބުނު އެއްޗަކުން،" އެ ތަނުގައި ހުރި އެހެން މީހަކު ބުންޏެވެ.

މި މައްސަލައިގައި ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ފަޒީން މިއަދު ވިދާޅުވީ، މަރާމާތަށްޓަކައި ގޮޅިތައް ބަންދު ކުރާތީ، މާރުކޭޓުގެ ބޭރުގައި ޓެންޓު ޖަހައިގެން މަސައްކަތް ކުރެވޭނެ ޖާގަ ހޯދުމަށް ކައުންސިލުން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެ ފުރުސަތު ހޯދައި ނުދެވޭނެ ކަމަށް ގޮޅިތަކުގެ މީހުންނަށް އަންގާފައި ވާނެ ކަމަށް ވިދާޅުވި އެވެ.

ގޮޅިތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި ފަށާނެ އެވެ. ގާތްގަނޑަކަށް މަހެއްގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފަޒީން ވިދާޅުވި ގޮތުގައި، މިހާރު ހުރި ގޮޅިތައް ބޮޑުކުރުމުން، ގޮޅިތަކުގެ އަދަދު 63 އަށް މަދުވާނެ އެވެ. އޭރުން ޖާގަ ތަނަވަސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި މިހާރު ހުރީ 160 ގޮޅި އެވެ. އެ ގޮޅިތަކުގެ 80 ޕަސެންޓަށް ވުރެ ގިނައީ އެއްބަސްވުމާ ހިލާފަށް ތިބި މީހުން ކަމަށް ފަޒީން ވިދާޅުވި އެވެ.

"އެތަނަށް ބަދަލު ގެނެސް، މިހާރަށް ވުރެ ފަސޭހަ އަދި ހިތްގައިމު ގޮތަކަށް އެތަން ބަދަލު ކުރާނީ. އޭރުން ބޭނުންކުރާ މީހުންނަށް ވެސް ފަސޭހަވާނެ،" އޭނާ ވިދާޅުވި އެވެ.

ގޮޅިތައް މަރާމާތު ކުރުމަށް ފަހު، އެތަންތަން އަލުން ކުއްޔަށް ދޭނީ ގުރުއަތު ނަގައިގެންނެވެ. އެގޮތުން، ތިން ކެޓަގަރީއަކަށް ބަހާލާފައިވާއިރު، ފުރަތަމަ ކެޓަގަރީ ހާއްސަ ކޮށްފައި ވަނީ އެއްބަސްވުމާ އެއްގޮތަށް އެތަނުގައި މަސައްކަތް ކުރި މީހުންނަށެވެ. އެކަމަކު، އެ މީހުންނަށް ވެސް ގޮޅިތައް ދޭނީ ބިޑް ކޮށްގެންނެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ވިޔަފާރި ހިންގަން އަލަށް ފަށާ މީހުންނަށް ބީ ކެޓަގަރީ ހާއްސަކޮށްފައިވާއިރު ތިން ވަނަ ކެޓަގަރީ އަކީ އާއްމުކޮށް ދޫކުރާ ގޮޅިތަކެވެ.