Roadha Mihaaru
"ގާލްސް އިން ޑޭޓާ" ޕްރޮގްރާމް ފަށައިފި

ރާއްޖޭގެ ފުރަތަމަ "ގާލްސް އިން ޑޭޓާ" ޕްރޮގްރާމް ފަށައިފި

19 މެއި 2022

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ، ޑޭޓާ ލިޓްރަސީ ޕްރޮގްރާމް، "ގާލްސް އިން ޑޭޓާ" ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ، ޑޭޓާ ލިޓްރަސީ ޕްރޮގްރާމް، "ގާލްސް އިން ޑޭޓާ" ފަށައިފި އެވެ.

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ބާއްވާ މި ޕްރޮގުރާމު ފެށުމުގެ ގޮތުން، ދިރާގުގެ ހެޑް އޮފީހުގައި ޕްރޮގްރާމްގެ ބައިވެރިންނާ ބައްދަލުކޮށް އޮރިއެންޓޭޝަން ސެޝަނެއް މިއަދު ވަނީ ބާއްވައިފަ އެވެ.

މި ޕްރޮގްރާމަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ 10 އަހަރާއި 13 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް އަމާޒުކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ސެޝަންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފާ ވަނީ އޮންލައިން ކޮށެވެ.

މި ޕްރޮގްރާމަކީ، ޑޭޓާ ބޭނުންކުރުމުގެ އަސްލު މިސާލުތަކާއި، ރާއްޖޭގެ ބައެއް ޑޭޓާ އިންޓެންސިވް އިދާރާތަކުގެ ފީލްޑް ޓްރިޕްތަކެއް ވެސް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގުރާމުގައި، ޑޭޓާ އެއްކުރުމާއި، މާނަކުރުމާއި، ޑޭޓާ ބޭނުންކޮށްގެން މުހިންމު ނިންމުންތައް ނިންމާނެ ގޮތް ދަސްކޮށްދެވޭނެއެވެ.

މިއީ، ޅަ އުމުރުގައި ޑޭޓާ އާއި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އުފައްދައި މި ދާއިރާގެ ޖެންޑާ ގެޕް ކުޑަ ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ، 14 ސެޝަނުގެ ދޮޅު މަސް ދުވަހުގެ ޕްރޮގްރާމެކެވެ.

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ރޯލު އިތުރުކުރުމަށް އެކި ރަށްރަށުގެ އަންހެން ކުދިންނަށް އަމާޒު ކޮށްގެން "ގާލްސް އިން ކޯޑް" ޕްރޮގުރާމެއް ވެސް ހިންގަ އެވެ.