Roadha Mihaaru
ހިޔާފްލެޓްގެ ފިނިޝިންއަށް އޮޅުވާލާ މައްސަލަ ފާހެއް ނުވި

ފިނިޝިން އަށް ފައިސާ ނެގުމަށް ފަހު، ނުނިންމާ މައްސަލަ އަށް ބަހުސް ކުރަން ފާހެއް ނުވި

12 އެޕްރީލް 2022

ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތަށް ފައިސާ ނެގުމަށް ފަހު، އެ މަސައްކަތް ނުނިންމައި ފައިސާ އަނބުރާ ނުދޭ މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ އަށް ބަހުސް ކުރަން މިއަދު ފާހެއް ނުވި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތަށް ފައިސާ ނެގުމަށް ފަހު، އެ މަސައްކަތް ނުނިންމައި ފައިސާ އަނބުރާ ނުދޭ މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ އަށް ބަހުސް ކުރަން މިއަދު ފާހެއް ނުވި އެވެ.

އިދިކޮޅު ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ ހަ މެމްބަރެކެވެ. އަދި 29 މެމްބަރުން ވޯޓު ދެއްވީ އެ މައްސަލަ އަށް މަޖިލީހުގައި ބަހުސް ކުރަން ނުފެންނަ ކަމަށެވެ.

އާދަމް ޝަރީފްގެ ހުށަހެޅުއްވުމުގައި ބުނީ، ހިޔާ ފްލެޓްގެ ފިނިޝިން އަށް ދަރަންޏާއި އެހެނިހެން ގޮތް ގޮތުން ފައިސާ އާއި ތަކެތި ހޯދުމަށް ފަހު، ހަވާލުކުރި ބައެއް ކުންފުނިތަކުން މަސައްކަތް ނުކޮށް، ފައިސާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށެވެ. އަދި ފޫނުބެއްދޭވަރުގެ ގެއްލުމާއި ދަތިތައް ފްލެޓް ލިބުނު މީހުންނަށް ކުރިމަތިވެފައިވާ ކަމަށް އެ މައްސަލައިގައި ވެ އެވެ.

ފްލެޓް ލިބުނު މީހުންގެ އަތުން އޮޅުވާލައިގެން، ފިނިޝިންގެ މަސައްކަތް ކުރާ ކުންފުނިތަކުގެ ނަމުގައި ފައިސާ ހޯދުމާއި މަސައްކަތް ނުކޮށް ފައިސާ އަނބުރާ ނުދޭ މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެންނަން ހުށަހަޅުއްވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ފަރާތްތަކުން މި ފަހުން ހުށަހެޅި މިފަދަ އެއްވެސް މައްސަލައެއް ފާހެއް ނުވެ އެވެ.

މި ދައުރުގައި އިދިކޮޅު ފަރާތްތަކުން ހުށަހަޅައިގެން ބަހުސް ކުރަން ފާސްވީ ދެ މައްސަލައެކެވެ. އެ ފަހަރު ވެސް އިދިކޮޅަށް ވޯޓު ކާމިޔާބު ކުރެވުނީ އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ދެބައިވުންތަކުގެ ތެރެއިން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންގެ ވޯޓާއެކުގަ އެވެ. އެ މައްސަލަތަކަށް ވެސް ބަހުސް ކުރުމަށް ފަހު އިތުރަށް ކުރިޔަށް ގެންދާކަށް ފާހެއް ނުވެ އެވެ.

އެ މައްސަލަ އަށް އިޝާރާތް ކުރައްވައި ނަޝީދު މިއަދު ވިދާޅުވީ މަޖިލީހުގައި އެ މަނިކުފާނު ބިލްތައް ކުރިޔަށް ގެންދަވަނީ ގާނޫނުއަސާސީ ތަންދޭ އެންމެ ފުޅާމިނެއްގައި އަދި ޑިމޮކްރަޓިކް ހަމަތައް ނެގެހެއްޓުމާއި ހިޔާލު ތަފާތުވުމުގެ ފުރުސަތު ބަހުސް ކުރުމުގެ ތެރެއިން ޖާގަ ދިނުމުގައި އުންމީދުގައި ކަމަށެވެ.

ނަމަވެސް ބައެއް މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގއި ބަހުސް ހުއްޓުވުމަކީ އެއީ އެ ބޭފުޅުންނަށް އެންމެ ފައިދާ ހުރި ގޮތެވެ. ނަޝީދު ވިދާޅުވީ، އަނެއްބައި މެމްބަރުން ގަބޫލު ކުރައްވަނީ ބަހުސްކޮށް، ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.