Roadha Mihaaru
އެމެޒޯންގެ އިންޓަނެޓް ސެޓަލައިޓްތައް ފޮނުވަން 3 ރޮކެޓް

އެމެޒޯންގެ 3،000 އަށް ވުރެ ގިނަ އިންޓަނެޓް ސެޓަލައިޓްތައް ޖައްވަށް ފޮނުވާނީ ތިން ރޮކެޓްގައި

09 އެޕްރީލް 2022

ސެޓަލައިޓް މެދުވެރިކޮށް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ދިނުމަށް އެމެޒޯން އިން ބޭނުންކުރާނެ 3،000 އަށް ވުރެ ގިނަ ސެޓަލައިޓްތައް ޖައްވަށް ފޮނުވާނީ ތިން ރޮކެޓްގައި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސެޓަލައިޓް މެދުވެރިކޮށް ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ދިނުމަށް އެމެޒޯން އިން ބޭނުންކުރާނެ 3،000 އަށް ވުރެ ގިނަ ސެޓަލައިޓްތައް ޖައްވަށް ފޮނުވާނީ ތިން ރޮކެޓްގައި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމެޒޯން އިން މިދިޔަ ބުރާސްފަތި ދުވަހު ބުނީ ސެޓަލައިޓް އިންޓަނެޓްގެ ހިދުމަތް ދިނުމަށް އެ ކުންފުނިން ފަށާފައިވާ ޕްރޮޖެކްޓް "ކުއިޕާ" ގެ ދަށުން، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އެ ތިން ރޮކެޓް ބޭނުންކޮށްގެން ޖައްވަށް 83 ސެޓަލައިޓް ފޮނުވޭނެ ކަމަށެވެ.

އެ ހިދުމަތް ދިނުމުގައި އެމެޒޯންއާ އެންމެ ވާދަވެރި ކުންފުނި ކަމަށްވާ، މަހުޖަނު އީލޮން މަސްކްގެ "ސްޓާލިންކް" އިން ޖައްވަށް 2،300 އަށް ވުރެ ގިނަ ސެޓަލައިޓް ފޮނުވާފައިވެ އެވެ. އެ ކުންފުނިން އެ ހިދުމަތް ދޭން ވެސް ފަށާފައިވާއިރު، އެމީހުންގެ އަމާޒަކީ 30،000 އަށް ވުރެ ގިނަ ސެޓަލައިޓް ޖައްވަށް ފޮނުވުމެވެ.

އެމެޒޯންގެ އަމާޒަކީ 3،236 ސެޓަލައިޓް ބޭނުންކޮށްގެން އެ ހިދުމަތް ދިނުމެވެ.

އެކަމަށް ބޭނުންވާ ތިން ރޮކެޓް އުފެއްދުމުގެ މަސައްކަތް އެމެޒޯން އިން ކުރަނީ އެ ކުންފުނީގެ ވެރިޔާ ޖެފް ބޭޒޯސްގެ އަމިއްލަ ޖައްވީ ކުންފުނި ކަމަށްވާ ބްލޫ އޮރިޖިން އާއި ފްރާންސްގެ އެރިއެންސްޕޭސް އަދި އެމެރިކާގެ ޔުނައިޓެޑް ލޯންޗް އެލަޔަންސާ ގުޅިގެންނެވެ.

އެމެޒޯން އިން ބުނި ގޮތުގައި، އެ ޕްރޮޖެކްޓްގެ މަގުސަދަކީ އަމިއްލަ މީހުންނަށާއި ވިޔަފާރިތަކަށާއި ސަރުކާރުގެ އިދާރާތަކަށާއި ކާރިސާތަކާ ބެހޭ އޮޕަރޭޝަންތަކުގަ އާއި މޮބައިލް އޮޕަރޭޓަރުންނާއި އަދި އިންޓަނެޓްގެ ހިދުމަތް ލިބުން އުނދަގޫ ސަރަހައްދުތަކުގައި މަސައްކަތް ކުރާ މީހުންނަށް ހަލުވި ސްޕީޑްގައި އިންޓަނެޓް ލިބޭނެ ގޮތް ހަދައިދިނުމެވެ.