05 މެއި 2022
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މަޖީދީ މަގުގައި ބޮމެއް ގޮއްވާލި ހަމަލާއަށް އަހަރެއް ފުރުނު އިރު ވެސް އެކަށީގެންވާ ތަހުގީގެއް ނުހިންގި، ޝަރީއަތް ވެސް ލަސްވެފައިވާތީ އެމަނިކުފާނު ވަށައިގެން އޮތީ ނުރައްކާތެރި މާހައުލެއް ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މަޖީދީ މަގުގައި ބޮމެއް ގޮއްވާލި ހަމަލާއަށް އަހަރެއް ފުރުނު އިރު ވެސް އެކަށީގެންވާ ތަހުގީގެއް ނުހިންގި، ޝަރީއަތް ވެސް ލަސްވެފައިވާތީ އެމަނިކުފާނު ވަށައިގެން އޮތީ ނުރައްކާތެރި މާހައުލެއް ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި ބޮމެއް ގޮއްވާލީ މެއި، 6، 2021 ގަ އެވެ. އެ ހަމަލާގައި ބޮމުގެ ބާރުގަދަ ކުރަން އަޅާފައި ހުރި ރޭޒާ ފުއްތައް ހަށިކޮޅަށް ވަދެ ފުރާނަ ސަލާމަތްވީ ކިރިޔާ އެވެ.
އަޅުގަނޑުމެން މި ދަނޑިވަޅުގައި ވެސް އެދެނީ މި ހަމަލާ ހިންގުމަށް ފައިސާ ހަރަދުކުރި ފަރާތްތައް ހޯދުމަށްޓަކައި ވަރުގަދަ ތަހުގީގެއް އަދިވެސް ހިންގުމަށެވެ. މިކަން މިގޮތަށް ކޮށްފައި ނެތުމުން ރައީސް ނަޝީދުގެ ޖާނާއި އެ މަނިކުފާނު ފަދައިން ޝިކާރައަކަށް ވެފައިވާ އެހެން ފަރާތްތަކަށް ވަށައިގެން ބިރުވެރި މާހައުލެއް އުފެދިފައިވެ އެވެ. -- އާއިލާ
ހަމަލާގެ ތަހުގީގަށް ފަހު ފުލުހުން ވަނީ އަމަލީ ގޮތުން އެކަން ހިންގި، އިސްލާމްދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރާ ސެލްއެއްގެ މީހުން އަތުލައިގެންފަ އެވެ. އެ މީހުންގެ މައްޗަށް ވަނީ ދައުވާ ވެސް އުފުލައިފަ އެވެ. ހަމަލާއާ ގުޅިގެން ނުވަ މީހެއްގެ މައްޗަށް ދައުވާ އުފުލީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. މީގެތެރެއިން ހުކުމެއް އައީ ރިމޯޓް ކޮންޓްރޯލަކުން ބޮން ގޮއްވާލި އަދުހަމް އަހްމަދުގެ މައްޗަށް އެކަންޏެވެ.
އާއިލާ އިން ބުނި ގޮތުގައި ހަމަލާއަށް ފަހު ނަޝީދުގެ ސެކިއުރިޓީ ވަރުގަދަކުރަން ޖެހުމަކީ ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން ހުރަސްތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ.
ނަޝީދު ސެކިއުރިޓީއާ އެކު އެއާޕޯޓުގައި: ހަމަލާއަށް ފަހު އެމަނިކުފާނުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފައި.
ބަޔާނުގައި ބުނީ އެމަނިކުފާނު ހިންގަވާ ސިޔާސީ ހަރަކާތްތައް އެ ސަބަބާ ހެދި ހަނިވެފައިވާ ކަމަށެވެ. އަދިި ލީޑަރެއްގެ ހައިސިއްޔަތުން އަދާކުރައްވަން ޖެހިވަޑައިގަންނަވާ ބައެއް ކަންކަން ހުއްޓި ސިޔާސީ ގޮތުންނާއި ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިންނާ އެކު އެމަނިކުފާނު ކުރައްވަން އެދިވަޑައިގަންނަވާ މުއާމަލާތްތަކަށް ވެސް ހުރަސްއެޅިފައިވާ ކަމަށެވެ.
ނަޝީދުގެ އާއިލާގެ ކަންބޮޑުވުމަކީ މައްސަލައިގައި ހިމެނޭ މީހުންގެ ޝަރީއަތް ދިގުލައިގެން ދިއުމެވެ. އެއާއެކު މިކަމަށް ފަންޑު ކުރި ބަޔަކާ ހަމައަށް ތަހުގީގުން ވާސިލްނުވެވޭ ކަމުގެ ހިތްހަމަނުޖެހުން ފާޅުކުރެއްވި އެވެ.
ބަޔާނުގައި ބުނި ގޮތުގައި ހަމަލާގެ ބައެއް ބައިވެރިން ހައްޔަރުކޮށް ދައުވާ އުފުލާފައިވާ އިރު ހަމަލާގެ ކުރީ ސަފުގައި ފެނިލި މީހުންގެ ފުރަގަހުގައި ތިބި ފަސް ހަނގުރާމަވެރިންނާ މެދު އަހައްމިއްޔަތު ކަން ދީފައި ނުވާ ކަމަށެވެ. އެއީ މައްސަލައާ ގުޅޭ ތަނަވަސް ތަހުގީގެއް ހިންގާފައި ނެތުމުން ކަަމަށް ބުނެފައިވެ އެވެ.
