Roadha Mihaaru
ކުނި ކަހާ މީހުންގެ ވަޒީފާގެ ޔަގީންކަންދެން: މުއިއްޒު

ވެމްކޯގެ ކުނި ކަހާ މީހުން ވަޒީފާ ގެއްލި، މަގުމައްޗަށް ބިކަވިޔަ ނުދޭނަން: މުއިއްޒު

11 ސެޕްޓެމްބަރ 2022

މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނާއި ޕާކުތައް ސާފުކޮށް ބޭއްވުމާއި ކުނި ނެގުމަށް ވެމްކޯއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރަށް އާނުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމިޔަސް އޭގެ ސަބަބުން އެ މީހުން ވަޒީފާ ގެއްލި މަގުތަކަށް ބިކަވިޔަ ނުދޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނާއި ޕާކުތައް ސާފުކޮށް ބޭއްވުމާއި ކުނި ނެގުމަށް ވެމްކޯއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރަށް އާނުކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމިޔަސް އޭގެ ސަބަބުން އެ މީހުން ވަޒީފާ ގެއްލި މަގުތަކަށް ބިކަވިޔަ ނުދޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާލެ އާއި ވިލިމާލެ ކުނި ކަހައި ސާފުކުރުމަށް ވެމްކޯއާ އެކު އެންމެ ފަހުން ކައުންސިލުން ހެދި އެއްބަސްވުން ހަމަވާން އޮތީ އަންނަ ޑިސެމްބަރު 26 ގަ އެވެ. އެކަމަކު އެ މުއްދަތު ހަމަވުމުން އެއްބަސްވުން އާނުކޮށް ކައުންސިލުން މާލެ ސާފުކުރުމުގެ މަސައްކަތްކުރުމަށް ކައުންސިލުން ނިންމި ނިންމުމާ އެކު ވެމްކޯ އިން ވަނީ އެތަނުގައި އުޅޭ މުވައްޒަފުންގެ ވަޒީފާއާ މެދު ސުވާލު އުފައްދައިފަ އެވެ.

މަގުތައް ސާފުކޮށް ކުނި ކެހުމުގައި އުޅޭ ވެމްކޯގެ މުވައްޒަފުންތަކެއްގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވަނިކޮށް، މުއިއްޒު "މިހާރު" އަށް ވިދާޅުވީ ކައުންސިލުގެ އެ ނިންމުމުގެ ސަބަބުން އެ މީހުންގެ ވަޒީފާ ގެއްލިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ވެމްކޯގެ މުވައްޒަފުން މާލޭގެ މަގަކުން ކުނި ކޮތަޅުތައް ނަގަނީ-- މިހާރު ފައިލް ފޮޓޯ

ވެމްކޯގެ މުވައްޒަފުން މާލޭގެ މަގަކުން ކުނި ކޮތަޅުތައް ނަގަނީ-- މިހާރު ފައިލް ފޮޓޯ

މުއިއްޒު ވިދާޅުވީ ކައުންސިލުން މަސައްކަތްކުރާނީ އެއްވެސް ބައެއްގެ ވަޒީފާ ނުގެއްލޭނެ ގޮތަކަށް ކަމަށާއި އެ މީހުން ވެމްކޯއިން ވަކިކޮށްފި ނަމަ، ކައުންސިލުން މާލެ ތެރެ ސާފުކުރާ ޓީމަށް އެ މީހުން ނެގުމުގެ ފުރުސަތު ލިބިއްޖެ ނަމަ، އެކަން ކުރައްވާނެ ކަމަށެވެ.

