Roadha Mihaaru
ނަޝީދު އެންމެފަހުން ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެންފި

ފާޑުވިދާޅުވުމަށް ފަހު ނަޝީދު ފާޅުގައި ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެންފި

24 އެޕްރީލް 2022

އެމްޑީޕީގެ މެމްބަރުން "ސަރުކާރާ އެކީ ނުފެތުމަށް" ގޮވާލައްވައި، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޅުގައި ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެންފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމްޑީޕީގެ މެމްބަރުން "ސަރުކާރާ އެކީ ނުފެތުމަށް" ގޮވާލައްވައި، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޅުގައި ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެންފި އެވެ.

މި ފަހުން އެމްޑީޕީ ތެރޭގައި ބޭއްވި ކޮންމެ އެތެރޭގެ އިންތިހާބަކާ ދިމާކޮށް އެ ޕާޓީގެ ތެރޭގައި އުފެދިފައި އޮތް ނަޝީދުގެ ފެކްޝަނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ މެމްބަރުން ދެމެދު ވާދަވެރިކަން ބޮޑުވެ ބަހުގެ ހަމަލާތައް ދެ އެވެ. ނަމަވެސް މިއީ ސަރުކާރަށް ތާއީދު ނުކުރެއްވުމަށް ނަޝީދު ފާޅުގައި ގޮވާލެއްވި ފުރަތަމަ ފަހަރެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް އެމަނިކުފާނު ރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މިވަގުތު އެމްޑީޕީ އަށް ރަނގަޅު ގޮތަކީ ސަރުކާރާއެކީ އެ ޕާޓީ ނުފެތުން ކަމަށެވެ. މި ސަރުކާރަކީ އެމްޑީޕީގެ އެކަނި ސަރުކާރެއް ނޫން ކަމަށާއި މެމްބަރުން އެދޭ ގޮތަށް ޕާޓީގެ ވައުދުތައް ނުފުއްދޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

މިވަގުތު މި ޕާޓީ އަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރަކާ އެކީ މި ޕާޓީ ނުފެތުން. -- ނަޝީދު

ސަރުކާރު ފެތެނީ ކަމަށް ނަޝީދު ސިފަ ކުރެއްވި އިރު އެމަނިކުފާނު ގެންދަވަނީ އަންނަ މަހު 14 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ކެމްޕޭންގައި ނުސީދާކޮށް މަސައްކަތް ކުރައްވަމުންނެވެ.

އިންތިއާ ވާދަކުރައްވަނީ ސަރުކާރުގެ އެންމެ ނުފޫޒު ގަދަ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އަރިސްކޮށް އުޅުއްވާ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ.

ދާދި ފަހުން ސަރުކާރަށް އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވި މަސްވެރިންގެ މައްސަލާގައި ވެސް ނަޝީދު ވަނީ ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. ނަޝީދު ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތައް ސަރުކާރަށް ހައްލުކޮށް ނުދެވުނު ކަމަށެވެ. އަދި އެމްޑީޕީގެ މެނިފެސްޓޯ އާއެއް ގޮތަށް ސަރުކާރުން އަމަލު ނުކުރާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވެސް ނަޝީދަށް ތާއީދު ކުރައްވާ އެމްޑީޕީ މެމްބަރުން ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވިދާޅުވެ އެވެ. އަދި އިދިކޮޅު ޕާޓީތަކުން ހުށަހަޅާ ސަރުކާރާ ދެކޮޅު ބައެއް ގަރާރުތަކަށް އެ މެމްބަރުން ތާއީދުކޮށް އެމްޑީޕީން ނެރޭ ވިޕާ ދެކޮޅަށް ވޯޓު ދެ އެވެ. އަދި އެ މައްސަލަތަކަށް ބަހުސް ކުރަން ޖާގަ ދޭން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ސަރުކާރާ ދެކޮޅަށް ނަޝީދު ނިކުމެވަޑައިގަތް މައްސަލާގައި މިހާތަނަށް ސަރުކާރު ވަކި އެއްޗެއް ނުބުނެ އެވެ.