Roadha Mihaaru
ސްޓާލިންކް އިންޓަނެޓަށް 500،000 އަށް ވުރެ ގިނަ އޯޑަރު

ސްޓާލިންކް އިންޓަނެޓަށް 500،000 އަށް ވުރެ ގިނަ އޯޑަރު

08 މެއި 2021

ސްޓާލިންކް އިންޓަނެޓަށް ފެބްރުއަރީ މަހުގެ ތެރޭގައި ޕްރީ-އޯޑަރަށް ހުޅުވައިލި ފަހުން މިހާތަނަށް 500،000 އަށް ވުރެ ގިނަ އޯޑަރު ލިބިފައިވާ ކަމަށް ކުންފުނީގެ ވެރިޔާ މަހުޖަނު އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޓާލިންކް އިންޓަނެޓަށް ފެބްރުއަރީ މަހުގެ ތެރޭގައި ޕްރީ-އޯޑަރަށް ހުޅުވައިލި ފަހުން މިހާތަނަށް 500،000 އަށް ވުރެ ގިނަ އޯޑަރު ލިބިފައިވާ ކަމަށް ކުންފުނީގެ ވެރިޔާ މަހުޖަނު އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުރަތަމަ 500،000 ކަސްޓަމަރުންނަށް ހިދުމަތް ދިނުމަކީ މާ ބޮޑު ކަމަކަށް ނުވާނެ ކަމަށެވެ. އެކަމަކު ސްޓާލިންކްގް ވިއުގަ އަދި އޮތް މަރުހަލާ އަށް ބަލާ އިރު، އަދަދު މިލިއަނުން މައްޗަށް އަރައިފި ނަމަ ހިދުމަތް ފޯރުކޮށް ދިނުމުގައި ގޮންޖެހުންތަކެއް ދިމާވެދާނެ ކަމަށް ވިދާޅުވި އެވެ.

ސްޓާލިންކް އިންޓަނެޓް ވިއުގަ އަކީ އީލޮންގެ ސްޕޭސް އެކްސް އިން ޖައްވަށް ދޫކުރާ ސެޓެލައިޓް ފައުޖެއްގެ އެހީގައި ބިނާކުރަމުން އަންނަ ވިއުގަކެވެ. މީގެ ހިދުމަތް މިހާރު ވެސް ބައެއް ސަރަހައްދުތަކަށް ލިބެމުން އަންނަ އިރު އަމާޒަކީ އިންޓަނެޓްގެ ހިދުމަތް ނުލިބޭ އެއްވެސް ސަރަހައްދެއް ދުނިޔޭގައި ނުބޭއްވުމެވެ. ހާއްސަކޮށް ރަށްފުށުގެ ސަރަހައްދުތަކަށް ސްޓާލިންކްގެ ހިދުމަތް ފޯރުކޮށްދޭން ހާއްސަ އިސްކަމެއް ދޭނެ އެވެ.

އެކަމަކު ހިދުމަތަށް ފުރަތަމަ އޯޑަރުކުރި 500،000 އަށް ވުރެ ގިނަ ކަސްޓަމަރުންގެ ތެރޭގައި ގިނައީ އާބަން ނުވަތަ ތަރައްގީވެފައިވާ ސަރަހައްދުތަކުގެ މީހުންނެވެ. އެކަން އިލޮންގެ ޓްވީޓްގައި ވެސް ފާހަގަކުރައްވާފައިވެ އެވެ.

ސްޓާލިންކްގެ އިންޓަނެޓްގެ ހިދުމަތަށް ފެބްރުއަރީ މަހުގެ ކުރީކޮޅު ހުޅުވައިލި އިރު، ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރެވޭނެ އެވެ. އެކަމަށް ބޭނުންވާ އީމެއިލް އެޑްރެސް އާއި އެޑްރެސް ޖެހުމުން އެ މީހަކު ބޭނުންވާ ތަނަކަށް އިންޓަނެޓް ހިދުމަތް ލިބޭ ނަމަ އެނގޭނެ އެވެ. ހިދުމަތުގެ ޕްރީ-އޯޑަރަށް 99 ޑޮލަރުގެ ޑިޕޮސިޓެއް ދައްކަންޖެހޭނެ އެވެ. އަދި ހާޑްވެއާ އަށް 499 ޑޮލަރާއި ޝިޕިން އަށް 50 ޑޮލަރު ދައްކަން ޖެހޭނެ އެވެ.

ސްޓާލިންކިން ބުނެފައިވާ ގޮތުގައި ވިއުގަ މި އަހަރުގެ ފަހުކޮޅު އެއްކޮށް މޮބައިލްކުރެވޭނެ އެވެ.