Roadha Mihaaru
އާއިލާ ދޫކޮށްލިފަހުން ހެރީ އާއި މޭގާން ރާނީގެ އަރިހަށް

ޝާހީ އާއިލާ ދޫކޮށްލެއްވި ފަހުން ފުރަތަމަ ފަހަރަށް ހެރީ އާއި މޭގަން ރާނީގެ އަރިހަށް

17 އެޕްރީލް 2022

އިނގިރޭސި ޝާހީ އާއިލާ ދޫކޮށްލެއްވި ފަހުން ފުރަތަމަ ފަހަރަށް ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކްލް އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ އަރިހަށް ޒިޔާރަތްކުރައްވައިފި އެވެ.

އިނގިރޭސި ޝާހީ އާއިލާ ދޫކޮށްލެއްވި ފަހުން ފުރަތަމަ ފަހަރަށް ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކްލް އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ އަރިހަށް ޒިޔާރަތްކުރައްވައިފި އެވެ.

އެ ދެކަނބަލުންގެ ތަރުޖަމާނާ ހަވާލާދީ، މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި ހެރީ އާއި މޭގަން ރާނީގެ އަރިހަށް ޒިޔާރަތްކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ރާނީގެ އަރިހަށް ވަޑައިގެންނެވީ، ނެދަލޭންޑްސްގައި މިހާރު ކުރިއަށްދާ އިންވިކްޓަސް ގޭމްސްގައި ބައިވެރިވެވަޑައިގަތުމަށް އެ ދެކަނބަލުން ކުރައްވާ ދަތުރުފުޅު ފެއްޓެވުމުގެ ކުރިންނެވެ.

އެ ޒިޔާރަތުގައި ހެރީގެ ބައްޕާފުޅު، ޕްރިންސް ޗާލްސްގެ އަރިހަށް ވެސް ދެކަނބަލުން ވަޑައިގެންނެވި ކަމަށްވެ އެވެ.

ޝާހީ ޒިންމާތައް ދޫކޮށްލައްވައި، އެ ދެކަނބަލުން އެމެރިކާގެ ލޮސް އެންޖެލިސް އަށް ބަދަލުވެވަޑައިގަތީ، 2020 ވަނަ އަހަރު އެވެ. އެމެރިކާ އަށް ދިރިއުޅުން ބަދަލުކުރެއްވީ އަމިއްލަ ސާދާ ދިރިއުޅުއްވުމެއް އުޅުއްވުމުގެ އުންމީދުގައި ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ފަހުން އެކި މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި ޝާހީ އާއިލާއިން އެ ދެކަނބަލުންނާ މެދުގައި ކަންތައް ކުރެއްވި އިހާނެތިގޮތުގެ ވާހަކަތައް ވެސް ދައްކަވާފައިވެ އެވެ.

ލަންޑަންގައި ހުންނަ ޝާހީ ގެކޮޅެއް ކަމަށްވާ ކެންގްސްޓަން ޕެލެސްގައި ބެހެއްޓި، ޕްރިންސް ހެރީގެ މަންމާފުޅު، ޕްރިންސެސް ޑަޔާނާގެ ހަނދާނީ ބިނާ ހުޅުވުމަށް މިދިޔަ އަހަރު ބޭއްވި ރަސްމިއްޔާތަށް އޭނާ ވަޑައިގެންނެވި ނަމަވެސް، ރާނީގެ އަރިހަށް ޒިޔާރަތެއް ނުކުރައްވަ އެވެ.

އެ ރަސްމިއްޔާތުގައި އޭނާއާ އެކު، ބޭބޭފުޅު ޕްރިންސް ވިލިއަމްސް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.