Roadha Mihaaru
އަހަރުގެ ފަހުކޮޅު ސްޓާލިންކް އިންޓަނެޓް މޮބައިލްކުރެވޭނެ

މި އަހަރުގެ ފަހުކޮޅު "ސްޓާލިންކް" އިންޓަނެޓް ވިއުގަ އެއްކޮށް މޮބައިލްކުރެވޭނެ

19 އެޕްރީލް 2021

މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސްގެ "ސްޓާލިންކް" އިންޓަނެޓް ވިއުގަ މޮބައިލްކުރުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފުރިހަމަވާނެކަން ޔަގީންކޮށް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސްގެ "ސްޓާލިންކް" އިންޓަނެޓް ވިއުގަ މޮބައިލްކުރުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފުރިހަމަވާނެކަން ޔަގީންކޮށް ދީފި އެވެ.

ހިދުމަތާ ބެހޭ ގޮތުން މީހަކު ކުރި ސުވާލަކާ ގުޅިގެން އީލޮން ކުރި ޓްވީޓެއްގައި ބުނީ "އަހަރުގެ ފަހުކޮޅު މުޅި ވިއުގަ މޮބައިލްކުރެވޭނެ" ކަމަށާއި "އޭރުން ކޮންމެ ތާކު ހުރެގެން ވެސް ސްޓާލިންކް އިންޓަނެޓްގެ ހިދުމަތް ލިބޭނެ" ކަމަށް ޓްވީޓްގައިވެ އެވެ.

"މިކަން ހާސިލުކުރުމަށްޓަކައި އެބަ ޖެހޭ އަދި އިތުރު ސެޓެލައިޓްތަކެއް ލޯންޗްކޮށް މުހިއްމު ސޮފްޓްވެއާތަކެއް އަޕްގްރޭޑްކުރަން،" އޭނާ ވިދާޅުވި އެވެ.

މިހާރު "ސްޓާލިންކް" ގެ އިންޓަނެޓް ލިބެނީ ވަކި ތަނެއްގައި ތިބެގެން ލިބޭ ގޮތަށެވެ. އެކަމަކު ވިއުގަ މޮބައިލްވުމުން އެ މީހަކު ހުރި ކޮންމެ ތާކުން ވެސް ހިދުމަތް ލިބޭނެ އެވެ.

ސްޕޭސް އެކްސްގެ އަމާޒަކީ "ސްޓާލިންކް" ގެ ހިދުމަތް އަންނަ އަހަރު ނިމުމުގެ ކުރިން މުޅި ދުނިޔެ އަށް ފުޅާކުރުމެވެ.

ސްޓާލިންކަކީ ޖައްވަށް އެތައް ސަތޭކަ ސެޓެލައިޓް ފޮނުވައިގެން ބިނާކުރަމުން އަންނަ ވިއުގައެކެވެ. އެގޮތުން 30،000 ސެޓެލައިޓް ލޯންޗްކުރަން އަމާޒު ހިފާފައިވާ އިރު، 12،000 ސެޓެލައިޓަށް އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން (އެފްސީސީ) އިން ހުއްދަ ދީފައިވެ އެވެ. އޭގެ ދަށުން މިހާތަނަށް 1،000 އަށް ވުރެ ގިނަ ސެޓެލައިޓް ލޯންޗްކޮށްފައިވެ އެވެ.

ސްޓާލިންކުން މިހާރު ކަނޑައަޅާއި އޮތް ސްޕީޑަކީ ސިކުންތަކު 50-150 މެގަބިޓެވެ. އަދި މި އަހަރުތެރޭ ސިކުންތަކު 300 މެގަބިޓް ސްޕީޑުގައި އިންޓަނެޓް ލިބޭނެ ގޮތް ހަދާނެ ކަމަށް ފެބްރުއަރީ މަހު އިއުލާންކޮށްފައިވެ އެވެ. މިއާ އެކު މި އަހަރު ނިމުމުގެ ކުރިން ލޭޓެންސީ 20 މިލިސިކުންތަށް ދަށްވާނެ ކަމަށާއި އެވްރެޖް ލޭޓެންސީ އުޅެނީ 20-40 މިލިސިކުންތާ ދޭތެރޭގައި ކަމަށް ސްޓާލިންކުން ބުނެ އެވެ.