Roadha Mihaaru
ރާޖަޕަކްސަ ސަލާމަތްކޮށްދިނީ ހަތިޔާރު އެޅި ސިފައިން

ރާޖަޕަކްސަ ސަލާމަތްކޮށްދިނީ ހަތިޔާރު އެޅި ސިފައިން

10 މެއި 2022

މަގާމުން އިއްޔެ އިސްތިއުފާ ދެއްވި، ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުން ނުނިކުމެވި ތާށިވެފައި ހުންނަވަނިކޮށް، ވަރުގަދަ އަށް ހަތިޔާރު އެޅި ސިފައިންގެ ފައުޖެއް ގޮސް، އޭނާ އެ ތަނުން ސަލާމަތް ކޮށްގެން ރައްކާތެރި ތަނަކަށް ގެންގޮސްފި އެވެ.

މަގާމުން އިއްޔެ އިސްތިއުފާ ދެއްވި، ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުން ނުނިކުމެވި ތާށިވެފައި ހުންނަވަނިކޮށް، ވަރުގަދަ އަށް ހަތިޔާރު އެޅި ސިފައިންގެ ފައުޖެއް ގޮސް، އޭނާ އެ ތަނުން ސަލާމަތް ކޮށްގެން ރައްކާތެރި ތަނަކަށް ގެންގޮސްފި އެވެ.

ރާޖަޕަކްސަ ސަލާމަތް ކުރަން، ހަތިޔާރު އެޅި ސިފައިން ދާން މަޖުބޫރުވީ، ލަންކާ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ މީހުން، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅަށް ވަދެގަންނަން މަސައްކަތްކުރަން ފެށުމުން، ރާޖަޕަކްސަގެ ފުރާނަ އަށް ނުރައްކާ ކުރިމަތިވުމުންނެވެ. މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ވެސް، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި ހުންނަވަން ރާޖަޕަކްސަ އަށް މަޖުބޫރުވީ، މުޒާހަރާ ކުރަމުންދާ މީހުން ކޮލޮމްބޯގެ މަގުތަކުގައި ހިންގަމުން ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން، މަގުތަކުން ދަތުރުކުރުމުގައި އެއްވެސް ރައްކާތެރި ކަމެއް ނެތުމުންނެވެ.

އިސްތިއުފާ ދެއްވުމަށް ފަހު ވެސް ރާޖަޕަކްސަ ހުންނެވީ ރަސްމީ ގެކޮޅުގައި ކަން، މުޒާހަރާ ކުރަމުން ދިޔަ މީހުންނަށް އެނގުމާ ގުޅިގެން، އޭގެ ތެރެއިން އެތައް ހާސް ބަޔަކު އެ ގެކޮޅު ކައިރި އަށް އެއްވެ، ރާޖަޕަކްސަ އެ ތަނުން ނުކުތުމަށް ގޮވަމުން ދިޔަ އެވެ. ގެކޮޅު ކައިރި އަށް އެއްވި ގިނަ އަދަދެއްގެ ބަޔަކު، ގެކޮޅުގެ މައި ދޮރޯށި ހަލާކުކޮށްލައިގެން ގޯތި ތެރެއަށް ވަދެގަތެވެ.

މެއި 9، 2022 - ކޮލަމްބޯ: ސްރީ ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެ ގައުމުގެ ބޮޑުވަޒީރުގެ ގެކޮޅު ކައިރި ސަރަހައްދެއްގައި ހުރި ކިއޮސްކެއްގައި ރޯކޮށްލާފައި. -- ފޮޓޯ: އޭއެފްޕީ

މެއި 9، 2022 - ކޮލަމްބޯ: ސްރީ ލަންކާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެ ގައުމުގެ ބޮޑުވަޒީރުގެ ގެކޮޅު ކައިރި ސަރަހައްދެއްގައި ހުރި ކިއޮސްކެއްގައި ރޯކޮށްލާފައި. -- ފޮޓޯ: އޭއެފްޕީ

އެ ވަގުތު ރާޖަޕަކްސަ އާއި އާއިލާގެ ބޭފުޅުން ތިއްބެވީ އެ ގޯތި ތެރޭގައި ހުންނަ ދެބުރި އިމާރާތުގެ ތެރޭގަ އެވެ. މުޒާހަރާގެ ބައިވެރިން އެ އިމާރާތަށް ވަދެގަންނަން މަސައްކަތް ކުރަން ފެށުމުން، ގެކޮޅުގެ ސަލާމަތީ ކަންތައް ބަލަހައްޓަން ތިބި ފުލުހުންނާއި ސިފައިން ވަނީ، މުގުރާއި ކަރުނަގޭސް ބޭނުންކޮށް، މުޒާހަރާގެ ބައިވެރިން އެ އިމާރާތަށް ވަދެގަތުން ހުއްޓުވައިފަ އެވެ.

