Roadha Mihaaru
މުސާރަ ބޮޑުވީމަ ޓީޗަރުން މައްސަލަތައް ހައްލުވާނެ

މުސާރަ ބޮޑުވުމުން ޓީޗަރުންގެ މައްސަލަތައް ބޮޑުތަނުން ހައްލުވާނެ: މިނިސްޓަރު

06 އެޕްރީލް 2022

މުސާރައިގެ އާ އޮނިގަނޑާ އެކު ފެންވަރު ރަނގަޅު ޓީޗަރުން ނުލިބުމުގެ މައްސަލަ އަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މުސާރައިގެ އާ އޮނިގަނޑާ އެކު ފެންވަރު ރަނގަޅު ޓީޗަރުން ނުލިބުމުގެ މައްސަލަ އަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ތައުލީމީ ދާއިރާގެ އެންމެންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުކުރާނެ ކަމަށް އިއުލާނުކުރައްވައިފަ އެވެ. އެ ނިންމެވުމުގެ ނަތީޖާއަކީ ގްރެޖުއޭޓް ފެންވަރުގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ 12،628ރ. އިން 19،640ރ. އަށް ބޮޑުވުން ކަަމަށް އެ މަނިކުފާނު އޭރު ވިދާޅުވި އެވެ.

އޭގެ ތަފުސީލަށް ވަޑައިގެން، މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ މުސާރައިގެ އާ އޮނިގަނޑާ އެކު ވަޒީފާގެ ބާޒާރުގައި އެންމެ ރަނގަޅު އުޖޫރައެއް ލިބޭ ބަޔަކަށް ޓީޗަރުން ވާނެ ކަމަށެވެ. އޭގެ ސަބަބުން ޓީޗަރުން ނުލިބުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއާއެކު އަލަށް [ތައުލީމީ] ދާއިރާ އަށް ނުކުތުމަށް ހިތްވަރު ލިބި، ޝައުގުވެރިކަން އުފެދޭނެ. ހަމައެއާއެކު ދާއިރާ ދޫކޮށް ގޮސްފައިވާ ތަޖުރިބާހުރި މޮޅު ބައެއް ޓީޗަރުން އެނބުރި ދާއިރާއާ ގުޅޭނެ ކަމަށް ބެލެވޭ،" ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވި އެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެ ވައުދު ނުފުއްދަވައި ލަސްވަމުންދާތީ ޓީޗަރުންގެ ފަރާތުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގައި އެކަން ހުށަހަޅާފައިވެ އެވެ.

އަންނަ މަހުން ފެށިގެން ތައުލީމީ ދާއިރާގެ އެންމެންގެ މުސާރަ ބޮޑުކުރާނެ ކަމަށް އިއުލާނުކުރިއަސް، އެ ބަދަލުތަކުގެ ތަފްސީލެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މުސާރައިގެ ބަދަލުތަކުގެ ތަފްސީލު ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށެވެ. އޭގެ އިތުރުން ޕޭ ކޮމިޝަނުން އަންނަނީ ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ތައުލީމީ ދާއިރާގައި މި ވަގުތު ދާއިމީ ދިވެހި ޓީޗަރުންގެ ގޮތުގައި 6،498 ޓީޗަރުންނާއި ބިދޭސީ 1،730 އަދި ވަގުތީ 891 ޓީޗަރުންނާ އެކު ޖުމްލަ 9،119 ޓީޗަރުން މަސައްކަތްކުރެ އެވެ.