Roadha Mihaaru
މިނިސްޓްރީން ވެލެންސިއާ އަށް ފައިސާގެ އިނާމު ވެސް ނުދޭ

މިނިސްޓްރީން ވެލެންސިއާ އަށް ދޭންޖެހޭ ފައިސާގެ އިނާމު ވެސް ނުދޭ: އޮފިޝަލް

12 އެޕްރީލް 2022

ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ހޯދުމުން، ވެލެންސިއާ އަށް ސްޕޯޓްސް މިނިސްޓްރީން ދޭންޖެހޭ ފައިސާގެ އިނާމު ވެސް އަދިވެސް ނުދޭ ކަމަށް އެ ކުލަބުން ބުނެފި އެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ހޯދުމުން، ވެލެންސިއާ އަށް ސްޕޯޓްސް މިނިސްޓްރީން ދޭންޖެހޭ ފައިސާގެ އިނާމު ވެސް އަދިވެސް ނުދޭ ކަމަށް އެ ކުލަބުން ބުނެފި އެވެ.

އޭއެފްސީ ކަޕުގެ މެޗުގެ ދަތުރު ހަރަދަށް ވެލެންސިއާ އަށް ފައިސާ ދޭން މަސައްކަތް ކުރި ނަމަވެސް ފައިސާ ޖަމާ ކުރެވިފައި ނުވަނީ އެ ކްލަބްގައި އެކައުންޓެއް ނެތުމުން ކަމަށް ޔޫތު މިނިސްޓްރީން އިއްޔެ ބުންޏެވެ. އަދި އެފްއޭއެމް މެދުވެރިކޮށް ފައިސާ ދޭން ބެލިއިރު ބަންދު ދެ ދުވަސް ކުރިމަތިވުމުން ފައިސާ ނުދެވުނީ ކަމަށް ވެސް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މިނިސްޓްރީގެ ބަޔާނަށް ރައްދު ދެމުން ވެލެންސިއާ އިން ބުނީ ޕްރެޒިޑެންޓް ކަޕުގެ ފައިސާގެ އިނާމު ވެލެންސިއާ އަށް ދީފައި ނުވަނީ ބަންދު ދުވަސްތަކެއް ކުރިމަތި ވެގެންތޯ ސާފުކުރަން ބޭނުންވާ ކަމަށެވެ.

"މި ދައްކަނީ ޖެނުއަރީ މަހު ކުޅެ ނިމުނު މުބާރާތެއްގެ ވާހަކަ. މިހާރު އެޕްރީލް ދެބައި މިވަނީ. ޕްރެޒިޑެންޓްސް ކަޕް ކާމިޔަބު ކުރުމުން ވެލެންސިއާ އަށް މިނިސްޓްރީން ދޭން ޖެހޭ ފައިސާ ޖަމާކޮށްދީފައެއް ނުވޭ. އެ ފައިސާ ވެސް ޖަމާކޮށްދިފައި ނުވަނީ ބަންދު ދުވަސްތަކެއް ކުރިމަތިވެގެންތޯ،" ސުވާލު އުފައްދައި ވެލެންސިއާގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެލެންސިއާގައި އެކައުންޓެއް ނެތްކަން މިނިސްޓްރީ އަށް އެނގޭނީ މިދިޔަ ހަފުތާގައި ނޫން ކަމަށެވެ.

"އަޅުގަނޑު ވެސް ގަބޫލުކުރަން ބޭންކް އެކައުންޓް މައްސަލަ އަށް އަދިވެސް ހައްލެއް ނުހޯދި އޮތުމަކީ މި ކްލަބްގެ މެނޭޖުމެންޓުގެ މައްސަލައެއްކަން،" އޭނާ ވިދާޅުވި އެވެ.

"ކުރިން ވެސް މިނިސްޓްރީ އަށް އެނގޭނެ މި ކްލަބްގައި އެކައުންޓް މައްސަލަ ޖެހިފައި ހުރިކަން. އެކަމަކު އޭރު ވެސް މިނިސްޓްރީ ތެރެއިން ވެލެންސިއާ އަށް ފައިސާ ލިބިފައި އެބަހުރި އެފްއޭއެމް މެދުވެރިކޮށް. ދެން ކީއްވެބާ ޕްރެޒިޑެންޓްސް ކަޕުގެ ފައިސާގެ އިނާމު ނުދީ މިއޮތީ."

ޕްރެޒިޑެންޓްސް ކަޕްގެ ފައިސާގެ އިނާމުގެ ގޮތުގައި ގާތްގަނޑަކަށް 600،000ރ. ދޭން ޖެހޭކަން ވެލެންސިއާގެ އޮފިޝަލް ފާހާގަކުރި އެވެ.

"ރައީސް މައުމޫން ދައުރުގައި ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ހޯދާ ޓީމަށް ދޭން ފެށީ 25،000ރ. އެއީ ސީދާ ސަރުކާރުން ދޭ އެއްޗެއް. އެ އަދަދު ބޮޑުވަމުން އައިސް މިހާރު ގާތްގަނޑަކަށް 500،000ރ. އާއި 600،000ރ. އަށް ފައިސާގެ އިނާމު ބޮޑުކޮށްފައި ވަނީ."