ނަމަވެސް މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ނުދިޔުމާ ގުޅިގެން، ރާޖަޕަކްސަ އާއި އާއިލާގެ މެމްބަރުންނަށް އެ ތަނުން ނުކުމެވޭނެ ގޮތެއް ނެތުމުން، ރައީސް ގޯޓާބޭ ރާޖަޕަކްސަގެ އަމުރަށް، ސިފައިންގެ ހާއްސަ ފައުޖެއް، އެ ގެކޮޅަށް ފޮނުވި އެވެ. މިއަދު އިރު އަރަން އުޅެނިކޮށް، ސިފައިން އެ އިމާރާތުގެ ތެރެއަށް ވަދެ، ރާޖަޕަކްސަ އާއި އާއިލާގެ މެމްބަރުން ވަނީ އެ ތަނުން ނެރެ، ރައްކާތެރި ތަނަކަށް ގެންގޮސްފައި ކަމަށް، ލަންކާ ސަރުކާރުން ބުނެ އެވެ.

މުޒާހަރާގެ ބައިވެރިން، ރާޖަޕަކްސަ ހުންނެވި އިމާރާތުގެ ތެރެއަށް ވަނަނުދީ މައިތިރި ކުރީ، އެ ސަރަހައްދުގެ ސަލާމަތީ ކަންތައް ބަލަހައްޓަން ތިބި ފުލުހުން، ވައިގެ ތެރެއަށް ބަޑި ޖަހައި، މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ކަރުނަގޭސް ޖަހައިގެންނެވެ.

ސިފައިން ހަތިޔާރާއެކު ގޮސް ރާޖަޕަކްސަ ސަލާމަތް ކުރި ނަމަވެސް، މުޒާހަރާގެ ބައިވެރިން އިއްޔެ ވަނީ ރާޖަޕަކްސަގެ އަމިއްލަ ގެއަކާއި އޭނާގެ އާއިލާގެ މެމްބަރުންގެ ގެއެއްގައި ރޯކޮށް އަންދާލައިފަ އެވެ. އަދި ރާޖަޕަކްސަ އަށް ވަފާތެރި ބައެއް ސިޔާސީ ބޭފުޅުންގެ މުދަލަށް ވެސް އިއްޔެ ބޮޑެތި ގެއްލުންތަކެއް ދިނެވެ.

ލަންކާ ސަރުކާރާއި ރައީސްގެ އިސްތިއުފާ އަށް ގޮވަމުން، އެތައް ހާސް ބަޔަކު ލަންކާގެ އެކި ކަންކޮޅުތަކުގައި މުޒާހަރާ ކުރަން ފެށީ، މިދިޔަ ހުކުރު ދުވަހުން ފެށިގެން ކާފިޔޫ ހިންގާފައި ވަނިކޮށެވެ. މުޅި ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮތުމުން، މުޒާހަރާތައް ރޫޅާލައި މަގުމަތިން މީހުން ހުސްކުރުމަށް، ހަތިޔާރުގެ ބޭނުން ކުރުމުގެ އިހުތިޔާރު ސިފައިންނަށް ލިބިދެ އެވެ.

އިއްޔެ އިން ފެށިގެން ލަންކާގެ މުޒާހަރާތައް ވަރުގަދަވީ، ރައީސް ގޯޓާބޭ އިސްތިއުފާ ދެއްވުމަށް ގޮވާލައި، ގޯލް ފޭސް ސަރަހައްދުގައި، ހަމަހިމޭން މުޒާހަރާގައި ތިބި މީހުންގެ ތެރެއަށް، ރާޖަޕަކްސަގެ ގާތްތިމާގެ މީހުންނާއި އޭނާ އަށް ތާއީދުކުރާ މީހުން ވަދެ، މުޒަހަރާގެ ބައިވެރިންނަށް ހަމަލާދީ ހަމަނުޖެހުން ހިންގަން ފެށުމާ ގުޅިގެންނެވެ.