Roadha Mihaaru
ސްޕެލިން ބަދަލުކޮށްގެން ދެމި ބެނާ ވެސް ނަގައިފި

އިންޑިއާ އައުޓުގެ ސްޕެލިން ބަދަލުކޮށްގެން ދެމި ބެނާ ވެސް ނަގައިފި

22 އެޕްރީލް 2022

އިންޑިއާ އައުޓުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހަރަކާތެއް ކަމަށް ނިންމާފައި ވަނިކޮށް، ސްޕެލިން ބަދަލުކޮށްގެން ގެއެއްގައި ދެމި ބެނާ ވެސް ފުލުހުން ނަގައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އިންޑިއާ އައުޓުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހަރަކާތެއް ކަމަށް ނިންމާފައި ވަނިކޮށް، ސްޕެލިން ބަދަލުކޮށްގެން ގެއެއްގައި ދެމި ބެނާ ވެސް ފުލުހުން ނަގައިފި އެވެ.

އިންޑިއާ އައުޓް ކެމްޕޭން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގަރާރެއް ނެރުއްވުމާ ގުޅިގެން، އިދިކޮޅު ފަރާތްތަކުން މިހާރު އެ ސްލޯގަން އިނގިރޭސި ބަހުން ބޭނުންކުރަނީ އިންޑިއާގެ ސްޕެލިން ބަދަލު ކޮށްގެންނެވެ. މާލޭގެ ގެއެއްގައި ރޭ ދަމާފައިވާ ބެނާގައި ލިޔެފައި ވަނީ "INDEAR OUT" އެވެ.

ނަމަވެސް ފުލުހުން މިހާރު ވަނީ އެ ބެނާ ވެސް ނަގައިފަ އެވެ.

ފުލުހުން ވަނީ އިންޑިއާ އައުޓް ކެމްޕެއިންގެ އިސް މޭސްތިރިޔާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި މިދިޔަ ބުދަ ދުވަހު ދެމި ބެނާ ވެސް ކޯޓު އަމުރެއްގެ ދަށުން ނަގައިފަ އެވެ.

ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވީ އިންޑިއާއާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއްކަން ސާފުކޮށް އެނގޭ ކަމަށެވެ. އަދި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތް އަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ވެސް ގެއްލުވައިލާ ކަމަށް ގަރާރުގައި ރައީސް ވިދާޅުވި އެވެ.

ނަމަވެސް މިއީ ގާނޫނުއަސާސީން ދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ހިލާފު ގަރާރެއް ކަމަށް ބައެއް ގާނޫނީ ވަކީލުން ގެންދަނީ ބުނަމުންނެވެ. ރައީސްގެ ގަރާރަކުން ވެސް ގާނޫނުއަސާސީގައި ބުނާ ކަންކަން މަނާ ނުކުރެވޭނެ ކަމަށް އެ ވަކީލުން ބުނެ އެވެ. އެކަމަކު، އެ ގަރާރުގެ ދިފާއުގައި ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އިދިކޮޅު ޕީޕީއެމްގެ ބައިވެރިޔާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނޫސްވެރިން ގާތު އިއްޔެ ވިދާޅުވީ، "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް އިބްރާހިމް ސޯލިހު ނެރުއްވި ގަރާރަށް އަމަލު ނުކުރާނެ ކަމަށާއި އެ ގަރާރު ބާތިލްކުރަން ކޯޓަށް ހުށަހަޅާނެ ކަމަށެވެ.