Roadha Mihaaru
މީހުން ހައްޔަރުކުރަނީ އިސްވެރިންގެ އޯޑަރަށް: ޕީޕީއެމް

"އިންޑިއާ އައުޓް" ހަރަކާތުން މީހުން ހައްޔަރުކުރަނީ އިސްވެރިންގެ އޯޑަރަށް: ޕީޕީއެމް

07 ޖެނުއަރީ 2022

އިދިކޮޅު ކޯލިޝަނުން ބާއްވަމުން އަންނަ "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވާ މީހުންނަށް ހުރަސް އަޅައި މީހުން ހައްޔަރުކުރަމުންދަނީ ސަރުކާރުގެ އިސްވެރިންގެ އޯޑަރަށް ކަމަށް އިދިކޮޅުން ތުހުމަތުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އިދިކޮޅު ކޯލިޝަނުން ބާއްވަމުން އަންނަ "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވާ މީހުންނަށް ހުރަސް އަޅައި މީހުން ހައްޔަރުކުރަމުންދަނީ ސަރުކާރުގެ އިސްވެރިންގެ އޯޑަރަށް ކަމަށް އިދިކޮޅުން ތުހުމަތުކޮށްފި އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭރުކުރުމަށް ގޮވާލައި، އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓް ލައިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތަށް ފުލުހުން ދަނީ ކޮންމެ ދުވަހަކު ވެސް ހުރަސް އަޅަމުންނެވެ. އެކަން ކުށްވެރިކޮށް އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމަކީ ގާނޫނު އަސާސީން ލިބިފައިވާ ހައްގަކަށް ވާއިރު ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ނިކުންނަ މީިހުން އަނިޔާވެރިކޮށް ހައްޔަރުކުރަމުން އަންނަ ކަމަށާއި އޭގެން ވެސް އެނގެނީ ރާއްޖެ ވަރަށް ބޮޑަށް އިންޑިއާގެ އަޅުވެތިކަމަށް ގޮސްފައިވާ ކަން ކަމަށެވެ.

ބަޔާނުގައި ހުރި މުހިންމު ބައެއް ޕޮއިންޓްތައް

- މީހުން ހައްޔަރުކުރުމުގައި އެއްވެސް ހަމައެއް އުސޫލެއް ނެތް ކަމަށާއި ހައްޔަރުކޮށްގެން ގެންދާ މީހުން އެތައް ގަޑިއިރެއް ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބައިތިއްބާ ކަމަށް.

- ތަހުގީގީ އިދާރާތަކުން މިނިވަންކަމާ އެކު އެކަން ތަހުގީގުކުރުމަށް ގޮވާލި. އަދި ސުލްހަވެރި އެއްވުންތައް ބޭއްވުމަށް ފުރުސަތު ދިނުމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށް ވެސް ސަރުކާރަށް ގޮވާލި.

- ސަރުކާރުގެ އިސްވެރިން ގައުމަށް ގައްދާރުވެ، އިންޑިއާގެ ބާރާއި ނުފޫޒުގެ ތެރެއަށް ގައުމުގެ މިނިވަންކަން ވައްޓާލި ނަމަވެސް އެކަމާ ދެކޮޅަށް އެ ކޯލިޝަނުން ހިންގާ ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ.

އިއްޔެ ވެސް އިދިކޮޅުން އިންޑިއާ އައުޓް ގޮވަނިކޮށް އެތަނުން ހަތް މީހަކު ފުލުހުން ހައްޔަރުކުރި އެވެ. އެކަމަކު މިހާރު އެ މީހުން ވަނީ ދޫކޮށްލައިފަ އެވެ.

އިދިކޮޅުން ބުނާ ގޮތުގައި އެ މީހުން ހައްޔަރުކުރީ "އިންޑިއާ އައުޓް" ނުގޮވޭނެ ކަމަށާއި އިންޑިއާ އައުޓް ޓީޝާޓު ލައިގެން ވެސް ނޫޅެވޭނެ ކަމަށް ބުނެފަ އެވެ. އެކަން ދޮގުކޮށް ފުލުހުން ބުނީ އެފަދަ އެންގުމެއް އަންގާފައި ނުވާނެ ކަމަށެވެ.