Roadha Mihaaru
ފަރުދީ ޒިންމާއިން އެކަނި ހައްލެއް ނެތް: މުއިއްޒު

ކޮވިޑްގެ ހާލަތު އޮތީ ފަރުދީ ޒިންމާއިން އެކަނި ހައްލުވާ ވަރަށްވުރެ ގޯސްކޮށް: މުއިއްޒު

05 މެއި 2021

ރާއްޖޭގައި ކޮވިޑްގެ ހާލަތު އޮތީ ހަމައެކަނި ރައްޔިތުން ފަރުދީ ޒިންމާ އަދާކޮށްގެން ހައްލުވާ މިންވަރަށް ވުރެ ގޯސްވެފައިވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި ކޮވިޑްގެ ހާލަތު އޮތީ ހަމައެކަނި ރައްޔިތުން ފަރުދީ ޒިންމާ އަދާކޮށްގެން ހައްލުވާ މިންވަރަށް ވުރެ ގޯސްވެފައިވާ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވީ މާލެ އާއި އަދި މުޅި ރާއްޖޭގައި ވެސް ރެކޯޑް މިންވަރަކަށް ކޮވިޑްގެ ކޭސްތައް ގިނަވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައި ވަނިކޮށެވެ.

ހާއްސަކޮށް މާލެ ސަރަހައްދުގެ ހާލަތު ގޯސްވެފައިވާކަން ފާހަގަކުރަމުން މުއިއްޒު ވިދާޅުވީ މި ވަގުތު އެންމެ ބޮޑަށް އިސްލާހު ކުރަންޖެހިފައި ވަނީ ސަރުކާރުގެ މިކަމާ ގުޅުންހުރި ޚާރިޖީ، ދާޚިލީ އަދި އިގުތިސާދީ ސިޔާސަތުތަކަށް ކަމަށެވެ.

ކޮވިޑްގެ ކޭސްތައް ކުއްލިއަކަށް އިތުރުވެ، ހާލަތު މާ ބޮޑަށް ގޯސްވީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން ކަމަށް ބުނެ އާންމުންގެ ފާޑުކިއުން ވެސް ވަނީ އަމާޒުވެފަ އެވެ.

"ކަން މިހެން އޮތް ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުތަކަށް ބޯލަނބައި، ފަރުދީ ޒިންމާ އަދާކުރުމުގެ މިސާލު ދައްކާ ބައެއްގެ ގޮތުގައި ވުމަށް އިލްތިމާސްކުރަން،" މުއިއްޒު ވިދާޅުވި އެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައި އޮތުމަށް ފަހު އިތުރުވާން ފެށީ މިދިޔަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ދިން ލުއިތަކާއި ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ފަހުގަ އެވެ.

ކޮވިޑަށް ޕޮޒިޓީވްވާ މީހުންގެ އަދަދު މި ހަފުތާގައި އިތުރުވަމުން އައިސް، އެންމެ ގިނަ ކޭސް އެއް ދުވަސް ތެރޭ ފެނިފައިވަނީ އިއްޔެ އެވެ. އެ 24 ގަޑިއިރު ތެރޭގައި މި ބައްޔަށް 601 މީހަކު ޕޮޒިޓީވްވެފައިވެ އެވެ. މިދިޔަ ދެ ދުވަހަށް ބަލާއިރު ކޮވިޑް ކޭސްތައް އެންމެ ގިނައީ ވެސް މާލޭގަ އެވެ.

ބަލިޖެހޭ މީހުންގެ އަދަދު ގިނަވެ ހޮސްޕިޓަލްތަކަށް ވެސް މިހާރު ވަނީ ބާރުބޮޑުވެ، ފަރުވާ ދިނުމުގައި ދަތިތައް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އިތުރުވެފަ އެވެ.