Roadha Mihaaru

އިމިގްރޭޝަނަށް ފިލަން ރިސޯޓަކުން 60 ބިދޭސީން މަޑުއްވަރީއަށް

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން ހިންގާ އޮޕަރޭޝަންގައި، އިމިގްރޭޝަނުން ރ. އަތޮޅުގައި އޮންނަ އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއަށް ދާ ކަމަށް ހީކޮށް، އެ ރިސޯޓުގެ 60 ބިދޭސީއަކު ފިލަން މަޑުއްވަރީ އަށް އަރައިފި އެވެ.

އިމިގްރޭޝަނަށް ފިލަން 60 ބިދޭސީން މަޑުއްވަރީއަށް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

20 ޖެނުއަރީ 2025

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން ހިންގާ އޮޕަރޭޝަންގައި، އިމިގްރޭޝަނުން ރ. އަތޮޅުގައި އޮންނަ އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއަށް ދާ ކަމަށް ހީކޮށް، އެ ރިސޯޓުގެ 60 ބިދޭސީއަކު ފިލަން މަޑުއްވަރީ އަށް އަރައިފި އެވެ.

ރ. މަޑުއްވަރީ ކައުންސިލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރަން ލޭބާ ރިލޭޝަން އޮތޯރިޓީން އެމަރަލްޑް ރިސޯޓަށް ދާ ކަން އެނގިގެން ބިދޭސީން ފުރީ ލޯންޗްތަކުގައި ކަމަށެވެ. އޭގެތެރެއިން އެއް ބަޔަކު މަޑުއްވަރީއަށް އެރިކަން ކައުންސިލަށް އެނގުނީ ފުލުހުންގެ ފަރާތުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިމިގްރޭޝަނަށް ފިލަން ރިސޯޓަކުން ރ. މަޑުއްވަރީއަށް ދިޔަ 60 ބިދޭސީންގެ ތެރެއިން ހޯދުނު 19 މީހުން: މި މީހުން އަނބުރާ ރިސޯޓަށް ވަނީ ފޮނުވާލާފައި. -- ފޮޓޯ | ކައުންސިލް

އިމިގްރޭޝަނަށް ފިލަން ރިސޯޓަކުން ރ. މަޑުއްވަރީއަށް ދިޔަ 60 ބިދޭސީންގެ ތެރެއިން ހޯދުނު 19 މީހުން: މި މީހުން އަނބުރާ ރިސޯޓަށް ވަނީ ފޮނުވާލާފައި. -- ފޮޓޯ | ކައުންސިލް

"ރ. ފަސްމަންދޫ، އެމަރަލްޑް އައިލެންޑް ރިސޯޓަކީ ކުރީގެ ހުރިހާ ސަރުކާރަަށް ވެސް އެނގިގެން، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހަމަ ގެންގޮސްގެން ހިންގާ ރިސޯޓެއް. އެއްވެސް ވަރަކަށް ނުބަލައި 2002 ވަނަ އަހަރުން ފެށިގެން، ހަމަ އެކަހަލަ މީހުން ގެންގޮސްގެން ހިންގާ ރިސޯޓެއް އެއީ،" އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އިއްޔެ ރޭ ފަތިހު މައުލޫމާތު ލިބެނީ އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީންތައް ލޯންޗުތަކުގައި ގޮސް ފަޅު ރަށްތަކަށާއި މީހުން ދިރިއުޅޭ ރަށްތަކަށް އެރި ކަމަށް. މި ރަށަށް ވެސް 60 ބިދޭސީން އެރި ކަމަށް."

ކައުންސިލުން ބުނި ގޮތުގައި މަޑުއްވަރީއަަށް އެރި ބިދޭސީން ހޯދަން ކުރި މަސައްކަތުން މިހާތަނަށް ފެނުނީ 19 މީހެކެވެ. އެ މީހުންނާ މެދު އަމަލުކުރަންވީ ގޮތެއް ކަމާ ގުޅޭ އިދާރާތަކުން ސާފުނުވެ ލަސްވުމުން އަނބުރާ ރިސޯޓަށް ފޮނުވާލީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެ ރަށަށް އެރި 60 މީހުންގެ ތެރެއިން ބާކީ ތިބި މީހުން އަދި ނުހޯދެ އެވެ.

