Roadha Mihaaru
ހޫދު ބުނަނީ ޓެރަރިޒަމްގެ ތުހުމަތު ނުކުރެވޭނެ ކަމަށް

ހޫދު ބުނަނީ ޓެރަރިޒަމްގެ ތުހުމަތެއް ކުރަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށް

20 އެޕްރީލް 2022

އައިއެސްގެ މެންބަރަކަށްވެ ޓެރަރިސްޓް ހަރަކާތްތަކަށް ހިތްވަރުދީ އެކަންކަމާ ގުޅުންހުރި އެތައް ކަމެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ހޫދު މުހައްމަދު ޒާހިރު އެ ތުހުމަތުތަކަށް އިންކާރުކުރި ނަމަވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އިއްޔެ ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އައިއެސްގެ މެންބަރަކަށްވެ ޓެރަރިސްޓް ހަރަކާތްތަކަށް ހިތްވަރުދީ އެކަންކަމާ ގުޅުންހުރި އެތައް ކަމެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ހޫދު މުހައްމަދު ޒާހިރު އެ ތުހުމަތުތަކަށް އިންކާރުކުރި ނަމަވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އިއްޔެ ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އެމެރިކާގެ އެފްބީއައި އާއި ޔޫރަޕްގެ ތަހުގީގީ އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިދިޔަ ޖެނުއަރީ މަހު ހަ ވަނަ ދުވަހު ދިވެހި ފުލުހުން ހައްޔަރުކުރި އުމުރުން 30 އަހަރުގެ ހޫދަށް ފަސް ދައުވާއެއް ދައުލަތުން ކޮށްފައިވެ އެވެ. މި ދައުވާތައް ސާބިތުވެއްޖެ ނަމަ 53 އަހަރުގެ ހުކުމެއް އަންނާނެ އެވެ.

ދައުވާ އުފުލާފައި ވަނިކޮށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ހާޒިރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށް ނެރުނު އަމުރުގައި ބުނެފައިވަނީ ޓެރަރިޒަމްގެ އަމަލެއް ނުހިންގާ ކަމަށް ހޫދު ބުނާ ކަމަށާއި ފޯނާއި ހާޑް ޑިސްކް ފަދަ އެއްޗިއްސަށް އަޅައިގެން ގެންގުޅެފައިވާ މައުލޫމާތުގެ ތެރޭގައި އެފަދަ ކަމަކަށް ތުހުމަތުވާ އެއްޗެއް ހުރެދާނެ ކަމަށެވެ. އެކަމަކު އެ އެއްޗިއްސަކީ މައުލޫމާތު ހޯދާ ހިތްވާ މީހަކަށް ވާތީ ތަންތަނުން ހޯދާ މައުލޫމާތު ކަމަށާއި ޓެރަރިޒަމްގެ ތުހުމަތެއް ކުރަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ހޫދަކީ 2015 އިން ފެށިގެން އައިސިސްގެ ޕްރޮޕަގެންޑާ ފަތުރަމުން ދިޔަ މީހެއް ކަމަށާއި އެކަން ކޮށްފައިވަނީ ޓެލެގްރާމާއި އެ ނޫން ވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިން ޕްލެޓްފޯމްތަކުގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެކަމަކު ކޯޓުގައި ހޫދު ބުނީ އޭނާ އަކީ "ކޮމްޕިއުޓަ ސައިންސް އެނގޭ މީހެއް ނޫން" ކަމަށެވެ.

ތުހުމަތުތަކަށް ހޫދު އިންކާރު ކުރި ނަމަވެސް ގާޒީ ދީބާ ނާޒް ފަހުމީ ވަނީ ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، ތުހުމަތުކުރެވޭ އެކަށީގެންވާ ސަބަބުތައް އެބަހުރި ކަމަށެވެ. އެހެންވެ ޝަރީއަތް ނިމެންދެން ހޫދު ބަންދުގައި ބަހައްޓަން އަމުރުކުރެއްވީ އެވެ.

ހޫދަށް ކުރާ ދައުވާތައް

● އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ - 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް.

● އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއާތެއްގެ ލިޔެކިއުންތައް ފެތުރުން - 10 އަހަރާއި 15 އަހަރާ ދެމެދުގެ ހުކުމެއް.

● ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުން. - 10 އަހަރާއި 15 އަހަރާ ދެމެދުގެ ހުކުމެއް.

● ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން - ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ ހުކުމެއް.

● ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުން. - އެއް އަހަރާއި ތިން އަހަރާ ދެމެދުގެ ޖަލު ހުކުމެއް.

ފުލުހުން ބުނެފައިވާ ގޮތުގައި ހޫދު ވަނީ ޔޫރަޕްގެ ބައެއް ގައުމުތަކުގެ އިސް ވެރިންނާއި އާންމުންގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާ ދިނުމަށް ގޮވާލާފައިވާ ކޮންޓެންޓް ވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދައުރުކޮށްފަ އެވެ.

ރާއްޖޭގައި ހުރެގެން ހަތް އަހަރު ވަންދެން އައިއެސްގެ ސެލްއެއް ހިންގި ހޫދަކީ 2010 ވަނަ އަހަރު ވިލިމާލޭގައި ހަ މީހުންގެ ގްރޫޕަކުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި ދައުވާ ލިބުނު މީހެކެވެ. އެކަމަކު އެ ދައުވާ ލިބުނު އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުނުވެ ސަލާމަތްވީ އެވެ.