Roadha Mihaaru
އުކުޅަހަށް ގެނައި ބަރުކަމާއި ރައީސް ދެއްކެވި މިސްރާބު

އުކުޅަހަށް ގެނައި ބަރުކަމަށް ހައްލު ހޯދައި ރަށްތައް ފައްކާކުރެވޭނެ: ރައީސް

28 މެއި 2022

މައި ސަރުކާރަށް ޖަމާކޮށްފައި އޮތް ބާރުތައް ހަގީގީ މާނައިގައި ކައުންސިލްތަކަށް ދޫކޮށްލައި، ހޭދަވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އުފަންވި މައްސަލަތަކާއި ޝަކުވާތަކާއި ކަންބޮޑުވުންތައް "ފޮށިތަންމައްޗަށް ވުރެން ބަރު" ނަމަވެސް ހައްލު ހޯދައި ލާމަރުކަޒީ ނިޒާމުން ރަށްތައް ފައްކާކުރެވޭނެ މަގު ފެންނަން އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު އުކުޅަހުން ފަޒީނާ އަހުމަދު

މައި ސަރުކާރަށް ޖަމާކޮށްފައި އޮތް ބާރުތައް ހަގީގީ މާނައިގައި ކައުންސިލްތަކަށް ދޫކޮށްލައި، ހޭދަވީ އަހަރެއްހާ ދުވަހުގެ ތެރޭގައި އުފަންވި މައްސަލަތަކާއި ޝަކުވާތަކާއި ކަންބޮޑުވުންތައް "ފޮށިތަންމައްޗަށް ވުރެން ބަރު" ނަމަވެސް ހައްލު ހޯދައި ލާމަރުކަޒީ ނިޒާމުން ރަށްތައް ފައްކާކުރެވޭނެ މަގު ފެންނަން އެބައޮތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

އއ. އުކުޅަހުގައި މިއަދު ބޭއްވި "ވިޔަވަތި" ކޮންފަރެންސް ފައްޓަވައިދެއްވަމުން ރައީސް ވިދާޅުވީ ލާމަރުކަޒުކޮށް، ކޮންމެ ރަށެއްގައި ވެސް ފުދުންތެރި ދިރިއުޅުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށެވެ. އެ އަމާޒަށް ވާސިލްވާން ގާނޫނު އިސްލާހުކޮށް، ސަރުކާރަށް މަގު ކޮށައި ދެވުނު ކަމަށާއި އުކުޅަހަށް ވަޑައިގެން ތިއްބެވީ ދެން ވެސް ހުރި މައްސަލަތަކަށް ހައްލު ހޯދަން ކަމަށް ވިދާޅުވި އެވެ.

މެދު ރާއްޖެތެރޭގެ ރަށްތަކުގެ ކައުންސިލްތަކުން ބައިވެރިވާ ބައްދަލުވުމުގައި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން 174 ބޭފުޅަކު ބައިވެރިވެ އެވެ.

ރާއްޖޭގެ ކޮންމެ ރަށެއް އަންނަނީ ފުދުންތެރި ރާއްޖެއަކަށް ފައްކާވަމުން. -- ރައީސް

ރައީސް ވިދާޅުވި ގޮތުގައި ކައުންސިލްތަކާ އެކު ސީދާ އެ މަނިކުފާނަށް މަޝްވަރާކުރެއްވޭ ގޮތަށް އުކުޅަހުގައި "ވިޔަވަތި" ކޮންފަރެންސް ފެށުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެކެވެ. މެދު ރާއްޖެ ތެރޭގެ ކޮންފަރެންސް އުކުޅަހުގައި ބޭއްވިއިރު، އުތުރާއި ދެކުނުގައި ވެސް އެ ކޮންފަރެންސް ބާއްވަން ވަނީ އިންތިޒާމްކޮށްފަ އެވެ.

ވިޔަވަތި ކޮންފަރެންސްގައި ކައުންސިލަރުން ބައިވެރިވެވަޑައިގަންނަވަނީ: މި ކޮންފަރެންސްގައި ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުން 174 ބޭފުޅުން ބައިވެރިވެވަޑައިގަތް. -- ފޮޓޯ | ރައީސް އޮފީސް

ވިޔަވަތި ކޮންފަރެންސްގައި ކައުންސިލަރުން ބައިވެރިވެވަޑައިގަންނަވަނީ: މި ކޮންފަރެންސްގައި ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުން 174 ބޭފުޅުން ބައިވެރިވެވަޑައިގަތް. -- ފޮޓޯ | ރައީސް އޮފީސް

ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނު 2019 ގައި ތަސްދީގުކޮށް ބޮޑެތި ބަދަލުތަކެއް ވަނީ މި ނިޒާމަށް ގެނެސްދެއްވާފައި ކަމަށެވެ. އެ ބަދަލުތަކަކީ މާލީ ބާރުވެރިކަން ކައުންސިލްތަކަށް ދިނުމާއި އިހްތިސާސް ކަނޑައެޅުމުގެ އިތުރުން ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރުން ކަމަށް ވިދާޅުވި އެވެ.

