Roadha Mihaaru
އެމްޕީއެލްގައި އޮރެކަލް ކްލައުޑް ބޭނުންކުރަން ފަށައިފި

އެމްޕީއެލްއަށް އޮރެކަލް ކްލައުޑް، ސީއީއޯ ވިދާޅުވީ ޚިޔާނާތަށް ފުރުސަތު ކުޑަވާނެ ކަމަށް

24 މެއި 2022

އެމްޕީއެލް އިން އޮރެކަލް ކްލައުންޑް މެދުވެރިކޮށް އެ ކުންފުނީގެ ހިދުމަތްތައް ދޭން ފެށުމުން މަސައްކަތް ކުރުމުގައި ދެ ފުށް ފެނި ހިޔާނާތުގެ އަމަލުތައް ހުއްޓުވޭނެ ކަމަށް ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޕީއެލް އިން އޮރެކަލް ކްލައުންޑް މެދުވެރިކޮށް އެ ކުންފުނީގެ ހިދުމަތްތައް ދޭން ފެށުމުން މަސައްކަތް ކުރުމުގައި ދެ ފުށް ފެނި ހިޔާނާތުގެ އަމަލުތައް ހުއްޓުވޭނެ ކަމަށް ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

އެމްޕީއެލްގެ އެތެރޭގެ ހިދުމަތްތައް އެއް ޕްލެޓްފޯމަކުން ދޭ ގޮތަށް ބަދަލުކުރަން ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ، އޮރެކަލް ކްލައުޑްގެ ތެރެއިން ހިދުމަތްތައް ގުޅާލުމުން އެ ކުންފުނީގެ މާލީ ކަންކަމާއި ޕްރޮކިއުމަންޓްގައި ވެސް ހަރަދު ކުޑަވާނެ ކަމަށެވެ.

"މި ބަދަލާ އެކު އަޅުގަނޑުމެންގެ ކުންފުނީގެ ނަޒާހާތްތެރިކަން އިތުރުވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ އެމްޕީއެލްގައި 2020 ވަނަ އަހަރު ހިނގި ތެލުގެ ވިޔަފާރީގެ ބޮޑު ކޮރަޕްޝަން ފަދަ ކަންކަން ހުއްޓުވުމަށް އޮރެކަލް ކްލައުންޑަކީ އެހީއަކަށް ވާނެ އެވެ.

ޝާހިދު ވިދާޅުވީ، މި ސިސްޓަމުގެ ތެރެއިން އެމްޕީއެލްގެ މާލީ މައުލޫމާތު ރައްކާކުރެވި، އެ ކުންފުނީގެ ޕާފޯމެންސް މޮނިޓަކޮށް އޮޑިޓްކުރާ ފަރާތްތަކަށް ވެސް މައުލޫމާތު ހޯދަން ފަސޭހަވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އެތެރޭގެ މަސައްކަތްތައް ކުރުން ފަސޭހަވެގެން، އަވަސްވެގެން ދިޔައިމަ އަޅުގަނޑުމެން ހިދުމަތްދޭ ކަސްޓަމަރުންނަށް އަޅުގަނޑުމެންނާ އެކު މަސައްކަތްކުރާ ޝިޕިން ލައިންތަކަށް، ކޮންސައިނިން އަށް ފޯރުކޮށްދޭ ހިދުމަތް އަވަސްވާނެ،" އޭނާ ވިދާޅުވި އެވެ.