Roadha Mihaaru
ގުރައިދޫ މަރުކަޒު މީހެއްގެ ފައިސާ ނެގި މައްސަލައެއް

ގުރައިދޫ މަރުކަޒުގެ މުވައްޒަފަކު ދައުލަތުން ބަލަހައްޓާ މީހެއްގެ އެކައުންޓުން ވައްކަންކޮށްފި

12 ޖޫން 2023

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ގެންގުޅޭ މީހެއްގެ އެކައުންޓުން ވަގަށް ފައިސާ ނެގި ކަމުގެ ތުހުމަތުގައި އެތަނުގައި މަސައްކަތްކުރާ ސުޕަވައިޒަކު ސަސްޕެންޑްކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ގެންގުޅޭ މީހެއްގެ އެކައުންޓުން ވަގަށް ފައިސާ ނެގި ކަމުގެ ތުހުމަތުގައި އެތަނުގައި މަސައްކަތްކުރާ ސުޕަވައިޒަކު ސަސްޕެންޑްކޮށްފި އެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ އެކަހަލަ މައްސަލައެއް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބަލާ ނިމެންދެން އެކަމުގައި ތުހުމަތު ކުރެވޭ މުވައްޒަފު ސަސްޕެންޑްކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މައްސަލަ ބަލައި ނިމުމުން އޮންނަ އުސޫލުގެ ދަށުން މުވައްޒަފާ މެދު ފިޔަވަޅު އަޅަން ޖެހޭ ނަމަ، ސިވިލް ސާވިސްގެ ގަވާއިދާ އެއްގޮތަށް މުވައްޒަފާ މެދު ފިޔަވަޅު އެޅޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، އެ މަރުކަޒުގައި ގެންގުޅޭ ބަލި މީހެއްގެ އެކައުންޓުން ފައިސާ ނެގީ އެތަނުގައި އެސިސްޓެންޓް ސުޕަވައިޒަރެއްގެ މަގާމުގައި ހުރި މީހެކެވެ. ނަމަވެސް، އެ އެކައުންޓުން އޭނާ ނެގީ ކިހާ ފައިސާއެއް ކަމެއް ކަށަވަރުވާ ގޮތެއް އަދި ނުވެ އެވެ.

ދައުލަތުގެ އެހީ ކޮންމެހެން ބޭނުންވާ މީހުންނަށް އެ ހައްގު ކަށަވަރުކޮށްދިނުމަށް 1976 ގައި ހުޅުވި ގުރައިދޫ މަރުކަޒު މިހާރު ވެފައި ވަނީ އާއިލާތަކުން ބަލަން މަސައްކަތަކަށްވެ، އުމުރުން ދުވަސްވީ މީހުން ގެންގޮސް ލާ ތަނަކަށެވެ.

އެ މަރުކަޒު ނަފުސާނީ ބަލި މީހުންނަށް ހާއްސަކުރިޔަސް، އެތަނުގައި ތިބީ އެ ބަލިތަކުގެ މީހުން އެކަންޏެއް ނޫނެވެ. ރަނގަޅުވެފައި ތިބި މީހުންނާއި އެއްވެސް ބައްޔެއް ނެތަސް އެތަނަށް ގެންދާ ހާލަތު ގަދަކަމުން ކުރިމަތިކުރުވި މީހުން ވެސް ހިމެނެ އެވެ.

އެ މަރުކަޒުގެ ކެޕޭސިޓީ އަށް ވުރެ ވެސް އިތުރަށް މިހާރު އެތަނުގައި މީހުން ވެސް އެބަ ތިއްބެވެ. ޖުމްލަ 160 މީހުންގެ ޖާގައިގެ އެތަނުގައި 200 އެއްހާ މީހުން ބަލަހައްޓަ އެވެ.