"ސިޔާސީ މައިދާނުގައި ވަކިން ހާއްސަކޮށް ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް މަސައްކަތް ކުރެވިއްޖެ. ނަތީޖާއަށް ބަލާ ނަމަ ޖުމްލަ 388 އިންތިހާބީ ކައުންސިލަރުން މި ރާއްޖޭގައި އެބަތިބި،" ރައީސް ވިދާޅުވި އެވެ

"އާބާދީގައި އަންހެނުންގެ ނިސްބަތް އޮންނަ ވަރާއި ގައުމުގެ ކަންކަމުގައި އަންހެނުން ހިއްސާވާ މިންވަރުގެ ފަރަގު ބޮޑުވެއްޖެ ނަމަ ތަރައްގީގެ ދުވެއްޔަށް ހުރަސްއަޅާނެ."

ރައީސް ފާހަގަކުރެއްވި މުހިއްމު ބައެއް ކަންކަން:

- ސަރުކާރުގެ ސިޔާސަތުތަކާ އަމާޒުތައް ނިމޭނީ ޖަޒީރާ ރާއްޖެއަކަށް.

- ތަފާތު ކުރުމެއް ނޯންނާނެ، ހުރިހާ ސަރަހައްދެއް ހަމަހަމަވާނެ.

- ފެނާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތައް ހުރިހާ ރަށެއްގައި ގާއިމްކުރުން ފަސޭހައެއް ނޫން، ހަރަދު ބޮޑަސް ތަރައްގީގެ ވާހަކަ ސަރުކާރަކަށް ފެށޭނެ ހިސާބަކީ އެއީ.

- ލާމަރުކަޒީ ނިޒާމާ އެކު ރާއްޖެއަށް އަންނަން އޮތީ ބޮޑު ބަދަލެއް.

- ތޮއްޖެހި ގޮތް ހުސްވެފައި އޮތް މާލެއަށް އޮތް ހައްލަކީ ތިލަމާލެ ބްރިޖް.

- މުޅި ރާއްޖެ ލާމަރުކަޒުވާ އިރު މާލެއަށް ގެނެވޭނީ އެއާ ގުޅޭ އިޖުތިމާއީ ދުޅަހެޔޮކަމާއި އިގްތިސާދީ ވެށި ތަނަވަސްކުރުމުގެ ބަދަލު.

ވިޔަވަތި ކޮންފަރެންސްގެ ބައިވެރިންތަކެއް: އުކުޅަހުގައި ދެ ދުވަހަށް ބާއްވާ ކޮންފަރެންސްގައި ކަންބޮޑުތަކާއި ޝަކުވާތަކަށް ހައްލު ހޯދާނެ. -- ފޮޓޯ | ރައީސް އޮފީސް

ވިޔަވަތި ކޮންފަރެންސްގެ ބައިވެރިންތަކެއް: އުކުޅަހުގައި ދެ ދުވަހަށް ބާއްވާ ކޮންފަރެންސްގައި ކަންބޮޑުތަކާއި ޝަކުވާތަކަށް ހައްލު ހޯދާނެ. -- ފޮޓޯ | ރައީސް އޮފީސް

އުކުޅަހަށް ގެނައީ ފޮށިތަންމައްޗަށް ވުރެ ބަރު މައްސަލަތަކެއް

ލާމަރުކަޒީ ގާނޫނުން ބާރުތައް ދިންތާ އަހަރެއް ފާއިތުވި އިރު ކައުންސިލްތަކަށް އަދި ސަރުކާރަށް ވެސް ހަގީގީ މާނައިގައި އެ ކަން ތަންފީޒުކުރަން ހުރި ބޮޑެތި ގޮންޖެހުންތައް ދެނެގަނެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުން އުކުޅަހަށް ވަޑައިގެން ތިޔަ ތިއްބެވީ ފޮށި ތަންމައްޗަށް ވުރެ މާބަރު އެހެން އެއްޗަކައިގެން. އެއީ އެއް އަހަރުން ފެންމަތިވި މައްސަލަތަކާއި ފާހަގަވި ގޮންޖެހުންތަކުގެ ތަޖުރިބާ،" ރައީސް ވިދާޅުވި އެވެ.

