Roadha Mihaaru
ކެލިފޯނިއާގައި ބަޑިޖަހައި ހަ މީހަކު މަރާލައިފި

ކެލިފޯނިއާގައި ބަޑިޖަހައި ހަ މީހަކު މަރާލައިފި

04 އެޕްރީލް 2022

ކެލިފޯނިއާގެ އަވަށެއްގައި އާދީއްތަ ވިލޭރޭ ދަންވަރު ބަޑި ޖަހައި އާންމުންގެ ހަ މީހަކު މަރާލައި އިތުރު 12 މީހަކު ޒަހަމްކޮށްލައިފި އެވެ.

ކެލިފޯނިއާގެ އަވަށެއްގައި އާދީއްތަ ވިލޭރޭ ދަންވަރު ބަޑި ޖަހައި އާންމުންގެ ހަ މީހަކު މަރާލައި އިތުރު 12 މީހަކު ޒަހަމްކޮށްލައިފި އެވެ.

މި ހާދިސާއާ ގުޅިގެން، އެކަމުގައި ބައިވެރިވި މީހުން ހޯދުމަށް، ކެލިފޯނިއާގެ ފުލުހުން އިއްޔެ ވަނީ ވަރަށް ފުޅާ ހަރަކާތެއް ހިންގައިފަ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރެވޭ ކަމަށް ކެލިފޯނިއާގެ ފުލުހުން ބުނެ އެވެ.

ކެލިފޯނިއާގެ ފުލުހުން ބުނި ގޮތުގައި ބަޑި ޖެހުމުގެ ހާދިސާ ހިނގާފައިވަނީ، ކެލިފޯނިއާގެ އަވަށެއް ކަމަށްވާ ސަކްރަމެންޓޯގެ މެދުތެރޭ ހިސާބެއްގަ އެވެ. އެ ސަރަހައްދަކީ ގިނަ އަދަދެއްގެ ނައިޓް ކްލަބްތަކާއި ރާ ފެކްޓަރީތައް ހުންނަ ސަރަހައްދެކެވެ.

ސަކްރަމެންޓޯގެ ފުލުހުންގެ ވެރިޔާ ކެތީ ލެސްޓާ ވިދާޅުވި ގޮތުގައި ބަޑި ޖެހުމުގެ ހާދިސާ ހިންގާފައިވަނީ އެކަކަށް ވުރެ ގިނަ މީހުންނެވެ. އާންމު ގޮތެއްގައި ދަންވަރުގެ ވަގުތުގައި މީހުން ހޭލައި އުޅޭ އެ ސަރަހައްދުގައި ބަޑި ޖެހީ އެ އަވަށުގެ މެދުތެރޭގައި ހުރި ކުޅިވަރު އެކުވެންޏަކާއި ކޮންސަޓް ހޯލެއްގެ ކައިރީގަ އެވެ.

ނަމަވެސް ބަޑި ޖެހުމުގައި ބައިވެރިވީ ކިތައް މީހުންކަން ކަށަވަރު ނުވާ ކަމަށާއި، ފެންނަން ހުރި ހެކިތަކަށް ބަލައި، އެކަމުގައި ބައިވެރިވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަކްރަމެންޓޯގެ ފުލުހުންގެ ވެރިޔާ ވިދާޅުވި އެވެ. އެހެންކަމުން، އެ ހާދިސާ ހިނގި އިރު އެ ސަރަހައްދުގައި އުޅުނު އާންމުންގެ އެހީތެރިކަމަށް ފުލުހުން މިހާރު ވަނީ އެދިފަ އެވެ.

މި ހާދިސާ ހިނގި އިރު، ބަޑީގެ އަޑު އިވޭ ހިސާބުގައި ފުލުހުން ފޯރި މަރަމުން ދިޔަ އެވެ. ބަޑި ޖެހި އަޑު އިވިގެން ފުލުހުން އެ ސަރަހައްދަށް ދިޔަ އިރު، ގިނަ އަދަދެއްގެ އާންމުން އެއްވެފައި އޮތް އިރު، އެމީހުންގެ މެދުގައި، މަރުވެފައި އޮތް ހަ މީހެއްގެ ހަށިގަނޑު އޮތް ކަމަށް ފުލުހުން ބުނެ އެވެ.

ސަކްރަމެންޓޯގައި ބަޑި ޖެހުމުގެ ހާދިސާއެއް ހިނގާފައި މިވަނީ، މީގެ ދެ ހަފުތާ ކުރިން އެ ސަހަރުގެ ފިރިހެނަކު ބަޑި ޖަހައި އޭނާގެ ތިން ދަރިންނާއި އިތުރު މީހަކު މަރާލައި، އޭގެ ފަހުން އަމިއްލަ ބޮލަށް ބަޑިޖަހައިގެން މަރުވި ހާދިސާއެއް ހިނގާފައި ވަނިކޮށެވެ.