Roadha Mihaaru
ނަޝީދު ވަޑައިނުގަންނަވަންވީ ސަބަބެއް ނެތް: އިކްރާމް

ނަޝީދު ރާއްޖެ ވަޑައިނުގަންނަވަންވީ ސަބަބެއް ނެތް: އިކްރާމް

24 އޯގަސްޓް 2021

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރާއްޖެ ވަޑައިނުގެނެވޭނެ ސަބަބެއް މިހާރަކު ނެތް ކަމަށް ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރާއްޖެ ވަޑައިނުގެނެވޭނެ ސަބަބެއް މިހާރަކު ނެތް ކަމަށް ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އަވަހާރަކޮށްލަން މި އަހަރުގެ މޭ ހަ ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓް ހަމަލައިގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ބޮޑެތި ސާޖަރީތަކެއް ހަދައި، އިތުރު ފަރުވާ ހޯއްދެމަށް މޭ 13 ގައި ޖަރުމަނަށް ވަޑައިގަތުމަށް ފަހު. ޖުލައި 1 އިން ފެށިގެން އެ މަނިކުފާނު އުޅުއްވަނީ އިނގިރޭސި ވިލާތުގަ އެވެ. އާއިލާގެ ބައެއް ބޭފުޅުން ވެސް ދިރިއުޅުއްވާ އިނގިރޭސި ވިލާތަށް ވެސް ނަޝީދު ވަޑައިގަތީ އިތުރު ފަރުވާއަށް ކަމަށް އާއިލާ އިން ބުނެފައި ވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން އިކްރާމް ވިދާޅުވީ، ޓެރަރިސްޓު ހަމަލާއަށް ފަހު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު، ނަޝީދަށް ކުރިއަށް ވުރެ ބޮޑަށް މިހާރު ސެކިއުރިޓީ ލިބިވަޑައިގަންނަވާނެ ކަމަށާއި ސެކިއުރިޓީ ދޭ ވަރު އިތުރު ކުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

އެހެންކަމުން އެ މަނިކުފާނު ރާއްޖެ ވަޑައިނުގަނެވިގެން މިއަދު ހުންނަވަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ކަންކަން ރަނގަޅު ކުރަން ރާއްޖެ ވަޑައިގެން މަސައްކަތްޕުޅު ކުރައްވަން ޖެހޭ ކަމަށް އިކްރާމް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު [ނަޝީދަށް] ނާދެވޭނެ މާހައުލެއް ނެތް. ރައީސް ނަޝީދަށް ވަޑައިގެންނެވޭނެ. ވަޑައިނުގަންނަވަންވީ ސަބަބެއް ނެތް،" އިކްރާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ނަޝީދަކީ ގައުމުގެ ތަރައްގީ އާއި ކުރިއެރުމަށް ވަރަށް ރަނގަޅަށް މަސައްކަތްޕުޅުތަކެއް ކުރައްވާ ބޭފުޅެކެވެ. ރާއްޖެ އިން ބޭރުގައި ހުންނަވައިގެން އެ ކަންކަން ކުރެއްވުމަށް ވުރެ ރާއްޖެ ވަޑައިގެން މާ ރަނގަޅު މަސައްޕުޅުތަކެއް ކުރެއްވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އިކްރާމް ވިދާޅުވި އެވެ.

އިކްރާމް މިހެން ވިދާޅުވި ނަމަވެސް މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ދުވަހުގެ ޖަލްސާ އަށް ނަަޝީދު ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ، ހަމަލާ ރޭވުމުގައި ބައިވެރިވި މީހުން ހޯދައި ހައްޔަރު ނުކުރެވެނީސް ރާއްޖެ އަށް އެނބުރި ވަޑައިގަންނަވަން ޖެހިލުންވެވަޑައިގަންނަވާ ކަމަށެވެ.

ރާއްޖެ އިން ބޭރުގައި ހުންނަވައިގެން މަޖިލީހަށާއި ދައުލަތަށް ކޮށްދެއްވާނެ ހިދުމަތަކީ ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އިންޓަޕާލަމެންޓްރީ ޔޫނިއަން އާއި ކޮމަންވެލްތު ޕާލަމެންޓްރީ އެސޯސިއޭޝަންގެ މަސައްކަތްތަކެވެ. އޭގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ކްލައިމެޓް ވަލްނަރަބުލް ފޯރަމްގެ މަސަައްކަތްތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވިދާޅުވެފައި ވަނީ އެ މަނިކުފާނު ވީހާ ވެސް އަވަހަކަށް އެނބުރި ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ނަޝީދުގެ ސަލާމަތީ ކަންކަން ފުރިހަމަ ކުރުމަށްޓަކައި މަޖިލީހުގެ 241 ކޮމިޓީން ހެދި އިންކުއަރީ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ރިކޮމެންޑޭޝަންތައް ތަންފީޒު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް ރައީސް މިދިޔަ ހަފުތާގައި ވިދާޅުވެފައި ވެ އެވެ.