Roadha Mihaaru
48 ގަޑިއިރު ގުނަން ޖެހޭނީ ވަގުތުން: ސުޕްރީމް ކޯޓް

އިސްތިއުނާފް 48 ގަޑިއިރު ގުނަން ޖެހޭނީ ވަގުތަށް ބަލައިގެން: ސުޕްރީމް ކޯޓް

25 އެޕްރީލް 2022

ކޯޓު އަމުރުތައް އިސްތިއުނާފް ކުރަން ދައުލަތަށް ލިބޭ 48 ގަޑިއިރުގެ މުއްދަތު ގުނަން ޖެހޭނީ ވަގުތަށް ބަލައިގެން ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޯޓު އަމުރުތައް އިސްތިއުނާފް ކުރަން ދައުލަތަށް ލިބޭ 48 ގަޑިއިރުގެ މުއްދަތު ގުނަން ޖެހޭނީ ވަގުތަށް ބަލައިގެން ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނުގައި، ކޯޓު އަމުރުތަކާއި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް އިސްތިއުނާފް ކުރަން ދައުލަތަށް ލިބޭ 48 ގަޑިއިރުގެ މުއްދަތު ގުނާނެ ގޮތެއް ބަޔާންކޮށްފައި ނެތުމުން މީގެކުރިން ދައުލަތުން އެ މުއްދަތު ގުނަމުން ދިޔައީ ނިންމުމެއް ނިންމާ ދުވަސް ނުހިމަނަ އެވެ.

އެކަމަކު ސީލައިފް ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ދޫކޮށްލި މައްސަލާގައި މިމަހު ކުރީކޮޅު ހައި ކޯޓުން ނިންމީ ދައުލަތުން މުއްދަތު ގުނި ގޮތް ގޯސް ކަމަށެވެ. އަދި 48 ގަޑިއިރު ގުނަން ޖެހޭނީ އެ ނިންމުން ނިންމި ދުވަހުން ފެށިގެން ބަންދު ދުވަސް ވެސް ހިމެނޭ ގޮތަށް އަދި މިނެޓުން ނުވަތަ ގަޑިއިރަށް ބަލައިގެން ކަމަށް ހައި ކޯޓުން ނިންމި އެވެ.

އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވެސް ނިންމީ 48 ގަޑިއިރު ގުނަން ޖެހޭނީ މިނެޓުން ނުވަތަ ގަޑިއިރަށް ބަލައިގެން ކަމަށެވެ. އެހެން ނަމަވެސް އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް އެ މުއްދަތުގައި ނުގުނޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގެ ޔައުމިއްޔާތަކާ ހަވާލާދީ އެ ހުކުމުގައިވަނީ 48 ގަޑިއިރަކީ އިސްތިއުނާފް ކުރަން ކުރު މުއްދަތަކަށް ވިޔަސް، ގާނޫނު އެގޮތަށް އިސްލާހުކުރީ ބޮޑެތި ތުހުމަތުތައް ކުރެވޭ މީހުން ދޫވުމުން އެފަދަ މައްސަލަތައް އަވަހަށް އިސްތިއުނާފް ކުރުމުގެ ބޭނުމުގައި ކަމަށެވެ.

މިގޮތަށް ނިންމެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ އަޣުލަބިއްޔަތުންނެވެ.

ރައުޔު ތަފާތު

އެ މައްސަލަ ބެލި ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔަކީ 48 ގަޑިއިރު ގުނަން ޖެހޭނީ ދުވަހުން ކަމަށެވެ. އެއީ 48 ގަޑިއިރަކީ އޭގެ ޒާތުގައި ދެ ދުވަސް ކަމަށްވާތީ ގާނޫނުގެ އެހެން މުއްދަތުތައް ލިޔެފައި އޮތީ ދުވަހުން ގުނާ ގޮތަށް ކަމަށްވާތީ ކަމަށް އޭނާގެ ރައުޔުގައިވެ އެވެ.

މީގެކުރިން ފަނޑިޔާރު ޝުޖޫން ރިޔާސަތު ބެލެހެއްޓެވި ބެންޗަކުން ނިންމެވި މައްސަލައެއްގައި މިފަދަ މައްސަލަތަކުގައި މުއްދަތު ގުނަން ޖެހޭނީ އެކަމެއް ހިނގާ ދުވަހާއި ނިމޭ ދުވަސް ނުހިމަނާ ކަމަށް ބުނެފައި އޮވެ އެވެ. އައްމަޓީގެ މައްސަލައިގެ ޝަރީއަތުގެ ތެރެއިން އެ ނިންމުމުގެ ވާހަކަ ވެސް ދެކެވުނެވެ.

އެކަމާ ގުޅިގެން ފަނޑިޔާރު ޝުޖޫން މިއަދު ރައުޔު އިއްވަވަމުން ވިދާޅުވީ ކުރީގެ މައްސަލާގައި އެގޮތަށް ބުނެވިފައި އޮތީ ގޯސްކޮށް ކަމަށެވެ.

"މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ގާނޫނަށް އަހުރެންގެ އެ ރައުޔުގައި ޖުމްލަ ގޮތެއްގައި ބަޔާން ކުރެވިފައިވަނީ ގޯހުން ކަމުގައި ވެސް ދެކެން،" ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.

ކުރީގެ މައްސަލަތަކަށް އަސަރެއް ނުކުރާނެ

ދައުލަތުން ކުރިން އެގޮތަށް މުއްދަތު ގުނަމުން ދިޔައީ ސުޕްރީމް ކޯޓުން ހަދާފައިވާ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދުގެ 169 ވަނަ މާއްދާއާ ހަވާލާދީ އެވެ. އެ މާއްދާ ބުނާގޮތުން އިސްތިއުނާފް މުއްދަތު ގުނާނީ ނިންމުން ނިންމާ ދުވަހާއި މުއްދަތު ހަމަވާ ދުވަސް ނުހިމަނަ އެވެ.

މި އުސޫލުން 48 ގަޑިއިރު ގުނުމުން ޖިނާއީ އިޖްރައާތުގެ ގާނޫނާއި ގަވާއިދުގެ 169 މާއްދާ ފުށުއަރާތީ ސުޕްރީމް ކޯޓުން މިއަދު ނިންމީ އެ މާއްދާއަކީ 48 ގަޑިއިރު ގުނުމުގައި އިތުރަށް ބޭނުން ކުރެވޭނެ މާއްދާއެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެ މާއްދާއަށް ބަރޯސާވެގެން ދައުލަތުން ކުރިން މުއްދަތު ގުނާފައި ހުރި މައްސަލަތަކަށް އެ ހުކުމުގެ އަސަރު ނުކުރާނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

"މި ނިންމުމާ ހަމައަށް ގަވާއިދުގެ 169 ވަނަ މާއްދާއަށް ބަރޯސާވެ ދައުލަތުގެ ފަރާތުން އަމަލު ކޮށްފައިވާ ގޮތް ރަނގަޅު ކަމަށް ބަލައި، އެކަމުގެ މަންފާ ދައުލަތަށް ލިބެން ޖެހޭނެ،" ހުކުމުގައިވެ އެވެ.

އައްމަޓީގެ މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން އެންގީ އެ ގަވާއިދުގެ އެ މާއްދާ ގޯސްކޮށް އޮތުމުން ކުރިން ކޮށްފައި ހުރި ކަންކަން ބާތިލްނުވުމުގެ އުސޫލުން އޭގެ މަންފާ ދައުލަތަށް ދިނުމަށްފަހު އެވެ.