Roadha Mihaaru
ޓީމެއްގެ ގޮތުގައި ރާއްޖޭން ތަފާތު ދައްކާނެ: ލޯންގޭ

ޓީމެއްގެ ގޮތުގައި ރާއްޖޭން ތަފާތު ދައްކާނެ: ލޯންގޭ

19 އޯގަސްޓް 2019

ނޭޕާލުގައި މިއަދު ފަށާ އޭވީސީ މެންސް ސީނިއާ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުން ޓީމެއްގެ ގޮތުގައި ކުޅެ ތަފާތު ދައްކާނެ ކަމަށް ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ބުނެފި އެވެ.

އައްޒާމް އަލިފުޅު ކަތުމަންޑޫ އިން އައްޒާމް އަލިފުޅު

ނޭޕާލުގައި މިއަދު ފަށާ އޭވީސީ މެންސް ސީނިއާ ސެންޓްރަލް ޒޯން ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުން ޓީމެއްގެ ގޮތުގައި ކުޅެ ތަފާތު ދައްކާނެ ކަމަށް ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ބުނެފި އެވެ.

ޖުމްލަ ހަތް ގައުމު ވާދަކުރާ މި މުބާރާތުގައި ރާއްޖެ ހިމެނެނީ މުބާރާތް ބާއްވާ ނޭޕާލާއި 2017 ވަނަ އަހަރުގެ ޗެމްޕިއަން ކިރްގިސްތާނާ އެއް ގްރޫޕެއްގަ އެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ރާއްޖެ އާއި ނޭޕާލް މިއަދު ކުޅެން ކުރިން ހަމަޖެހިފައި އޮތް ނަމަވެސް ފަހުން ޝެޑިއުލަށް ގެނައި ބަދަލާ އެކު ގްރޫޕްގެ ފުރަތަމަ މެޗުގައި މިއަދު ނޭޕާލް ކުޅޭނީ ކިރްގިސްތާންއާ އެވެ.

މި ފަހަރުގެ މުބާރާތަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެކަން އިއުލާނުކޮށްފައިވާ ލޯންގޭ ބުނީ ރާއްޖެ އެކޭ އެއް ގޮތަށް މި މުބާރާތަށް އެހެން ގައުމުތަކުން ވެސް ރަނގަޅަށް ތައްޔާރުވާ ކަމަށެވެ.

"މި މުބާރާތަށް ޓީމު މި އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި. އެ ގޮތުން މުބާރާތުގައި ބައިވެރިވި އެހެން ޓީމުތައް ވެސް ކޮންމެ އަހަރަކަށް ވަރަށް ބޮޑެތި ބަދަލުތައް އަންނަމުން މިދަނީ. އެ ގޮތުން ވެސް ގިނަ ޓީމުތައް އާ ވެފައި. އަނެއްބައި ޓީމުތައް އޮތްގޮތަށް އެބަތިބޭ،" ލޯންގޭ ބުންޏެވެ.

"އެއް ޖޯޝެއްގައި އެއް ފޯރިއެއްގައި އެންމެން ޓީމެއްގެ ގޮތުގައި މަސައްކަތް މި ކުރަނީ. މިހާތަނަށް އައިއިރު ވެސް ޓީމްވޯކް ވަރަށް ރަނގަޅު ޓީމެއް ޓީމެއްގެ ގޮތުގައި ކުޅެމުންދަނީ."

ބަންގްލަދޭޝްގައި 2016 ވަނަ އަހަރު އޮތް ސެންޓްރަލް ޒޯން މުބާރާތުގައި ތިން ވަނަ ލިބުނު ފަހުން ދެން ކުޅުނު ދެ މުބާރާތް ރާއްޖޭން ނިންމާލީ ދަށް ނަތީޖާތަކަކާ އެކު އެވެ. އުމުރުން 33 އަހަރުގެ ލޯންގޭ ބުނީ އެ މުބާރާތްތަކުގައި ވެސް ނިސްބަތުން ބަލާއިރު ޓީމުން ދެއްކި ކުޅުން ރަނގަޅު ކަމަށެވެ.

"މިިދިޔަ މުބާރާތަށް ބެލިޔަސް ކިރިޔަ ކިރިޔާ ސެޓުތައް ދަނީ. އެގޮތުން ސީނިއާ ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން ވެސް އެބަތިބި ތަފާތު މޮޅަށް ކުޅެފައި ތިބި ކުޅުންތެރިން. އެ މީހުން ބޭނުންކޮށްގެން މި މުބާރާތުގައި ހަމަ ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ،" ލޯންގޭ ބުންޏެވެ.

