Roadha Mihaaru
ހަނގުރާމައިގެ މައިދާނުން ދިވެހިން ގެންނަން ގޮވާލައިފި

ހަނގުރާމައިގެ މައިދާނުން ދިވެހިން ގެންނަން ކުރަންޖެހޭ ކަންކަން ފުރިހަމަކުރަން އދ. އިން ގޮވާލައިފި

25 މެއި 2022

ހަނގުރާމަކުރާ ސަރަހައްދުތަކުގައި ތިބި ދިވެހިންގެ އެތައް ހައްގެއް ގެއްލިފައިވާ ކަމަށާއި އެ މީހުން ރާއްޖެ ގެނައުމަށް ސަރުކާރަށް ލާޒިމްވާ ކަންކަން ފުރިހަމަކުރަން އދ. ގެ އިންސާނީ އަދި ކައުންޓަ-ޓެރަރިޒަމް ސްޕެޝަލް ރެޕަޓުއާ ފިއޮނުއަލަ ނި އަލައޮއިން ގޮވާލައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަނގުރާމަކުރާ ސަރަހައްދުތަކުގައި ތިބި ދިވެހިންގެ އެތައް ހައްގެއް ގެއްލިފައިވާ ކަމަށާއި އެ މީހުން ރާއްޖެ ގެނައުމަށް ސަރުކާރަށް ލާޒިމްވާ ކަންކަން ފުރިހަމަކުރަން އދ. ގެ އިންސާނީ އަދި ކައުންޓަ-ޓެރަރިޒަމް ސްޕެޝަލް ރެޕަޓުއާ ފިއޮނުއަލަ ނި އަލައޮއިން ގޮވާލައްވައިފި އެވެ.

ރާއްޖެއަށް ކުރެއްވި ނުވަ ދުވަހުގެ ރަސްމީ ދަތުރުގައި، ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއި ޖަލުތަކާއި މަރުކަޒުތަކަށް ޒިޔާރަތްކޮށް ފާހަގަވި ކަންތައްތައް ހިއްސާކުރަން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި އޭނާ ވިދާޅުވީ ގާނޫނީ އޮނިގަނޑުތަކަށް ކުދިކުދި އިސްލާހުތައް ގެނައުން ދިގުލައިގެން ދިއުމަކީ ސީރިއާ އަދި ހަމަނުޖެހުން ހިނގާ އެހެން ސަރަހައްދުތަކުގައި ތާށިވެފައި ތިބި ކުޑަކުދިންނަށް ދިރިހުރުމުގެ ހައްގުތަކުން އެ ކުދިން ނިގުޅައިގަނެވިގެންދިއުމަށް އެޅޭބާރެއް ކަމަށެވެ.

އޭގެ އިތުރުން އަލް-ރޯޖު އަދި އަލް-ހައުލް ކޭމްޕްތަކުގައި ތިބި ކުޑަކުދިންނާއި އެ ކުދިންގެ މައިންގެ އިންސާނީ އެތައް ހައްގަކަށް އަރައިގެންފައިވާތީ އެ މީހުން އަނބުރާ ރާއްޖެ ގެނައުމަށްޓަކައި ސަރުކާރުގެ މައްޗަށް ލާޒިމްވެގެންވާ ކަންކަން ފުރިހަމަކުރަން ރެޕައުޓާ ގޮވާލެއްވި އެވެ.

އޭނާ ވަނީ އިރު އުތުރު ސީރިޔާގައި ހައްޔަރުކޮށްފައިވާ ދިވެހިންނާއި ދިވެހި ހަނގުރާމަވެރިންގެ ހައްގުތަކުގެ ތެރެއިން އެއްވެސް ހާލަތެއްގައި އުނިނުކުރެވޭނެ ނުވަތަ ނިގުޅައިގަނެވޭނެ އަސާސީ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި އިސްވެ ހަރަކާތްތެރިވެ އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމުގައި ރާއްޖޭގެ މައްޗަށް އޮތް ޒިންމާ ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދެއްވައިފަ އެވެ.

ރެޕަޓުއާ ވަނީ ހަނގުރާމަ ސަރަހައްދުތަކުން ދިވެހިން ގެންނަން އެއްބާރުލުން ދޭން ތައްޔާރަށް އޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނުކުރައްވާފައިވިޔަސް އެކަން ހާސިލްކުރަން ސަރުކާރަށް ގިނަ ގޮންޖެހުންތައް ދިމާވެފައިވާކަން ފާހަގަކުރައްވައިފަ އެވެ.

އެކި އިދާރާތަކުން ހިއްސާކުރި މައުލޫމާތާ ހަވާލަދެއްވައި ރެޕަޓުއާ ވިދާޅުވީ 50-90 ދެމެދުގެ ބަޔަކު ސީރިއާގައި އެބަތިބި ކަމަށެވެ. އެ މީހުންގެ އުމުރެއް ނޭނގެ އެވެ.