"ސަރުކާރު އެކި އިދާރާތަކާ ގުޅައިގެން ވަރަށް މަސައްކަތް ކުރެވުނު އެ ބިދޭސީންނަށް ދެން ހަދަންވީ ކިހިނެއްތޯ ބަލަން. ޖަވާބެއް ނުލިބުމުން އަނބުރާ ފޮނުވާލީ،" އޮފިޝަލު ވިދާޅުވި އެވެ.

އިމިގްރޭޝަނަށް ފިލަން ރިސޯޓަކުން ރ. މަޑުއްވަރީއަށް ދިޔަ ބައެއް ބިދޭސީން. --ފޮޓޯ | ކައުންސިލް

އިމިގްރޭޝަނަށް ފިލަން ރިސޯޓަކުން ރ. މަޑުއްވަރީއަށް ދިޔަ ބައެއް ބިދޭސީން. --ފޮޓޯ | ކައުންސިލް

ކައުންސިލުން ބުނި ގޮތުގައި އެ ރަށަށް އެރި ބިދޭސީން ހޯދަން ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ މީހުން އުޅެނީ ރަށުގައި ތިބި ބިދޭސީންނާ ގުޅިގެން ތަންތަން ކުއްޔަށް ނަގައިގެން ކަމަށް ވެ އެވެ.

ގަވާއިދާ ހިލާފަށް ރިސޯޓެއްގައި އުޅުނު ގިނަ އަދަދެއްގެ ބިދޭސީން ފިލި މައްސަލާގައި އިިމިގްރޭޝަނުން ބުނީ ފުލުހުންނާ ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ރިސޯޓުން ރަށަށް އެރި ބިދޭސީއަކު އެއްވެސް ސަރަހައްދަކުން ފެނިއްޖެނަމަ ނުވަތަ އެއްވެސް މީހެއްގެ މައުލޫމާތު އެނގޭ ނަމަ އެންގުމަށް ކައުންސިލުން ވަނީ އިއުލާންކޮށްފަ އެވެ. އަދި އެއްވެސް ބިދޭސީއަކާ ރަށުގެ އެއްވެސް ފަރާތަކުން ހަވާލުނުވުމަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިމިގްރޭޝަނަށް ފިލަން ރިސޯޓަކުން ރ. މަޑުއްވަރީއަށް ދިޔަ 60 ބިދޭސީންގެ ތެރެއިން ހޯދުނު 19 މީހުންނާ ކައުންސިލުން ސުވާލުކުރަނީ.-- ފޮޓޯ: ކައުންސިލް

އިމިގްރޭޝަނަށް ފިލަން ރިސޯޓަކުން ރ. މަޑުއްވަރީއަށް ދިޔަ 60 ބިދޭސީންގެ ތެރެއިން ހޯދުނު 19 މީހުންނާ ކައުންސިލުން ސުވާލުކުރަނީ.-- ފޮޓޯ: ކައުންސިލް

ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނަގަން ފަށައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް "ކުރަނގި" އޮޕަރޭޝަން ފެށީ މިދިޔަ އަހަރުގެ މޭ މަހުގެ ދެ ވަނަ ދުވަހު އެވެ.

އިމިގްރޭޝަނަށް ފިލަން ރިސޯޓަކުން ރ. މަޑުއްވަރީއަށް ދިޔަ 60 ބިދޭސީންގެ ތެރެއިން ހޯދުނު 19 މީހުންނާ ކައުންސިލުން ސުވާލުކުރަނީ.-- ފޮޓޯ: ކައުންސިލް

އިމިގްރޭޝަނަށް ފިލަން ރިސޯޓަކުން ރ. މަޑުއްވަރީއަށް ދިޔަ 60 ބިދޭސީންގެ ތެރެއިން ހޯދުނު 19 މީހުންނާ ކައުންސިލުން ސުވާލުކުރަނީ.-- ފޮޓޯ: ކައުންސިލް

މުޅި އޮޕަރޭޝަނުގައި މިހާތަނަށް ވަނީ 25،483 މީހެއްގެ ބަޔޮމެޓޮރިކް މައުލޫމާތު ނަގައިފަ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް، މިދިޔަ އަހަރު އިމިގްރޭޝަނުން ފެށި އޮޕަރޭޝަނުގައި ވަނީ 5،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓު ކޮށްފަ އެވެ. އޭގެ ތެރޭގައި ފުޅާދާއިރާއެއްގައި ވިޔަފާރި ހިންގާ މީހުންނާއި ސައްހަ ވިސާ ނެތި ރާއްޖޭގައި އުޅެމުންދާ މީހުން ހިމެނެ އެވެ.