އަޅުގަނޑު މިހުރީ ލާމަރުކަޒީ ސަމުގާއިން ރާއްޖެކުރާ ދަތުރު މިއޮތް ފައްސިޔަލުގައި ދުއްވުމަށް. އިރާދަކުރެއްވިއްޔާ އެ ސަމުގާ އިން ފަޅި ދަރަޖައެއްގެ މިންވަރު ވިޔަސް ކަސިޔާރު އަޅުގަނޑު ނުދޭނަން. -- ރައީސް

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި 77 ކައުންސިލް ބައްދަލުވުން ވަނީ ބާއްވައިފަ އެވެ. މި ބައްދަލުވުންތަކުގައި ސާފުވެވަޑައިގަތް ކަމަކީ، ހުރިހާ ކައުންސިލްތަކެއްގައި ވެސް އެއް ކަންބޮޑުވުންތަކެއް ހުރި ކަން ކަމަށް ރައީސް ވިދާޅުވި އެވެ.

ވިޔަވަތި ކޮންފަރެންސްގައި ރައީސް އާއި އެލްޖީއޭގެ ސީއީއޯ އަފްޝަން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ވިޔަވަތި ކޮންފަރެންސްގައި ރައީސް އާއި އެލްޖީއޭގެ ސީއީއޯ އަފްޝަން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ކައުންސިލްތަކުން ހުށަހެޅި ކަންބޮޑުވުންތައް

- ކައުންސިލަށް ބޭނުންވާ ވަރަށް ބަޖެޓާއި ވަސީލަތްތައް ނެތުން.

- މަސައްކަތް ކުރަން އެކަށޭނަ އުމްރާނީ ވަސީލަތްތަކެއް ނެތުން.

- ލޭންޑް ޔޫޒް ޕްލޭން ފާސްކުރަން ގާނޫނީ އަދި އިދާރީ ހުރަސްތަކެއް ހުރި ކަން.

- އިހްތިސާސްގައި ހިމެނޭ ވަސީލަތްތަކުގެ އިގްތިސާދީ މަންފާ ހޯދުމަށް އެޅިފައިވާ ހުރަސްތައް.

- އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް އެކަށީގެންވާ ވަސީލަތާއި މަސައްކަތްކުރާނެ މާހައުލު ނެތުން.

- ކައުންސިލަށް އާމްދަނީ ލިބޭނެ ވަސީލަތްތައް މަދުވުމުގެ ސަބަބުން ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަން ނުކުރެވުން.

- ރަށުގެ އަމާންކަން ބެލެހެއްޓުމުގައި ހުރި ދަތިތައް.

ބުނެފާނެ އެހެން ވިއްޔާ މާލޭގައި ތި އަޅަނީ ކޮން ފަދަ ބިޔަ ބްރިޖެއްތޯ. ކީއްކުރަން ހިއްކާ ގިރާވަރު ފަޅެއްތޯ. ޖަވާބަކީ އެއީ ބާރުވެ ތާށިވެފައިވާ ވުމަށް ދޫ ޖެއްސުމަށް ދެން އޮތް ހަމައެކަނި ގޮތް. -- ރައީސް

ރައީސް ވިދާޅުވީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާއިރު ސަރުކާރުން އިސްލާހު ކުރަން ޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އެއާއެކު ކައުންސިލްތަކުން އިސްލާހުކުރަން ޖެހޭ ކަންކަން ހުރި ކަމަށް ވެސް ވިދާޅުވި އެވެ.

"މި ކޮންފަރެންސްގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރާ ކައުންސިލްތަކަށް އެއް މޭޒުވެގެން މަޝްވަރާކޮށް ހައްލު ހޯދޭނެ ގޮތެއް ހޯދުން،" ރައީސް ވިދާޅުވި އެވެ.

"ހަގީގަތުގައި އަޅުގަނޑުމެންގެ ސިޔާސަތުތަކާ ތަރައްގީގެ އެންމެހާ ކަންކަން ގޮސް ގުޅެނީ މި ލާމަރުކަޒީ ނިޒާމާ. ފެންވަރު ރަނގަޅު ތައުލީމާ، މަލްޓިޕާޕަސް ހޯލާ، ސެޓެލައިޓް ސްކޫލާ، ޓާޝަރީ ފެންވަރުގެ ސިއްހީ ފަރުވާއާ، ރަށުގެ ބަނދަރާ، އަޑީގައި ވަޅުލާ ފެނާ ނަރުދަމާއާ ކަރަންޓް ކޭބަލް ކަމުގައި ވިޔަސް އެ ގުޅެނީ ލާމަރުކަޒީ ނިޒާމާ. ރާއްޖެ ޓްރާންސްޕޯޓް ލިންކުން ގުޅައިދޭ ހުރިހާ ގުޅުމެއް ވެސް އާހިރުގައި އެ ގުޅެނީ ހަމަ މި ލާމަރުކަޒީ ނިޒާމާ."