"ކައުންސިލުން ނިންމާ ނިންމުމެއްގެ ސަބަބުން އެ މީހުން މަގުމަތިވެ ބިޔަވިކަޔަ ނުދޭނަން. އެ މީހުން ވަކިކުރިޔަސް [ވެމްކޯގެ ވަޒީފާއިން] ގާނޫނީ ގޮތުން ބަލާފައި ފުރުސަތު ލިބޭވަރަކުން ކައުންސިލުގެ މަސައްކަތަށް އެ މީހުން ނެގޭތޯ އަޅުގަނޑުމެން ބަލާނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ކައުންސިލުން މަސައްކަތްކުރަމުން އަންނަނީ މާލޭގެ މަގުތަކަށް ނެރެފައި ހުންނަ ކުނިތައް ވީހާ ވެސް އަވަހަކަށް އުކާލައި މަގުތައް ސާފުތަނެއްގެ ގޮތުގައި ބޭއްވުމަށް ކަމަށެވެ. ވެމްކޯ، "ސިސްޓަމުން" ބޭރުކޮށްލުމުގެ ވިސްނުން ކައުންސިލުން ނުގެންގުޅޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކ. ތިލަފުށީގައި ހުންނަ ވެމްކޯގެ ސައިޓުގައި ކުނި ނައްތާލުމުގެ މަސައްކަތްކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކ. ތިލަފުށީގައި ހުންނަ ވެމްކޯގެ ސައިޓުގައި ކުނި ނައްތާލުމުގެ މަސައްކަތްކުރަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތާ ކައުންސިލުން ހަވާލުވިޔަސް ވެމްކޯގެ މެންޑޭޓްގެ ދަށުން ކުނި މެނޭޖްކުރުމުގެ މަސައްކަތާއި ދެން ހުރި މަސައްކަތްތައް ވެސް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއުޅެނީ ވީހާވެސް އަަވަހަށް ކުނިތައް ނަގައި ސާފުކޮށް ބޭއްވުމަށް މަސައްކަތްކުރަން. ކޮޅުވެއްޓި އަށް ކުނިތައް އަޅައިގެން އެ ވަކި ތަނަކަށް އުކާލަން ގެންދާކަށް ނޫން. ވެމްކޯގެ މެންޑޭޓުގައި އެބަ އޮވޭ ކުނި މެނޭޖްކުރަން. އަޅުގަނޑުމެން ކުނި ނަގައިގެން ދިޔައިމަ ވެމްކޯ އަށް މެނޭޖްކުރުމުގެ މަސައްކަތްކުރެވޭނެ. ވެމްކޯ ސިސްޓަމުން ބޭރުކޮށްލާކަށް ނޫން މިއުޅެނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ވެމްކޯއަކީ 100 ޕަސެންޓް ސަރުކާރު ކުންފުންޏަކަށް ވިޔަސް ކައުންސިލުން ކުނި އުކައި ސާފުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ސަރުކާރަށް ހުރަސް ނޭޅޭނެ ކަމަށެވެ.

ވެމްކޯގެ އެއްބަސްވުން އާނުކުރަން ނިންމި މައްސަލައިގައި ކައުންސިލާއި ވެމްކޯގެ މެދުގައި ދެބަސްވުން ބޮޑުވެފައިވާއިރު ވެމްކޯ އިން ބުނީ ކައުންސިލުން އެ މަސައްކަތްކުރާ ނަމަ، ހަރަދުތައް މާ ބޮޑުވާނެ ކަމަށެވެ. އެކަމަކު ކައުންސިލުން އެ މަސައްކަތްކުރަން އުޅެނީ ވެމްކޯއަށް ކުރަންޖެހޭ ހަރަދު ބޮޑު ކަމަށާއި ރަނގަޅަށް ސާފުނުކުރާ ކަމަށް ބުނެ އެވެ.

ވެމްކޯއާ އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން މާލެ އާއި ވިލިމާލެ ސާފުކުރުމަށް އެ ކުންފުނިން 180 މުވައްޒަފުން ގެންގުޅެ އެވެ. އޭގެ ތެރެއިން 150 މުވައްޒަފުން މާލެ ބަލަހައްޓަމުން އަންނައިރު އަނެއް 30 މުވައްޒަފުންނަކީ ވިލިމާލެ ސާފުކޮށް ކުނި ނެގުމުގައި އުޅޭ މުވައްޒަފުންނެވެ.