ޕްރެޒިޑެންޓްސް ކަޕް 2015 ގެ މުބާރާތް މާޒިޔާއިން ކާމިޔާބު ކުރުމުން އޭރުގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު ޒުހޫރުގެ އަތްޕުޅުން މާޒިޔާ އަށް 500،000 ރުފިޔާގެ ފައިސާގެ އިނާމުގެ ރަމްޒީ ޗެކް ހަވާލުކޮށްދެއްވަނީ: މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރި ވެލެންސިއާ އަށް އިނާމު ފައިސާ ދީފައި ނުވާ މައްސަލަ އެކްލަބުން ފާހަގަކޮށްފައި ވޭ --- ފައިލް ފޮޓޯ

ޕްރެޒިޑެންޓްސް ކަޕް 2015 ގެ މުބާރާތް މާޒިޔާއިން ކާމިޔާބު ކުރުމުން އޭރުގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު ޒުހޫރުގެ އަތްޕުޅުން މާޒިޔާ އަށް 500،000 ރުފިޔާގެ ފައިސާގެ އިނާމުގެ ރަމްޒީ ޗެކް ހަވާލުކޮށްދެއްވަނީ: މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރި ވެލެންސިއާ އަށް އިނާމު ފައިސާ ދީފައި ނުވާ މައްސަލަ އެކްލަބުން ފާހަގަކޮށްފައި ވޭ --- ފައިލް ފޮޓޯ

މީގެ ކުރިން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރި ޓީމުތަކަށް އިނާމު ފައިސާ ދީފައި ވެއެވެ. އެކަމަކު ޔޫތު މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ޕްރެޒިޑެންޓްސް ކަޕުގެ އިނާމުގެ ގޮތުގައި އެއްވެސް ފައިސާއެއް ދޭގޮތަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

"ދެ ޓީމު އަލިފުއްޓަށް ގެންދިއުމާއި އެކޮމެޑޭޝަން އަދި ކެއުމުގެ ހަރަދުތައް ކުރީ މިނިސްޓްރީން. ޕްރެޒިޑެންޓްސް ކަޕާ ގުޅިގެން ދޭން ޖެހޭ އެއްވެސް ފައިސާއެއް ނީނދޭ،" މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

ވެލެންސއިާގެ އޮފިޝަލް ވިދާޅުވީ އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ މަރުހަލާގެ ދެވަނަ ބުރު ވެލެންސިއާ އަށް ޔަގީންވި ހިސާބުން ބަންގްލަދޭޝް އަށް ދަތުރުކުރަން ޖެހޭ ކަމަށް މިނިސްޓްރީ އަށް ސިޓީ އަކުން އެންގި ކަމަށެވެ.

"ފުރަތަމަ ބުރު ކުޅެފައި މޮޅުވީމަ މި އެނގެނީ ދެވަނަ ބުރަށް ދާން ޖެހޭކަން. ކުރިން ކިނެއްތޯ އެނގޭނީ ދަތުރުކުރަން ޖެހޭނެ ކަމެއް ވެސް. އޭގެ އަނެއް ދުވަހު މިނިސްޓްރީ އަށް ސިޓީ ފޮނުވިން. ކުރިން ވެސް މިނިސްޓްރީ އަށް އެނގިފައި އޮންނާނެ ވެލެންސިއާގެ އެކައުންޓް މައްސަލަ ކުރިމަތިވެފައިވާކަން،" ވެލެންސިއާގެ އޮފިޝަލް ވިދާޅުވި އެވެ.

"ކީއްވެބާ އެ ދުވަހު ވެސް އެފްއޭއެމް މެދުވެރިކޮށް ފައިސާ ޖަމާކުރަން މަސައްކަތް ނުކުރީ. "އެ މަރުހަލާގެ ތެރެއިން ދިޔަ ނަމަ ވެލެންސިއާ މިހާރު ތިބޭނީ ބަންގްލަދޭޝްގައި."

ވެލެންސިއާ ބަންގްލަދޭޝް އަށް ފުރަން މިނިސްޓްރީން ނަގައިދިން ޓިކެޓަށް 28،809 ޑޮލަރު (444،234.78ރ.) ހަރަދުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ފައިސާ ރީފަންޑް ކުރެވޭނެ ގޮތެއް ނެތުމުން ކުރިއަށް އޮތް ތަނުގައި ވެލެންސިއާ އަށް ފައިސާ ދޫކުރަނީ އެބައި އުނި ކުރުމަށް ފަހު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ވެލެންސިއާ މިއަދު ކުޅޭ ގޮތަށް އޭއެފްސީން ވަނީ ޝެޑިއުލްކޮށްފަ އެވެ. ވެލެންސިއާ މެޗަށް ހާޒިރު ނުވިކަމަށް ބަލައި އޭއެފްސީން ވަނީ އަބަހާނީ ޕްލޭއޮފް ބުރަށް ކޮލިފައިކޮށްފަ އެވެ. އަދި ވެލެންސިއާ އަށް ޖޫރިމަނާއެއް އަންނާނެ ކަމަށް ބެލެވެ އެވެ.

ޕްލޭއޮފްގައި އަބަހާނީ ނުކުންނާނީ އިންޑިއާގެ މޯހަން ބަގާން ނުވަތަ ސްރީ ލަންކާގެ ބުލޫ ސްޓާ އެފްސީގެ ތެރެއިން ޓީމަކާ ދެކޮޅަށެވެ. އޭއެފްސީ ކަޕްގައި ދެކުނު އޭޝިއާގެ ގުރޫޕް ސްޓޭޖުގެ ހަތަރުވަނަ ޖާގަ ލިބޭނީ ޕްލޭއޮފް ކާމިޔާބުކުރާ ޓީމަކަށެވެ. ގުރޫޕް ސްޓޭޖުން މިހާރު ވެސް ޖާގަ ކަށަވަރުކޮށްފައި ވަނީ ރާއްޖޭގެ މާޒިޔާ އާއި ބަންގްލަދޭޝްގެ ބޮށުންދަރާ ކިންގްސްގެ އިތުރުން އިންޑިއާގެ ގޮކުލަމް ކެރަލާ އެފްސީ އެވެ.