Roadha Mihaaru
ކުއްޖަކަށް އަނިޔާކުރުމުން ހަރުކަށި ފިޔަވަޅުތަކެއް!

މިލަންދޫގައި ކުއްޖަކަށް އަނިޔާކުރި މައްސަލަ، ސްކޫލް ކުދިންނަށް ހަރުކަށި ފިޔަވަޅުތަކެއް!

17 މެއި 2022

ށ. މިލަންދޫގައި ސްކޫލް ކުދިން ހަރަކާތްތެރިވާ ގޮތް މޮނިޓަ ކުރަން ނިންމައި ހަރުކަށި، ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ށ. މިލަންދޫގައި ސްކޫލް ކުދިން ހަރަކާތްތެރިވާ ގޮތް މޮނިޓަ ކުރަން ނިންމައި ހަރުކަށި، ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފި އެވެ.

އެ ފިޔަވަޅު އެޅީ އެ ރަށުގެ ކުދިންތަކެއް، އެހެން ކުއްޖަކު ވަލުތެރެއަށް ވައްދައި އަނިޔާކުރާ ވީޑިއޯއެއް ދާދި ފަހުން އާންމުވެފައި ވަނިކޮށެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަނީ ކުއްޖާގެ ގަމީހުގައި ހިފައިގެން ގަދަކަމުން ގެންގޮސް އެ ކުއްޖާ ބިންމައްޗަށް ވައްޓާލައި އަނިޔާކުރަނިކޮށެވެ. އެ ކުއްޖާގެ ގައިގައި ދަނޑިބުރިއެއް ކަހަލަ އެއްޗަކުން ވަރަށް ބާރަށް ދެތިން ފަހަރު ޖަހަ އެވެ. އަދި ފަހުން އަތުން ވެސް ތަޅަ އެވެ.

އެ އަމަލުތަކަށް ފަހު، ކައުންސިލުން މިއަދު ނެރުނު އުސޫލުގައިވާ ގޮތުން، ސްކޫލް ކުދިންނަށް ކުޅިވަރު ދަނޑުތައް ހާއްސަ ގަޑިއަކީ ހަވީރު 4:00 އިން 6:00 އެވެ. އެ ނޫން ވަގުތުތަކުގައި، ހާއްސަކޮށް ރޭގަނޑު ކުޅިވަރު ކުޅެން ދިއުމަކީ މަނާކަމެކެވެ.

ކުޅެން ދިއުމަށް ކަނޑައަޅާފައިވާ ވަގުތު ފިޔަވައި އެހެން ވަގުތު ތަކުގައި ކުޅެން އުޅޭ ކުދިން އަދި ކުޅުމަށް ކަނޑައަޅާފައިވާ ވަގުތުގައި އެ ކަމަށް އެކަށޭނެ ހެދުން ބޭނުން ކުރުމުގެ ބަދަލުގައި ހަވީރީ ހެދުން ލައިގެން ދާ ދަރިވަރުން ގެއަށް ފޮނުވާލާނެ ކަމަށް ވެސް އިއުލާނުގައި ވެ އެވެ. އަދި މިސްކިތަށް ނަމާދަށް ގޮސް މިސްކިތުގެ ބޭރުގަ އާއި އެތެރޭގައި ވާހަކަ ދައްކައި، ސަކަރާތްޖަހާ ކުދިންނާ މެދު ވެސް ފިޔަވަޅު އަޅަން ވަނީ ކަނޑައަޅައިފަ އެވެ.

ރޭގަނޑު އެކި ސަރަޙައްދުތަކުގައި ގްރޫޕް ހަަދައި، ބެލެނިވެރިންނާ ނުލައި އުޅޭ ދަރިވަރުން ގެ އަށް ފޮނުވާލައި، ފިޔަވަޅު އަޅަން ވަނީ ނިންމައިފަ އެވެ. އަދި ކުދިން، އެކަނި ނުވަތަ ގްރޫޕް ހަދާފައި ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަނަށް ދިއުމަކީ މަނާ ކަމެކެވެ.

އިއުލާނުގައި ވާ ގޮތުން ހަފުތާ ބަންދުގައި ނުވަތަ އެ ނޫން ދުވަސްތަކުގައި ވެސް ކުދިންނަށް މޫދަށް އެރެވޭނީ ބެލެނިވެރިއެއްގެ ހާޒިރުގަ އެވެ. ހުކުރު ދުވަހު ހެނދުނު މޫދަށް އެރޭ ކުދިން ވެސް ލަސްވެގެން ހެނދުނު 10:45ގައި މޫދުން އަރަން ޖެހެ އެވެ.

މީގެ އިތުރުން ވެސް ހަރުކަށި ފިޔަވަޅުތަކެއް ކައުންސިލުން ކަނޑައަޅާފައިވާއިރު، މިހާރަކަށް އައިސް ސްކޫލް ކުދިންގެ މެދުގައި ބުލީ ކުރުން އިތުރުވާ ކަމަށާއި މުހިންމު ބޭނުމެއް ނެތި ރަށުތެރޭގައި ކުދިން ގުރޫޕް ހަދައިގެން އުޅޭ ވަރު އިތުރުވަމުންދާ ކަންބޮޑުވުން އެ ކައުންސިލުން ފާހަގަކުރެ އެވެ.

މިލަންދޫގައި ކުއްޖަކަށް އަނިޔާކުރި މައްސަލާގައި ސުވާލުކުރުމުން ޖެންޑާ މިނިސްޓްރީން ބުނީ އެ ހާދިސާއާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަަމަށާއި އަނިޔާގެ ޝިކާރައަކަށްވި ކުއްޖާ އށް ފަރުވާ ވެސް ދީފައިވާ ކަމަށެވެ.