Roadha Mihaaru
މާލޭގެ އަވަށު ސްކޫލުތަކާ ސިޓީ ކައުންސިލުން ހަވާލުވެއްޖެ

މާލޭގެ އަވަށު ސްކޫލުތަކާ ސިޓީ ކައުންސިލުން އަލުން ހަވާލުވެއްޖެ

14 އެޕްރީލް 2022

މާލޭގެ އަވަށު ސްކޫލުތަކާ ސިޓީ ކައުންސިލުން އަލުން ހަވާލުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މާލޭގެ އަވަށު ސްކޫލުތަކާ ސިޓީ ކައުންސިލުން އަލުން ހަވާލުވެއްޖެ އެވެ.

މޭޔަރު ޑރ. މުހައްމަދު މުއިއްޒު "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ނިންމުން ނިންމެވީ މާލޭގެ އަވަށު ސްކޫލުތައް ބެލެހެއްޓުމަކީ ސިޓީ ކައުންސިލުގެ ޒިންމާއެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނުމުން ކަމަށެވެ.

"އެ ބޭފުޅުން ވިދާޅުވީ، އަވަށު ސްކޫލުތައް ބެލެހެއްޓުމަކީ ގާނޫނީ ގޮތުން ކައުންސިލްތަކުގެ ބެލެނިވެރިކަމުގެ ދަށުން ކުރަންޖެހޭ ކަމެއް ކަމަށް. އެ ބޭފުޅުން އެޓާނީ ޖެނެރަލްގެ ލަފާ ވެސް ފޮނުއްވި. އަޅުގަނޑުމެންނަށް ވެސް ކުޑަ އޮޅުމެއް އަރާފައި އޮތް ކަމެއް އެއީ ކުރިން،" މުއިއްޒު ވިދާޅުވި އެވެ.

މިހާރު މާލޭގައި އަވަށު ސްކޫލުގެ ގޮތުގައި ހިންގަނީ މާފަންނު މަދަރުސާ އާއި ގަލޮޅު ސްކޫލެވެ. ކުރިން އަވަށު ސްކޫލުގެ ގޮތުގައި ހިންގަމުން އައި އަމީރު އަހުމަދު ސްކޫލާއި މައްޗަންގޮޅި އަވަށު މަދަރުސާ ނުވަތަ މިހާރުގެ ނަމުން ނަމަ އަހުމަދިއްޔާ ސްކޫލު ވަނީ އިންޓަނޭޝަނަލް ސްކޫލުތަކަށް ބަދަލުކޮށްފަ އެވެ.

މުއިއްޒު ވިދާޅުވީ، އަވަށު ސްކޫލުތަކާ ސިޓީ ކައުންސިލުން ބައްދަލުކޮށް، ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާ މިހާރު ފަށާފައިވާ ކަމަށެވެ.

މޭޔަރު މުއިއްޒު "މިހާރު" އާ ވާހަކަ ދައްކަވަނީ: އަވަށު ސްކޫލުތަކުގެ ހާލަތު ގެންދަވަނީ ބައްލަވަމުން---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މޭޔަރު މުއިއްޒު "މިހާރު" އާ ވާހަކަ ދައްކަވަނީ: އަވަށު ސްކޫލުތަކުގެ ހާލަތު ގެންދަވަނީ ބައްލަވަމުން---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އެ ސްކޫލްތައް ހިންގަން ސިޓީ ކައުންސިލުން އަދާކުރާނެ ޒިންމާ އާއި ދެވޭނެ އެހީތެރިކަމާ ގުޅޭ ގޮތުން މިދަނީ މަޝްވަރާ ކުރަމުން. އަވަށު ސްކޫލްތަކުގެ ފައިދާ އަވަށް އަދި މާލޭގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ލިބޭނެ ގޮތެއް އަޅުގަނޑުމެން ބަލާނަން،" މޭޔަރު ވިދާޅުވި އެވެ.

"އަދި ވަރަށް އިނީޝަލް ސްޓޭޖުގައި މި އުޅެނީ."

އަވަށު ސްކޫލުތަކާ ގުޅޭ ތަފުސީލީ މައުލޫމާތު ހޯދަން ސިޓީ ކައުންސިލުން އެދުމުން އެ މައުލޫމާތު ވެސް މިހާރު ވަނީ ކައުންސިލާ ހިއްސާކޮށްފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އަވަށު ސްކޫލުތަކާ އޭރުގެ ސިޓީ ކައުންސިލުން ހަވާލުވި އެވެ. އެކަމަކު، ވަކި ހިސާބަކުން އަނެއްކާވެސް އެ ކަން އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުވި އެވެ.

އަވަށު ސްކޫލްތައް ފަހުން ހިންގީ އެޑިއުކޭޝަން މިނިސްޓްރީން ކަމަށް ވިޔަސް ގާތްގަނޑަކަށް ހުރިހާ ކަމެއް ބަލަހައްޓަނީ އެ ސްކޫލެއްގެ އަމިއްލަ ބަޖެޓުންނެވެ. ގިނަ ޓީޗަރުން ސިވިލް ސާވިސް ކެޓަގަރީ އަށް ފައްތާފައި ނުވާއިރު، އެ މީހުން މަސައްކަތް ކުރަނީ ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގަ އެވެ. އަދި އެހެން ޓީޗަރުންނަށް ދެމުން އަންނަ އިތުރު ގަޑީގެ ފައިސާ ވެސް އަވަށު ސްކޫލްތަކުގެ ޓީޗަރުންނަށް ނުލިބެ އެވެ.

މިހާރު ވެސް ބައެއް ސްކޫލްތަކުގެ ކަރަންޓާއި ފެން ބިލްތަކާއި އެހެން ބައެއް މަސައްކަތްތަކުގެ ބިލްތައް ވެސް ނުދެއްކި ވަނީ ތާށިވެފައި ކަމަށް ވެ އެވެ. އަދި ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން މުސާރަ އިން އުނިކުރި ބައި ވެސް އަނބުރާ ނުދެވެ އެވެ. ނަމަވެސް އެ ބަލިމަޑުކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން އަވަށު ސްކޫލުތަކަށް 40،000ރ. ދިން ކަމަށް އެނގިފައިވެ އެވެ.