Roadha Mihaaru
އެއް ކަމެއް، އެކަމަކު އެމްޑީޕީ ބޭނުންވުމުން ފާސްކޮށްފި

އެއް މައްސަލައެއް، އެކަމަކު އެމްޑީޕީގެ މެމްބަރަކު ހުށަހެޅުމުން ފާސްކޮށްފި

07 ޖޫން 2022

މެމްބަރުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުވާ ކަމުގެ ޝަކުވާ ލިބޭތީ ރައްޔިތުންގެ މަަޖިލީހަށް މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރިން ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ނުކޮށް ބޭރުކޮށްލާފައި ވަނިކޮށް، ހަމަ އެ މައްސަލަ ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑް) ހުށަހެޅުއްވުމުން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މެމްބަރުންނަށް ނޭނގި ސިޔާސީ ޕާޓީ ބަދަލުވާ ކަމުގެ ޝަކުވާ ލިބޭތީ ރައްޔިތުންގެ މަަޖިލީހަށް މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރިން ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ނުކޮށް ބޭރުކޮށްލާފައި ވަނިކޮށް، ހަމަ އެ މައްސަލަ ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑް) ހުށަހެޅުއްވުމުން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އާންމުންނަށް އެނގުމެއް ނެތި މީހުން ޕާޓީތަކަށް ވައްދައި، ޕާޓީ ބަދަލުކުރާ މައްސަލަ މަޖިލީހުގެ ސަމާލު ކަމަށް ގެނައުމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝާރީފް މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ މިދިޔަ މަހު 23 ގަ އެވެ.

އެކަމަށް ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 10 މެމްބަރެކެވެ. ބަހުސް ކުރަން ނުފެންނަ ކަމަށް 17 މެމްބަރުން ވޯޓު ދެއްވުމާއެކު އެ މައްސަލަ މަޖިލީހުން އޭރު ބޭރުކޮށްލީ އެވެ.

އެކަމަކު، ވެލިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މޯޑް ހަމަ އެ މައްސަލަ، އިބާރާތަށް ވެސް މާ ބޮޑު ބަދަލެއް ނުގެނެސް މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވުމުން، މަޖިލީހުގައި ސުޕަ މެޖޯރިޓޯ އޮންނަ އެމްޑީޕީގެ މެމްބަރުންގެ ވޯޓާއެކު ފާސްކުރި އެވެ. އާދަމް ޝަރީފާއި އިދިކޮޅު މެމްބަރުންގެ ވެސް ތާއީދާއެކު މޯޑްގެ މައްސަލަ ފާސްކުރީ 40 ވޯޓުންނެވެ.

ގާތްގަނޑަކަށް އެއް ވާހަކަ އަޅުގަނޑު ވެސް ހުށަހެޅީ. އަޅުގަނޑަށް މި ލިޔެފައި އެމްޑީޕީ އަށް ފޮނުވައި ނުލެވުނީމާ ކަމަށް މި ބަލަނީ އެ ބޭރު ކޮށްލީ،" --- އާދަމް ޝަރީފް

އިދިކޮޅުގެ މެމްބަރަކު ކުރިން މަޖިލީހަށް ހުށަހެޅުއްވުމުން އެއްބާރުލުން ނުދީ، އެމްޑީޕީގެ މެމްބަރުންގެ ބާރުގައި އެ މައްސަލަ ބޭރުކޮށްލިޔަސް އެއީ އެ ޕާޓީ ވެސް ހިމެނޭ ގޮތަށް، މުޅި ގައުމުގެ އެތައް ބައެއްގެ ކަންބޮޑުވުމެއް އޮތް ކަމެކެވެ.

މޯޑްގެ މައްސަލައިގައި ވެސް ބުނެފައި ވަނީ އާންމުންގެ އެއްވެސް ބައިވެރިވުމެއް ނެތި ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމާއި ޕާޓީ ބަދަލުކުރާ މައްސަލައިގައި ޝަކުވާ ލިބެމުން އަންނަ ކަމަށެވެ.

"...މިފަދަ ކަންކަމުގެ ސަބަބުން ސިޔާސީ ޕާޓީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވުމާއި އާންމު ރައްޔިތުންނަށް އިތުރު އުނދަގޫތައް ކުރިމަތިވަމުންދޭ،" މީހުންނަށް ނޭނގި އެކިއެކި ސިޔާސީ ޕާޓީތަކަށް ވައްދާ މައްސަލަ ބޮޑުވެފައި ވަނިކޮށް ހުށަހެޅި މައްސަލައިގައި ވެ އެވެ.

މޯޑް ހުށަހެޅުއްވި މައްސަލައިގައި ބަހުސް ކުރައްވަން ފުރުސަތު ލިބިވަޑައިގަތުމުން އާދަމް ޝަރީފް ވިދާޅުވީ އޭނާ ވެސް ހުށަހެޅުއްވީ އެއް މައްސަލައެއް ކަމަށާއި އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން އެފަދަ ޑްރާމާ ނުކުޅެ ޒިންމާދާރުވާން ޖެހޭ ކަމަށެވެ.

"ގާތްގަނޑަކަށް އެއް ވާހަކަ އަޅުގަނޑު ވެސް ހުށަހެޅީ. އަޅުގަނޑަށް މި ލިޔެފައި އެމްޑީޕީ އަށް ފޮނުވައި ނުލެވުނީމާ ކަމަށް މި ބަލަނީ އެ ބޭރު ކޮށްލީ،" ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

މޯޑް މީގެ ކުރިން ވަނީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް، ހައްޖަށް ދާން ފޯމު ހުށަހެޅުމުން އޭނާގެ މަންމަ އާއި ބައްޕަ އަދާލަތު ޕާޓީގެ ރަޖިސްޓަރީގައި ހިމެނި ކަމަށް ވިދާޅުވެފަ އެވެ.

ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ) މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގައި ރަޖިސްޓަރީކޮށްފައި އޮތް މައްސަލައެއް ވެސް މި ފަހުން ވަނީ އެނގިފަ އެވެ.

ޕާޓީތަކަށް މީހުން ނޭނގި ވަައްދާ މައްސަލަ ހައްލު ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ ޕާޓީތަކާ އަލަށް ގުޅޭ މެމްބަރުންގެ ނަންތައް އެ ކޮމިޝަންގެ ވެބްސައިޓުގައި އާންމު ކުރުމަށެވެ. އަދި އިތުރަށް ކަށަވަރު ކުރުމަށް އެ މީހެއްގެ ފޯނަށް ޕާޓީއާ ގުޅުނު ކަމުގެ މެސެޖު ފޮނުވަން ވެސް ވަނީ ފަށައިފަ އެވެ.