Roadha Mihaaru
ރާޖަޕަކްސަ ހައްޔަރުކުރަން ގޮވާލައިފި

ރާޖަޕަކްސަ ހައްޔަރުކުރަން ގޮވާލައިފި

10 މެއި 2022

އިއްޔެ މަގާމުން އިސްތިއުފާ ދެއްވި ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަގުތުން ހައްޔަރުކޮށް ތަހުގީގު ހިންގުމަށް، އެ ގައުމުގެ ސިޔާސީ ބައެއް ބޭފުޅުން ސަރުކާރުގެ އިދާރާތަކަށް ގޮވާލައްވަން ފައްޓަވައިފި އެވެ.

އިއްޔެ މަގާމުން އިސްތިއުފާ ދެއްވި ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަގުތުން ހައްޔަރުކޮށް ތަހުގީގު ހިންގުމަށް، އެ ގައުމުގެ ސިޔާސީ ބައެއް ބޭފުޅުން ސަރުކާރުގެ އިދާރާތަކަށް ގޮވާލައްވަން ފައްޓަވައިފި އެވެ.

ރާޖަޕަކްސަ ހައްޔަރު ކުރުމަށް ލަންކާގެ ކަމާ ބެހޭ އިދާރާތަކަށް ގޮވައިލީ، އިއްޔެ ކޮޅުނބުގެ ގޯލް ފޭސްގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގެ ފަހަތުގައި ހުންނެވީ އޭނާ ކަމަށް ތުހުމަތުކޮށެވެ. ގާނޫނު ހަދާ މަޖިލީހުގައި ޓެމިލް ނޭޝަނަލް އެލަޔަންސް ތަމްސީލް ކުރައްވާ މެމްބަރެއް ކަމަށްވާ އެމް.އޭ ސުމަންތިރަން ވިދާޅުވި ގޮތުގައި، ގޯލް ފޭސްގައި ސުލްހަވެރި މުޒާހަރާގައި ތިބި މީހުންނަށް ހަމަލާ ދިނުމަށް ކޮޅުނބަށް މީހުން އެއްކުރި ހުރިހާ އެންމެން ހައްޔަރުކުރަންޖެހެ އެވެ.

އޭގެ ތެރޭގައި އިއްޔެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި މަހިންދަ ރާޖަޕަކްސަ އާއި، މުޒާހަރާގެ ބައިވެރިންނަށް ހަމަލާ ދިނުމުގެ ކަންތައް ރާވައި އިންތިޒާމުކުރި އެންމެން ވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގޯޓާގޯގާމާ" (ގޯޓާބޭ ރަށަށް ދޭ) ގެ ޝިއާރުގެ ދަށުން ގޯލް ފޭސްގައި މުޒާހަރާ ކުރަން ތިބި މީހުންގެ ތެރެއަށް، ވެރިކަން ކުރާ ޕާޓީ، ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ)ގެ މެމްބަރުން ވަދެ ހަމަނުޖެހުން ހިންގަން ފެށީ، މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރުމަށް ފަހު އެ ތަނަށް ގޮހެވެ. ދެ ފަރާތުގެ މެދުގައި ކުރިމަތިލުންތައް ހިނގައި، "ގޯޓާގޯގާމާ" ގެ ބައިވެރިން އެންމެ ފަހުން ސަރުކާރުގެ ތަންތަނަށް ގެއްލުން ދޭން ފެށީ އެވެ.

"ގޯޓާގޯގާމާ" ގެ ބައިވެރިން ސުލްހަވެރި މުޒާހަރާގައި ތިބީ، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކަމަށްވާ ޓެމްޕަލް ޓްރީއާ މާ ދުރު ނޫން ހިސާބަކުން، ގޯލް ފޭސްގެ ތެރޭގަ އެވެ.

ރާޖަޕަކްސަ އަށް ތާއީދުކުރާ މީހުން، ގޯލް ފޭސް ތެރެއަށް ވަދެ ހަމަނުޖެހުން ހިންގުމާ ގުޅިގެން، "ގޯޓާގޯގާމާ" ގެ ބައިވެރިން ބަދަލު ހިފުމުގެ ޖޯޝްގައި ނުކުމެ، ވެރިކަން ކުރާ ޕާޓީގެ މެމްބަރުންނާ ދިމާކުރަން ފެށި އެވެ. އެ ގޮތުން އިއްޔެ އިސްތިއުފާ ދެއްވި ބޮޑުވަޒީރުގެ ގެއަކާއި އޭނާގެ ތިމާގެ މީހުންގެ ގެއެއްގައި ހުޅުޖަހައި ރޯކޮށްލި އެވެ.

އޭގެ އިތުރުން ވެރިކަން ކުރާ ޕާޓީ އަށް ނިސްބަތްވާ، ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުންގެ ގޭގޭގައި ވެސް ހުޅުޖަހައި އެމީހުންގެ އެއްގަމު އުޅަނދުތަކުގައި ވެސް ހުޅުޖެހި އެވެ. އިއްޔެގެ ހަމަނުޖެހުންތަކުގައި މަދުވެގެން ފަސް މީހަކު މަރުވެ އިތުރު 200 މީހަކު ޒަހަމްވި އެވެ.