Roadha Mihaaru
ފަރުވާއަށް ފަހު ނަޝީދު މިއަދު މާލެވަޑައިގަންނަވަނީ

ފަރުވާގައި ހަތަރު މަހަށް ފަހު ނަޝީދު މިއަދު މާލެ ވަޑައިގަންނަވަނީ

11 އޮކްޓޯބަރ 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މާލެ ވަޑައިގަތުމަށް ނިންމާފައިވާ ކަން "މިހާރު"އަށް ކަށަވަރުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މާލެ ވަޑައިގަތުމަށް ނިންމާފައިވާ ކަން "މިހާރު"އަށް ކަށަވަރުވެއްޖެ އެވެ.

އިތުބާރު ކުރެވޭ ބޭފުޅަކު ވިދާޅުވި ގޮތުގައި ދުބާއީގައި ހުންނެވި ނަޝީދު މިއަދު މެންދުރު ފަހު މާލެ ވަޑައިގަންނަވާނެ އެވެ. އިނގިރޭސިވިލާތުން އެމަނިކުފާނު ދުބާއީއަށް ވަޑައިގަތީ އެ ގައުމުގައި އޮތް އެކްސްޕޯއަކަށެވެ.

ނަޝީދު ރާއްޖެ މި ވަޑައިގަންނަވަނީ އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ޖަރުމަނާއި އިނގިރޭސިވިލާތުން ފަރުވާ ހޯއްދެވުމަށް ފަހު އެވެ. މިދިޔަ މެއި މަހު ދިން ހަމަލާގައި އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވީ ކިރިޔާ އެވެ.

ރާއްޖެ އިން ފުރާވަޑައިގެންނެވީ ސީރިއަސް ޒަހަމްތަކާ އެކުގައި ނަމަވެސް އެމަނިކުފާނުގެ ހާލު މިހާރު ރަނގަޅު ކަމަށް އާއިލާ އިން ބުނެ އެވެ. މިދިޔަ ހުކުރުދުވަހު އާއިލާ އިން ވަނީ، އެމަނިކުފާނު ކުރިއެކޭ އެއްގޮތަށް ކަސްރަތުކުރައްވާ ވީޑިއޯ ވެސް އާއްމުކުރައްވައިފަ އެވެ.

ނަޝީދުގެ މާލެވަޑައިނުގެން ލަސްވި މައިގަނޑު ސަބަބު ކަމަށް އެމަނިކުފާނުގެ އަރިސް ބޭފުޅުން ވިދާޅުވަމުން ގެންދެވީ އެކަށީގެންވާ ސެކިއުރިޓީއެއް ހަމަޖެހިފައި ނެތުމެވެ. ސެކިއުރިޓީ ފޫއަޅުވާލައި ނަޝީދަށް ހަމަލާ ދިން އިރު އަވަހާރަކޮށްލަން އެކި ފަހަރު މަތިން އުޅުނުކަން އެމްއެންޑީއެފްގެ ތްރެޓް އެސެސްމެންޓްތަކުން ވެސް އެނގެން އޮތް ކަން ރައްޔިތުންގެ މަޖިލީހުން ހެދި އިންކުއަރީ ރިޕޯޓުން އޮތީ ފެންނާށެވެ.

ސަރުކާރުން ބުނެފައި ވަނީ ނަޝީދުގެ ސަލާމަތީ ކަންކަން ވަރުގަދަކުރާނެ ކަމަށެވެ.

ނަޝީދަށް ދައުލަތުން ގެކޮޅެއް

އަވަހާރަކޮށްލަން ބޮމެއް ގޮއްވާލި އިރު ނަޝީދު ދިރިއުޅުއްވީ އަމިއްލަ ގެކޮޅު، ކެނެރީގޭގަ އެވެ. އެކަމަކު އެތަނުގައި އެމަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދޭން އުނދަގޫ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ސަރުކާރުން ނިންމާފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވަން ވަގުތީ ގޮތުން މުރައިދޫގެ ހާއްސަކުރާށެވެ. އެކަމަކު އެތަނުގެ މަރާމާތުގެ މަސައްކަތެއް އަދި ނުނިމެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އިމާރާތްކުރާ ރަސްމީ ގެކޮޅު ނިމެންދެން ނަޝީދު ދިރިއުޅުއްވަން ހާއްސަކޮށްފައިވާ ގެ މަރާމާތު ކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އިމާރާތްކުރާ ރަސްމީ ގެކޮޅު ނިމެންދެން ނަޝީދު ދިރިއުޅުއްވަން ހާއްސަކޮށްފައިވާ ގެ މަރާމާތު ކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންދަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަޝީދަށް އަމާޒުވި ހަމަލާއާ ގުޅިގެން، ސަރުކާރުން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ދާއިމީ ގެކޮޅެއް ދައުލަތުން ހަމަޖައްސައިދޭށެވެ. އެ މަސައްކަތް ޕްލޭނިން މިނިސްޓްރީން ކުރިއަށް އެބަގެންދެ އެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހުގައި ވެސް ސަލާމަތީ ކަންތައްތައް ވަރުގަދަކުރަން ދައުލަތުން އެއްވެސް ކަމެއް ނުކުރާކަމުގެ ތުހުމަތު އެމްޑީޕީގައި ތިއްބެވި އެމަނިކުފާނުގެ އަރިސް ބައެއް މެމްބަރުން ކުރައްވަ އެވެ. ހަމަލާއާ ގުޅިގެން މަޖިލީހުން ބޮޑު އިންކުއަރީއެއް ހަދައި، ދައުލަތުގެ އެންމެ އިސް ފަރާތްތަކުގެ ސަލާމަތީ ކަންތައްތަައް ވަރުގަދަކުރަން ލާޒިމްކޮށް ރިކޮމެންޑޭޝަންތައް ވެސް ފޮނުވާފައިވެ އެވެ.

އެކަންކަން ތަންފީޒުކުރޭތޯ ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށް މީގެ ހަފުތާއެއްހާ ދުވަސްކުރިން މަޖިލީހުގެ 241 ކޮމިޓީން ބުނެފައިވެ އެވެ.

ނަޝީދަށް ހަމަލާދިން ކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށް، ދައުވާ އުފުލައި ޝަރީއަތް ވެސް ވަނީ ފަށައިފަ އެވެ. މި ހަމަލާގެ ފަހަތުގައި ވަނީ ހައްދުފަހަނާއެޅި ފިކުރުގެ ބައެއް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.