Roadha Mihaaru
ބުލީއާ ދެކޮޅު އެޕަކުން ބައިނަލްއަގްވާމީ އެވޯޑެއް

ބުލީއާ ދެކޮޅު އެޕަކުން ބަންގްލަދޭޝްގެ ކުއްޖަކަށް ބައިނަލްއަގްވާމީ އެވޯޑެއް

15 ނޮވެމްބަރ 2020

ސައިބަ ބުލީއާ ދެކޮޅަށް ބަންގްލަދޭޝްގެ ދަރިވަރަކު އުފެއްދި އެޕަކުން ބައިނަލްއަގްވާމީ އެވޯޑެއް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސައިބަ ބުލީއާ ދެކޮޅަށް ބަންގްލަދޭޝްގެ ދަރިވަރަކު އުފެއްދި އެޕަކުން ބައިނަލްއަގްވާމީ އެވޯޑެއް ލިބިއްޖެ އެވެ.

އޮންލައިންކޮށް ކުރާ ބުލީގެ އަމަލުތައް ރިޕޯޓްކޮށް، އެފަދަ މައްސަލަތަކާ ދެކޮޅަށް ވަރަށް ފަސޭހައިން އެހީ ހޯދޭނެ އަދި ބުލީއާ ބެހޭ ވަރަށް ގިނަ މައުލޫމާތު ވެސް ލިބޭ ގޮތަށް ހެދި މޮބައިލް އެޕް "ސައިބަ ޓީންސް" އިން މި އަހަރުގެ ކިޑްސް ރައިޓްސް އިންޓަނޭޝަނަލް ޗިލްރެންސް ޕީސް ޕްރައިޒް ހޯދީ ބަންގަލްދޭޝްގެ 17 އަހަރުގެ ސާދާތު ރަހްމާނެވެ. އެވޯޑާ އެކު އޭނާ އަށް 118،225 ޑޮލަރު ވެސް ލިބިފައިވެ އެވެ.

ދަ ހޭގްގައި ހުކުރު ދުވަހު ބޭއްވި ހަފުލާގައި އެވޯޑާ ހަވާލުވެ، ސާދާތު ބުނި ގޮތުގައި މިކަހަލަ އެޕެއް ހަދަން މަޖުބޫރުވި ސަބަބަކީ 15 އަހަރުގެ ކުއްޖަކު ބުލީގެ ޝިކާރައަކަށްވެ، އޭނާ ކުރަން ޖެހުނު ހިތްދަތި ތަޖުރިބާގެ ވާހަކަ އަޑު އަހައިފަ އެވެ. އެ ކުއްޖާ ފަހުން ވަނީ އަމިއްލަ ފުރާނަ ވެސް ދުއްވާލައިފަ އެވެ.

"ސައިބަބުލީންއާ ދެކޮޅަށް މަސައްކަތް ކުރުމަކީ ހަނގުރާމައެއް ކަހަލަ ކަމެއް. އަހަންނަށް މިހާރު އިހުސާސްކުރެވެނީ ހަނގުރާމަވެރިއެއްގެ ގޮތުގައި،" ސާދާތު ބުންޏެވެ. "ހާއްސަކޮށް ކުޑަކުދިންނަށް ކުރާ ސައިބަބްލީއާ ދެކޮޅަށް އަހަރެން ކުރާ މަސައްކަތް ހުއްޓައެއް ނުލާނަން. ގިނަ ބަޔަކު އަހަރެންގެ މި މަސައްކަތަށް ސަޕޯޓްކުރާ ނަމަ ބުލީއާ ދެކޮޅަށް ކުރާ މަސައްކަތް ކާމިޔާބުވާނެ. އެކަން ހުއްޓުވޭނެ."

ބުލީއާ ދެކޮޅަށް ސާދާތު އުފެއްދި "ސައިބަ ޓީން" އަކީ މިހާރު އޭނާ ދިރިއުޅޭ ނަރައިލް ޑިސްޓްރިކްޓްގެ އެތައް ހާސް ކުދިންނެއް ވެސް ބޭނުންކުރަމުން އަންނަ އެއްޗެކެވެ.

އޭނާ ބުނި ގޮތުގައި އެޕަށް ލިބުނު އެވޯޑާ އެކު ލިބުނު ފައިސާ އިން އެޕް އިތުރަށް ތަރައްގީކޮށް، މުޅި ބަންގްދޭޝްގައި ބޭނުންކުރާ އެއްޗަކަށް ހަދައި، މުޅި ދުނިޔޭގައި ވެސް ބޭނުންކުރާ އެއްޗަކަށް ހެދުމަކީ އުންމީދެކެވެ.

ސާދާތު ހޯދި ކާމިޔާބީއާ ގުޅިގެން ނޯބެލް ޕީސް ޕްރައިޒް ހޯދާފައިވާ ޕާކިސްތާނުގެ މަލާލާ ޔޫސަފްޒާއީ ވެސް މަރުހަބާ ކިތާގައިވެ އެވެ. އޭނާ ވަނޫ ސާދާތަކީ "އިންސްޕިރޭޝަނެއް" ގެ ގޮތުގައި ސިފަކޮށްފަ އެވެ.