Roadha Mihaaru
ގޮތް ނޭނގޭ މަރުތަކުގައި ޕޯސްޓްމޯޓަމް ހެދޭގޮތް ހަދައިފި

ގޮތް ނޭނގޭ މަރުތަކުގައި ޕޯސްޓްމޯޓަމް ހެދޭ ގޮތަށް ހަމަޖައްސައިފި

24 މެއި 2022

ގޮތް ނޭނގޭ މަރުތަކުގައި މަރުވި ސަބަބު ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ޕޯސްޓްމޯޓަމް ހެދުމާ ބެހޭ ގަވާއިދެއް ހަދައި، މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގޮތް ނޭނގޭ މަރުތަކުގައި މަރުވި ސަބަބު ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ޕޯސްޓްމޯޓަމް ހެދުމާ ބެހޭ ގަވާއިދެއް ހަދައި، މިއަދުން ފެށިގެން އަމަލުކުރަން ފަށައިފި އެވެ.

ޖިނާއީ އިޖުރައާތުގެ ގާނޫނު ބުނާގޮތުން، މަރުގެ މައްސަލަތަކުގައި، މަރުވުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް އޮންނާނެ އެވެ. އެކަމަކު އެ ކަމާބެހޭ ގަވާއިދު ހަދަން ހަވާލުކުރީ ފުލުހުންނާ އެވެ.

ގަވާއިދު ހަދަންޖެހޭ މުއްދަތު ހަމަވިތާ ދޮޅު އަހަރު ފަހުން ފުލުހުން އާންމުކޮށް، އަމަލުކުރަން ފެށި ގަވާއިދު ބުނާގޮތުން ގަސްދުގައި މީހުން މެރުމާއި އަމިއްލަ އަށް މަރުވުމުގެ މައްސަލަތަކުގެ އިތުރުން ގޮތް ނޭނގެ މަރުތަކާއި ގުދުރަތީ މަރެއް ކަމާ މެދު ޝައްކު އުފެދޭ މަރުތަކުގައި ޕޯސްޓްމޯޓަމް ހެދިދާނެ އެވެ. އަދި އެކްސިޑެންޓްތަކާއި އިހުމާލުގެ ސަބަބުން މީހަކު މަރުވާ މައްސަލަތަކުގައި ވެސް ޕޯސްޓްމޯޓަމް ހެދިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

އެ ގަވާއިދު ބުނާގޮތުން ޕޯސްޓްމޯޓަމް ހެދޭނީ ދިވެހި ސަރުކާރުން އެކަމަށް ގަބޫލުކުރާ ރާއްޖޭގެ މަރުކަޒުތަކާއި ބޭރު ގައުމުތަކުގައި އެ ގައުމެއްގެ ސަރުކާރުން ހުއްދަ ދީފައިވާ ތަންތަނުން އެކަންޏެވެ. އަދި ޕޯސްޓްމޯޓަމް ހަދަން ހުއްދަ ދެވޭނީ އެ ގަވާއިދު ބުނާގޮތުން ހަމައެކަނި ކޮމިޝަނާ އޮފް ޕޮލިސްއަށެވެ.

ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަދަންޖެހޭ އިތުރު ތަހުލީލެއް ނެތް ނަމަ، އެ ގަވާއިދު ބުނާގޮތުން މަރުވި މީހާގެ އާއިލާއާ އަވަހަށް ހަށިގަނޑު ހަވާލު ކުރަން ޖެހޭނެ އެވެ. އަދި ބިދޭސީއެއް ނަމަ، ހަށިގަނޑާ ހަވާލުވުމަށްޓަކައި ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެ ގައުމެއްގެ އެމްބަސީއަށް އަންގަން އެ ގަވާއިދު ލާޒިމްކުރެ އެވެ.

ކާކުކަން ނޭނގޭ މީހެއްގެ ނަމަ ނުވަތަ އިންސާނެއްގެ ހަށިގަނޑުގެ ވަކި ބައެއް ޕޯސްޓްމޯޓަމް ހަދާ ނަމަ އެއީ ކާކުކަން ހޯދުމަށް ނަގަންޖެހޭ ހުރިހާ ސާމްޕަލްތަކެއް ނަގަން އެ ގަވާއިދު ލާޒިމްކުރެ އެވެ. އަދި އައިޑެންޓިފިކޭޝަން ނަމްބަރެއް ދިނުމަށްފަހު އެ މައުލޫމާތުތައް ރެކޯޑްކޮށް، އެކަމަށް ޚާއްސަ ޑާޓާބޭސްއެއް ފުލުހުންގެ އިދާރާގައި ގާއިމް ކުރަންޖެހެ އެވެ.