Roadha Mihaaru
ޓެކްސީ އެޕްލިކޭޝަން މަޖްބޫރުކޮށް، އަގު ކަނޑައަޅައިފި

ޓެކްސީ އެޕްލިކޭޝަން މަޖްބޫރުކޮށް، އަގުތައް އިއުލާންކޮށްފި

01 އޯގަސްޓް 2019

ޓެކްސީގައި މިއަދުން ފެށިގެން ޓެކްސީ އެޕްލިކޭޝަން ބޭނުންކުރުމުގެ ހުއްދަ ޓްރާންސްޕޯޓް މިނިސްޓްރީން ދީފި އެވެ. އެއަށްފަހު ދަތުރުތަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 75ރ. ކަމަށް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޓެކްސީގައި މިއަދުން ފެށިގެން ޓެކްސީ އެޕްލިކޭޝަން ބޭނުންކުރުމުގެ ހުއްދަ ޓްރާންސްޕޯޓް މިނިސްޓްރީން ދީފި އެވެ. އެއަށްފަހު ދަތުރުތަކަށް ނެގޭނެ އެންމެ ބޮޑު އަގަކީ 75ރ. ކަމަށް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށްގެން ދުއްވާ ހުރިހާ ޓެކްސީއެއްގައި، މޮބައިލް ތިން އެޕްލިކޭޝަނެއް ބޭނުންކުރަން ހުއްދަ ދީފައިވާ ކަމަށެވެ. އެއީ އަވަސް ރައިޑް، ޕިކްމީ އަދި އެއައީ އެވެ. ނަމަވެސް އެ އެޕްލިކޭޝަންތައް ބޭނުންކުރަން ފެށުމަށް މިނިސްޓްރީން ވަނީ ޓެކްސީތަކަށް ދެ މަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މިއަދުން ފެށިގެން ޓެކްސީ އެޕްލިކޭޝަން ބޭނުންކުރަން ފެށިކަމުގައި ވިއަސް އަގުތަކަށް ބަދަލު އަންނާނީ އަންނަ ބުދަ ދުވަހުން ފެށިގެންނެވެ.

މިނިސްޓްރީން ބުނީ ރައްޔިތުންގެ ޝަކުވާ ބޮޑުވުމުން ޑްރައިވަރުންނާއި އާއްމުންނާ މަޝްވަރާކުރުމަށްފަހު ޓެކްސީގެ އަގަށް ހެޔޮ ބަދަލެއް ގެނެސްފައިވާ ކަމަށެވެ. އެހެންވެ އަލަށް ކަނޑައެޅި ރޭޓުތަކުގައި، ޓެކްސީގެ ޑިިކީއަށް އަރުވާ ދާގީނާއަކަށް ވެސް އިތުރު އަގެއް ނެގުމަކީ މަނާކަމެއްކަމަށް އަންގާފައި ވެ އެވެ.

ޓެކްސީ އެޕްލިކޭޝަން ބޭނުންކުރަން ފެށިއަސް މާލެ އަދި ހުޅުމާލޭގައި ކުރާ ދަތުރުތަކަށް ނަގާނީ މިހާރު ވެސް ނަގާ އަގުކަމަށްވާ 25ރ. އެވެ.

ޓެކްސީ މީޓަރާއެކު ދަތުރުތަކުގެ އަގަށް ގެނައި ބަދަލު

- މާލެ- ހުޅުލެ އަދި ހުޅުލެ- މާލެ: ދަތުރެއްގެ އަގު 60ރ.

- ހުޅުމާލެ- ހުޅުލެ އަދި ހުޅުލެ- ހުޅުމާލެ: ދަތުރެއްގެ އަގު 60ރ.

- މާލެ- ހުޅުމާލެ އަދި ހުޅުމާލެ- މާލެ: ދަތުރެއްގެ އަގު 75ރ.

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު ވެސް ޓެކްސީ ނުލިބުމާއި ޓެކްސީގެ އަގު ބޮޑުވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެއް ކަމަށެވެ. އެހެންވެ މަޝްވަރާތަކަށްފަހު މި ގެނައީ އެންމެންނަށް ވެސް ފައިދާވާނެ ބަދަލެއްކަން ފާހަގަކުރެއްވި އެވެ.

"މިކަމުގެ ފަސޭހަ ހުރިހާ ފަރާތްތަކަށް ވެސް ލިބިގެންދާނެ ކަމަށް އުއްމީދުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި ޓެކްސީކުރުމުގެ ހުއްދަ 1،200 ޓެކްސީއަކަށް ދީފައިވެ އެވެ.