"ރާއްޖޭގެ ސަރުކާރާއި ދިވެހި ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ ކުރިމަތިލަމުންގެންދަވާ މި ނާޒުކު ހާލަތުގައި ގޮންޖެހުންތައް ހުރިކަން ރެޕައުޓާ ގަބޫލުކުރާ ހިނދު، ހަމަނުޖެހުން ހިނގާ ސަރަހައްދުތަކުގައި ތިބި ދިވެހި ހަނގުރާމަވެރިން ރާއްޖެ އަނބުރާ ގައުމަށް ގެނައުމަށްޓަކައި ރާއްޖެިން ފައްޓާފައިވާ ހާއްސަ މަސައްކަތަކީ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން އެޅޭ އަމަލީ ފިޔަވަޅުތަކެއް ކަމަށް ރެޕައުޓާ ދެކެވަޑައިގަންނަވަ އެވެ،" ބައްދަލުވުންތަކުން ފާހަގަވި ކަންތައްތައް ހިމެނޭ ރިޕޯޓުގައި ބުންޏެވެ.

ބޭރުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދުމުގެ އިތުރުން އދ. އިން އިސްނަގައިގެން ޕީއާރުއާރުގެ އޮނިގަނޑުގެ ދަށުން ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ހަނގުރާމަވެރިން އަނބުރާ ގެނައުމަށްޓަކައި ރިހެބިލިޓޭޓްކުރުމަށް އެކަށީގެންވާ ތަނެއްގައި މަރުކަޒެއް ގާއިމްކޮށް 63 މުވައްޒަފުންނާއި ފަންނީ މާހިރުން އެ ތަނުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

ސަރުކާރުން ވަނީ ހަނގުރާމަ ކުރާ ސަރަހައްދުތަކުގައި ތިބި މީހުންނާއި ކުޑަކުދިންގެ އުމުރަށް އެކަށީގެންވާ ގޮތަށް އަދި އަނބުރާ އަންނަ ހަނގުރާމަވެރިންގެ ހާއްސަ ބޭނުންތަކަށް ރިއާޔަތްކޮށްގެން މުޖުތަމައުއަށް ރުޖޫއަކުރުމަށްޓަކައި ހާއްސަ ޕްރޮގްރާމެއް ތައްޔާރުކޮށްފަ އެވެ.

ނަމަވެސް ރެޕަޓުއާ ވަނީ އެ މީހުން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައުއަށް ރުޖޫއަކުރުމުގެ މަސައްކަތް މިހާރު ކުރާ ހަރުކަށި އަދި އަސްކަރީ ސިފަތަކާއި އެކަން ކުރަމުން ގެންދިއުމުގައި ހާމަކަން ކުޑަވުން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"ތުރުކީން ރާއްޖެއަށް އާއިލާ ގެނައުމުގެ ބޭރުން މިހާރު އެންއާރުސީގެ ބެލުމުގެ ދަށުގައިވާ އާއިލާ މުޖުތަމައުއަށް ރުޖޫއަކުރުމަށްޓަކައި ވަކި ޓައިމްލައިނަކަށް އަމާޒުކުރެވިގެން ރޭވިފައިވާ މަސައްކަތްތަކެއް ނެތްކަން ރެޕައުޓާ ފާހަގަކުރައްވައިފަ އެވެ. އަމިއްލަ ގޮތުން ގައުމަށް އަނބުރާ އައިސްފައިވާ ފިރިހެނުންތަކެއް ތިބިކަން ފާހަގަކޮށް އެ ފަރާތްތައް ވެސް ރީއިންޓަގްރޭޝަން ޕްރޮގްރާމްގައި ބައިވެރިކުރުމަށް ރެޕައުޓާ ލަފާދެއްވަ އެވެ،" ރިޕޯޓުގައި ބުންޏެވެ.

"މި މަރުކަޒަކީ މައިގަނޑު ގޮތެއްގައި މީހުން ބަންދުގައި ބައިތިއްބާ ތަނެއްކަން ފާހަގަކޮށް، ހަމަނުޖެހުންތަކުގައި ހަަކާތްތެރިވާ ދިވެހި ހަނގުރާމަވެރިން އަނބުރާގެނައުމާއި ރަށްވެހިކުރުވާފައިވާ ފަރާތްތައް ދިގުމުއްދަތަކަށް މަރުކަޒުގައި ބަންދުކޮށް އެކަހެރިކޮށް އެއްކިބާކޮށް ނުބެހެއްޓުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކޮށްފައިވެ އެވެ،"

