Roadha Mihaaru
ގައުމީ ވޮލީ ޓީމު ކުޅުނު ދެ މެޗުން ވެސް ބަލިވެއްޖެ

ފަހު ވަގުތު މުބާރާތަށް ގޮސް ކުޅުނު ދެ މެޗުން ވެސް ވޮލީ ޓީމު ބަލިވެއްޖެ

26 ޑިސެމްބަރ 2021

ޓީމުން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާ ގުޅިގެން، ފުރުން ލަސްކޮށް، ފަހު ވަގުތު ސެންޓްރަލް ޒޯން މުބާރާތަށް ބަންގްލަދޭޝް އަށް ދިޔަ ގައުމީ ވޮލީ ޓީމުން ކުޅުނު ދެ މެޗުން ވެސް ބަލިވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޓީމުން ކޮވިޑް-19 ގެ ކޭސްތަކެއް ފެނުމާ ގުޅިގެން، ފުރުން ލަސްކޮށް، ފަހު ވަގުތު ސެންޓްރަލް ޒޯން މުބާރާތަށް ބަންގްލަދޭޝް އަށް ދިޔަ ގައުމީ ވޮލީ ޓީމުން ކުޅުނު ދެ މެޗުން ވެސް ބަލިވެއްޖެ އެވެ.

މި މަހު 19 ވަނަ ދުވަހު ބަންގްލަދޭޝް އަށް ފުރަން މަސައްކަތް ކުރި ނަމަވެސް ދަތުރު ލަސްވީ ޓީމުން ކޮވިޑް ފެނުމުންނެވެ. އެހެންވެ ބަންގްލަދޭޝް އަށް ޓީމު ދިޔައީ މުބާރާތަށް ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ. ޓީމުގެ މުހިންމު ތިން ކުޅުންތެރިއަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. ފުރަތަމަ މެޗުގައި މިދިޔަ ހުކުރު ދުވަހު ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.

އެ މެޗުގެ ސެޓްތައް ބަންގްލަދޭޝްއިން ގެންދިޔައީ 25-14، 25-19 އަދި 25-22 އިންނެވެ.

ކޮވިޑް ޖެހުނު ކުޅުންތެރިން ބާކީ ކުރުމަށް ފަހު، ޓީމު ފުރީ ފައިނަލް ސްކޮޑުން ބާކީ ކުރި ބައެއް ކުޅުންތެރިން ގޮވައިގެންނެވެ. މުބާރާތަށް ދާން ހަމަޖެހުނު ޓީމަށް ބަދަލުތައް ގެނައި ނަމަވެސް ދެވަނަ މެޗުގައި އުޒްބެކިސްތާނާ ދެކޮޅަށް ރާއްޖެއިން ފެށީ ރަނގަޅަށެވެ. ވާދަވެރިކޮށް ދިޔަ ފުރަތަމަ ސެޓް ރާއްޖެ އިން ކާމިޔާބުކުރީ 25-22 އިންނެވެ.

ދެވަނަ ސެޓްގައި ވެސް ރާއްޖެއިން ވަރުގަދަ ފައިޓެއް ދިނެވެ. އެ ސެޓް އުޒްބެކިސްތާނުން ކާމިޔާބުކުރީ 25-23 އިންނެވެ. ފަހު ދެ ސެޓް އެ ޓީމުން ކާމިޔާބުކުރީ 25-18 އިންނެވެ.

ރާއްޖެ އާއި އުޒްބެކިސްތާން ކުޅުނު މެޗުގެ ތެރެއިން  ފޮޓޯ: ވީއޭއެމް

ރާއްޖެ އާއި އުޒްބެކިސްތާން ކުޅުނު މެޗުގެ ތެރެއިން ފޮޓޯ: ވީއޭއެމް

ރާއްޖޭގެ ތިން ވަނަ މެޗުގައި މިއަދު ހަވީރު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ.

ސެންޓްރަލް ޒޯން އަންހެން މުބާރާތް ވެސް ކުރިއަށް ދަނީ ބަންގްލަދޭޝްގަ އެވެ. އަންހެން ޓީމު ކުޅުނު ތިން މެޗުން ވެސް ވަނީ ބެލަިވެފަ އެވެ. ތިން ވަނަ މެޗުގައި އިއްޔެ ލަންކާ އަތުން ބަލިވީ ސީދާ ތިން ސެޓުންނެވެ. ލަންކާ މެޗު ކާމިޔާބު ކުރީ 25-17، 25-12 އަދި 25-14 އިންނެވެ.

ފިރިހެން ޓީމަށް އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް މުބާރާތަށް އައިސް ކުޅުންތެރިން ދެއްކި ކުޅުމާ މެދު ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ހިތްހަމަޖެހޭ ކަމަށް ވަނީ ބުނެފަ އެވެ. ކާއްޓޭ ބުނީ ޓީމަށް ދިމާވި ހާލަތުގެ ތެރެއިން ވެސް ފަހު ވަގުތު ބަންގްލަދޭޝް އަށް ގޮސް މުބާރާތުގައި ވާދަ ކުރުމަކީ ވެސް ކާމިޔާބެއް ކަމަށެވެ.