ކުޑަކާއްޓެއާ އެކު ޓީމު އިތުރަށް ވަރުގަދަވާނެ

ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ކުޑަކާއްޓެ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ކުޑަކާއްޓެ. -- ފޮޓޯ: ނިޝާން އަލީ/މިހާރު

މި ފަހަރު ގައުމީ ޓީމުން ޕްރެކްޓިސް ފެށިއިރު އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ވަނީ އަލުން ޓީމާ ގުޅިފަ އެވެ. މިދިޔަ އަހަރު ކުޑަކާއްޓެ ފެނުނީ ބީޗް ވޮލީންނެވެ. ސީނިއާ ޓީމާ އަލުން ކުޑަކާއްޓެ ގުޅުމުން ޓީމަށް ލިބިގެންދާނީ އިތުރު ހިތްވަރެއް ކަމަށް ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ވަނީ މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުނެފަ އެވެ.

ލޯންގޭގެ ކެޕްޓަނުކަމުގެ ދަށުގައި އެންމެ ފަހުން އޮތް ސެންޓްރަލް ޒޯން މުބާރާތުގައި ރާއްޖެ ކުޅުނުއިރު، އޭރު ވެސް އޭނާ ވަނީ ކުޑަކާއްޓެއާ އެކު ތަފާތު ދެއްކޭނެ ކަމަށް ބުނެފަ އެވެ.

"އެއްގޮތަކުން ޝާހު (ކުޑަކާއްޓެ) ޖޮއިން ކުރީމަ ލިބޭނެ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑު ކުރިން ވެސް ސެންޓްރަލް ޒޯނުގައި ބުނެފައިވާނެ ޝާހު ހުރިނަމަ ވަރަށް ބޮޑު ތަފާތެއް ދެއްކޭނެއޭ. އެ ގޮތުން މި ފަހަރު އޭނާ ހުރުމަކީ ވަރަށް ބޮޑު އުއްމީދެއް އާ ވެގެން ދާނެ ކަމެއް،" ލޯންގޭ ބުންޏެވެ.

ރާއްޖޭގެ ޓީމުން މި ފަހަރުގެ މުބާރާތަށް ކަނޑައެޅި ޓާގެޓަކީ ތަށްޓެވެ. ލޯންގޭ ގައުމީ ޓީމާ އެކު ނުކުންނަ ފަހު މުބާރާތަށް ވުމާ އެކު އޭނާ ވެސް ހުރީ ރާއްޖޭން ކަނޑައެޅި އަމާޒަށް ވާސިލްވުމަށް ވަރަށް ބޮޑަށް ތައްޔާރުވެގެންނެވެ.

"ރާއްޖެ ޓީމު ވެސް އެގޮތުން ބަލަންޏާ ސާބިއާގައި ޖެހި ޓްރެއިނިން ކޭމްޕާ ރާއްޖޭގައި ކުޅުނު މެޗުތަކާ ބަލާފައި ވަރަށް ފޯމުގައި ޓީމު އޮތީ. ރާއްޖޭގެ ޓީމުގެ ވެސް ލެވެލް ދަނީ ދުވަހެއް ދުވަހަކަށް މަތި ވަމުން. އަޅުގަނޑުމެން ދާން ބޭނުންވާ އަމާޒަށް ވާސިލުވާން ޓީމު އެންމެ ފިޓްކޮށް އޮތީ،" ގައުމީ ޓީމަށް 2004 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ލޯންގޭ ބުންޏެވެ.

މުބާރާތުގައި މިއަދު ފުރަތަމަ އޮންނާނީ ގްރޫޕް ބީގައި އަފްގާނިސްތާން އާއި ތުރުކުމެނިސްތާން ބައްދަލުކުރާ މެޗެވެ. ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު މެންދުރު ފަހު އެވެ. އެ އަށް ފަހު އޮންނާނީ ގްރޫޕް އޭގައި ނޭޕާލާއި ކިރްގިސްތާން ކުޅޭ މެޗެވެ. މިއަދު ދެން އޮންނާނީ ގްރޫޕް ބީގައި ބަންގްލަދޭޝް އާއި އުޒްބެކިސްތާން ބައްދަލުކުރާ މެޗެވެ.