"އަޅުގަނޑުމެން މި ދަނޑިވަޅުގައި ވެސް އެދެނީ މި ހަމަލާ ހިންގުމަށް ފައިސާ ހަރަދުކުރި ފަރާތްތައް ހޯދުމަށްޓަކައި ވަރުގަދަ ތަހުގީގެއް އަދިވެސް ހިންގުމަށެވެ. މިކަން މިގޮތަށް ކޮށްފައި ނެތުމުން ރައީސް ނަޝީދުގެ ޖާނާއި އެ މަނިކުފާނު ފަދައިން ޝިކާރައަކަށް ވެފައިވާ އެހެން ފަރާތްތަކަށް ވަށައިގެން ބިރުވެރި މާހައުލެއް އުފެދިފައިވެ އެވެ،" ބަޔާނުގައިވެ އެވެ.
"މިކަމުގައި އަދުލު އިންސާފު ގާއިމްވެފައި ނެތުމުން މުޅި މުޖުތަމައުގެ މައްޗަށް ބިރުވެރި ކަމުގެ ހިޔަނި އެޅިފައިވާ ކަމަށް ގަބޫލުކުރަމެވެ."
ނަޝީދަށް ދިން ހަމަލާއާ އެކު އެމަނިކުފާނު ހޮސްޕިޓަލަށް ގެންދިޔަ އެމްއެންޑީއެފްގެ ސެކިއުރިޓީންނާއި ފަރުވާ ދެއްވި މެޑިކަލް ޓީމަށް އާއިލާ އިން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވި ނަމަވެސް އެފަދަ ހަމަލާތަކުގައި ބީވެގެން ދިޔަ މީހުންގެ އާއިލާތަކަށް އަދިވެސް ޖަވާބެއް ނުލިބޭތީ ހިތާމަކުރާ ކަމަށް ބަޔާނުގައި ބުންޏެވެ.
"އެފަދަ ފަރާތްތައް އަޅުގަނޑުމެންގެ މި ޒިކުރާގައި ހަނދާންކޮށް، ދުއާގައި ބައިވެރި ކުރަމެވެ،" އާއިލާގެ ބަޔާނުގައިވެ އެވެ.
ނަޝީދު މަޖިލީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އެމަނިކުފާނު އަވަހާރަކޮށްލަން ހަމަލާދިން މީހުން ވަނީ ހައްޔަރުކޮށް ދައުވާ އުފުލާފައި. -- ފޮޓޯ/މިހާރު
ފުލުހުން ބުނެފައިވާ ގޮތުގައި ނަޝީދަށް ދިން ހަމަލާގެ ތަހުގީގަކީ ފުލުހުން މިހާތަނަށް ހިންގި އެންމެ ބޮޑު ތަހުގީގެވެ. މި ތަހުގީގުން ހަމަލާ ރޭވި މީހުންނާއި އެކަމުގައި އަމަލީ ގޮތުން ބައިވެރިވި އެންމެން ހޯދައި ހައްޔަރުކުރެވުނު ކަމަށް ފުލުހުން ބުނެފައިވެ އެވެ. ނަޝީދަށް 2019 ވަނަ އަހަރުން ފެށިގެން ފާރަލުމަށް ފަހު ރާވައި އެކި ފަހަރު މަތިން ބޮން ގޮއްވާލަން އުޅެ ނާކާމިޔާބު ވި އެވެ. އެމަނިކުފާނަކީ ލޭ ހުއްދަވެފައިވާ މީހެއް ކަމަށް ކަނޑައަޅައި ހަރުކަށި ފިކުރުގެ ބަޔަކު ވަކި ސެލްއެއް އޮޕަރޭޓްކުރަމުން ދިޔަ ކަމަށާއި ހައްޔަރުކުރި އެންމެން ވެސް ނިސްބަތްވަނީ އެ ސެލްއަށް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް ނަޝީދުގެ ވަރުގަދަ މެސެޖެއް!
ހަމަލާގެ ތަހުގީގު ހަރުކަށި ފިކުރަށް އެކަނި އަމާޒުނުކުރޭ
"އިންޑިއާ އައުޓް އަކީ ހަރުކަށި މީހުންގެ ކަމެއް"
"ހަމަލާއަށް ފަންޑުކުރި މީހުން ނުހޯދޭތީ ކަންބޮޑުވޭ"
ފައިސާ ހަރަދުކޮށް, ފޮރުވިގެން ތިބީ ކޮން ބައެއް؟
ވަކީލަކު ހަމަނުޖެހުމުން ނާޒިމްގެ މައްސަލަ ނުބޭއްވުނު
ނަޝީދަށް އިންޒާރު ދިން މީހާއަށް ބޮޑެތި ދައުވާތަކެއް
ފަރުވާއަށް ފަހު ނަޝީދު މިއަދު މާލެވަޑައިގަންނަވަނީ
މަޖިލިސް: ރައީސާއި ނައިބު ރައީސް ވެސް ނެތި!
ދައުވާކުރި ހަތަރު މީހުންގެ ބަންދު ދަމަހައްޓައިފި