އުކުޅަހުން ވެސް ފެންނަނީ ފުދުންތެރި ކުރި މަގެއް

ރައީސް ވިދާޅުވީ އުކުޅަހަށް ބަލާލިއަސް ފެންނަނީ މާދަމާގެ ވިއަވަތި ޖަޒީރާ، ބާއްޖަވެރި ފުދުންތެރި ރަށެއް ކަަމަށެވެ.

"މާނައަކީ ރާއްޖޭގެ ކޮންމެ ރަށެއް އަންނަނީ ފުދުންތެރި ރާއްޖެއަކަށް ފައްކާވަމުން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮންފަރެންސްގައި ވަޒީރުންނާއި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ކޮންފަރެންސްގައި ވަޒީރުންނާއި މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ މަޝްރޫއުތައް ލާމަރުކަޒީ ނިޒާމާ ގުޅުވާފައި ވަނީ ދެ ބޭނުމަކު އެވެ. އެއް ބޭނުމަކީ ތޮއްޑު އާއި އުކުޅަހާއި ރަސްދޫ ގޮތަށް މުޅި ރާއްޖޭގެ ހުރިހާ ރަށެއް ކުރިއަރުވައި ތަނަވަސްވާނެ ގޮތެއް ހޯދުމެވެ.

މާލޭގެ ހާސްކަމަށް އޮތް ހައްލަކީ ބްރިޖާއި ގޯތި

"ދެ ވަނަ ބޭނުމަކީ މާލެއަށް އޮތް ހުރިހާ ބުރައަކަށް ދެވެން އޮތް އެންމެ ބޮޑު ލުޔެއް ދީ ހަމަނޭވާ ލެވޭނެ ހިތްފަސޭހަ ތަނަކަށް މާލެ ހެދުން،" ރައީސް ވިދާޅުވި އެވެ.

މާލެ ބޮއްސުންލައި އެ ހާލު ޖެހުނީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރޯސްތައް ރަމަތަނުވެގެންނެވެ. އަމާޒެއް ނެތި ހަރާބުގެ މަގަށް ޒަމާން އުފެއްދި ގަދަ އޮއިވަރުގެ ސަބަބުން އިތުރު އެހެން އެއްވެސް ގޮތެއް ނެތުމުން ކަަމަށެވެ.

ވިޔަވަތި ކޮންފަރެންސްގައި ރައީސް އޮފީހުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ވިޔަވަތި ކޮންފަރެންސްގައި ރައީސް އޮފީހުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

"ބުނެފާނެ އެހެން ވިއްޔާ މާލޭގައި ތި އަޅަނީ ކޮން ފަދަ ބިޔަ ބްރިޖެއްތޯ. ކީއްކުރަން ހިއްކާ ގިރާވަރު ފަޅެއްތޯ. ޖަވާބަކީ އެއީ ބާރުވެ ތާށިވެފައިވާ ވުމަށް ދޫ ޖެއްސުމަށް ދެން އޮތް ހަމައެކަނި ގޮތް،" ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގެ މައި ބަނދަރު ފުރަމާލޭން ބޭރުކޮށް ގުޅިފަޅާ ހަމައަށް ފެއަށް ނުޖައްސައި ދައުލަތުގެ ބަޖެޓަށް އާމްދަނީ ކައިރި ކުރެވޭކަށް ނެތް. މާލެ ރަށްވެހިންނަށް ހައްގުވާ ގޯތި ނުދީވެސް ވާކަށް ނެތް. މުޅި ރާއްޖެ ލާމަރުކަޒުވާ އިރު މާލެއަށް މި ގެނެވެނީ އެއާ ގުޅޭ އިޖުތިމާއީ ދުޅަހެޔޮކަމާއި އިގްތިސާދީ ވެށި ތަނަވަސް ކުރުމުގެ ބަދަލު."

ރައީސް ވިދާޅުވީ އެ މަނިކުފާނު ތަސައްވަރު ކުރައްވާ ލާމަރުކަޒީ ރާއްޖޭގެ ހުވަފެން ހަގީގަތަކަށް ހެދޭނެ ކަމަށެވެ. އެކަމަށްޓަކައި އޮތީ ސަރުކާރާއި ކައުންސިލްތައް ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ. ނަތީޖާ އޭރަށް ފެންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މި ހުރީ ލާމަރުކަޒީ ސަމުގާއިން ރާއްޖެކުރާ ދަތުރު މިއޮތް ފައްސިޔަލުގައި ދުއްވުމަށް. އިރާދަކުރެއްވިއްޔާ އެ ސަމުގާ އިން ފަޅި ދަރަޖައެއްގެ މިންވަރު ވިޔަސް ކަސިޔާރުވިޔަ އަޅުގަނޑު ނުދޭނަން،" ރައީސް ވިދާޅުވި އެވެ.