ހަނގުރާމަ ސަރަހައްދުތަކުން ގެންނަ ދިވެހި ހަނގުރާމަވެރިންނާ އެ މީހުންގެ އާއިލާތައް ރާއްޖެ އަނބުރާ ގެނައުމަށްޓަކައި ބޭނުންވާ ގާނޫނީ އޮނިގަނޑު ހިމެނެނީ ޓެރަރިޒަމްގެ ގާނޫނަށް ގެނައި ތިން ވަނަ އިސްލާހާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ހަތަރު ގަވާއިދުތަކުގެ ތެރޭގަ އެވެ. ނަމަވެސް ގާނޫނުގައި ބުނެފައިވާ އިދާރީ ފިޔަވަޅުތަކާ ގުޅޭ ކަންބޮޑުވުންތަކެއް އޭނާ ވަނީ ހިއްސާކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ ރީހެބިލިޓޭޝަން ޕްރޮގްރާމަށްވުރެ އިދާރީ ގޮތުން އަޅާ ފިޔަވަޅުގެ ދަށުން ބަހައްޓާ ބަންދުގެ މުއްދަތު ދިގުވެގެން ނުުވާނެ ކަމަށް މަޝްވަރާގައި ބައިވެރިވި ފަރާތްތަކުން ވެސް ދެކޭ ކަމަށެވެ. ނަމަވެސް ރެޕައުޓާގެ މައިގަނޑު ކަންބޮޑުވުމަކީ އިދާރީ ބަންދުގައި އެންމެ ގިނަވެގެން ބެހެއްޓޭނެކަމަށް ވަކި މުއްދަތެއް ކަނޑައަޅާފައި ނެތުމެވެ.

"އެފަދަ ބަންދަކުން ވީއްލުމަށްޓަކައި ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު ހިންގާ ގޮތް ނޭނގޭ އަދި ސަލާމަތީ އަސްކަރީ ސިފަތަކެއް ހިމެނޭ ރިސްކް އެސެސްމަންޓްގެ ނަތީޖާއަށް ބަރޯސާވާނަމަ ވަކި މުއްދަތެއް ނެތި ބަންދުގައި ބެހެއްޓުމަށް ފުރުސަތު ފަހިވެގެންދެ އެވެ،" ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

"މި މަސައްކަތުގައި ހިއްސާވާ މުހިއްމު ފަރާތްތަކުގެ ތެރެއިން އެންއާރުސީގެ މުވައްޒަފުންނާއި އަންހެނުންނާއި ކުޑަކުދިންގެ ކަންކަމަށް ހާއްސަކުރެވިފައިވާ މިނިސްޓްރީތަކުގެ ބަހެއް ނެތި އިންޓެލިޖެންސް ޑީ-ބްރީދިން އާއި ރިސްކް އެސެސްމަންޓް ހެދުމާ ގުޅޭ ގަވައިދުގެ ދަށުން ޕޮލިހާއި އިންޓެލިޖެންސާ ގުޅޭ ފަރާތްތަކުން ހިންގަމުންދާ ރިސްކް އެސެސްމަންޓްތަކާ އިންޓެލިޖެންސް ޑީ-ބްރީފިންތަކާ މެދު ރެޕުޓުއާ ކަންބޮޑުވެ އެވެ،"

ރެޕަޓުއާ ވަނީ ހަނގުރާމަވެރިންގެ ކެޓަގަރީން 15 އަހަރުން ދަށުގެ ކުދިން ގާނޫނުން އިސްތިސްނާކޮށްފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. އެކަމަކު ބޮޑެތި މީހުންނަށް ކަނޑައަޅާފައިވާ އިޖުރާއަތްތަކާއި އެސެސްމަންޓްތަކަށް އާއްމުގޮތެއްގައި ކުޑަކުދިން ހުށަހެޅޭގޮތަށް އޮތުމަކީ އެކަމާ މެދު ކަންބޮޑުވާ ކަމެއް ކަމެއް ކަމަށް ވިދާޅުވި އެވެ.

ރީއިންޓަގްރޭޝަން ސެންޓަރުގައި މި ވަގުތު ވެސް އަންނަނީ ހަނގުރާމަވެރި ސަރަހައްދަކުން ރާއްޖެ ގެނައި އާއިލާއެއް ބަންދުކޮށްފައިވެ އެވެ. އެ މީހުންނަށް އިދާރީ ބަންދުގެ ގޮތުގައި ނުވަ މަސް ވަނީ ދީފަ އެވެ.

ރެޕަޓުއާ ވިދާޅުވީ ދިގު މުއްދަތަކަށް އެ ގޮތަށް ބަންދުކުރުމަކީ ބެއިޖިން ރޫލްސް އަދި ސީއާރުސީގެ އަސާސީ އެއް މާއްދާއާ ހިލާފު ކަމެއް ކަމަށެވެ.