Roadha Mihaaru
ޓީމުގެ މައްސަލަ އަކީ ޑިފެންސް: ސަޑިއްކެ

ޓީމުގެ މައްސަލަ އަކީ ޑިފެންސް: ސަޑިއްކެ

25 ޑިސެމްބަރ 2016

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ފުރަތަމަ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުގެ ފައިނަލުން ފުރުސަތު ގެއްލިފައިވާއިރު ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ޑިފެންސް ދަށްވުން ކަމަށް ޓީމުގެ އެސިސްޓަންޓް ކޯޗު އިބްރާހިމް ޝިހާމް (ސަޑިއްކެ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ފުރަތަމަ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުގެ ފައިނަލުން ފުރުސަތު ގެއްލިފައިވާއިރު ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ޑިފެންސް ދަށްވުން ކަމަށް ޓީމުގެ އެސިސްޓަންޓް ކޯޗު އިބްރާހިމް ޝިހާމް (ސަޑިއްކެ) ބުނެފި އެވެ.

ފުރަތަމަ މެޗުގައި ނޭޕާލް އަތުން ރާއްޖެ ބަލިވީ ތިން ސެޓު އެއް ސެޓުންނެވެ. އެކަމަކު އިއްޔެ ކުޅުނު ދެ ވަނަ މެޗުން ކިރްގިސްތާން އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މި ދެ މެޗުގައި ވެސް ޓީމުގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔަ އެވެ.

"މި މުބާރާތުގައި ވާދަކުރާ އެހެން ޓީމުތައް ވެސް މިއޮތީ ރަނގަޅުކޮށްފައި. ރާއްޖޭގެ އެޓޭކުގައި އެއްވެސް މައްސަލައެއް ނެތް. މައްސަލަ އަކީ ބްލޮކާއި ޑިފެންސް. މި މައްސަލަ ދިމާވެގެން ބަލިވާން މި ޖެހުނީ،" އިއްޔެ މެޗަށް ފަހު ސަޑިއްކެ ބުންޏެވެ.

މި މުބާރާތަށް ތައްޔާރުވުމަށް ރާއްޖޭން ވަނީ ސްރީލަންކާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކޮށްފަ އެވެ. ގައުމީ ޓީމުގެ ކޯޗު ލަންކާގެ ކުމާރް ވެންޑަކޫންގެ އިރުޝާދުގެ ދަށުން އެ ގައުމުގައި ކުރިޔަށްގެންދިޔަ ޓްރެއިނިން ކޭމްޕަކީ ގައުމީ ޓީމު ފަަހަކަށް އައިސް ބޭއްވި އެންމެ ދިގު ޓްރެއިނިން ކޭމްޕެވެ.

"ޓްރެއިނިން ކޭމްޕްގައި ވެސް މަސައްކަތް ކުރީ ފުރަތަމަ ޕާހާއި ބްލޮކް އަދި ޑިފެންސް ރަނގަޅުކުރަން. އެކަމަކު މި މުބާރާތުގައި އެކަމެއް އަދި ނުފެނޭ. ރީސީވާއި ބްލޮކްގެ ބައި ވަރަށް ދަށްކޮށް ދަނީ. ސްޕައިކާއި އެއްޗެއް ވަރަށް ބޮޑުތަން ރަނގަޅުކޮށްފި،" ސަޑިއްކެ ބުންޏެވެ.

އިއްޔެ ކިރްގިސްތާން އަތުން ބަލިވުމުގެ ފަހަތުގައި ރެފްރީގެ ގޯސް ނިންމުތަކެއް ވެސް ދައުރެއް އަދާކުރި ކަމަށް ސަޑިއްކެ ބުންޏެވެ.

"ވަކި ހިސާބަކުން މެޗު ގެއްލެން ދިމާވި އެއް ސަބަބެއް ރެފްރީގެ ގޯސް ނިންމުންތަކަކީ ވެސް. ރެފްރީގެ ނުރަނގަޅު ނިންމުތަކުގެ ސަބަބުން އަހަރެމެންނަށް ޕްރެޝަރު ބޮޑުވި. ހަގީގަތުގައި އެ ޕްރެޝަރާ އެކު ކުޅުންތެރިންނަށް ވެސް ކުޅެނުގަނެވުނީ" އިއްޔެގެ މެޗާ ބެހޭގޮތުން ސަޑިއްކެ ބުންޏެވެ.

ރާއްޖެ ކުޅޭ ތިން ވަނަ މެޗުގައި މިއަދު ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ. އަފްގާނިސްތާން މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ރާއްޖެއާ ދެކޮޅަށް އެ ޓީމު ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.