Roadha Mihaaru
ކައުންސިލްތަކުގެ ބަޖެޓް އިތުރުކުރެވޭތޯ މަޝްވަރާކުރަނީ

ކައުންސިލްތަކުގެ ބަޖެޓް އިތުރުކުރުމުގެ ހުށަހެޅުމަށް މަޝްވަރާކުރާނަން: ރައީސް

29 މެއި 2022

ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި އިސްލާހާ އެކު ބާރުތައް ދޫކޮށްލައި ހިންގަން ފެށި އަހަރެއްހާ ދުވަހުގެ ތެރޭގައި ދިމާވި މައްސަލަތައް ހުށަހަޅަން އެދުމުން، އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ ބަޖެޓުން ދޫކުރާ ފައިސާގެ އަދަދު މިހާރަށް ވުރެން ބޮޑުކޮށްދިނުން ކަމަށާއި އެ މަޝްވަރާ ކެބިނެޓުގައި ކުރައްވާނެ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ގެނައި އިސްލާހާ އެކު ބާރުތައް ދޫކޮށްލައި ހިންގަން ފެށި އަހަރެއްހާ ދުވަހުގެ ތެރޭގައި ދިމާވި މައްސަލަތައް ހުށަހަޅަން އެދުމުން، އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ ބަޖެޓުން ދޫކުރާ ފައިސާގެ އަދަދު މިހާރަށް ވުރެން ބޮޑުކޮށްދިނުން ކަމަށާއި އެ މަޝްވަރާ ކެބިނެޓުގައި ކުރައްވާނެ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކުގައި ފުނިޖެހިފައި ހުރި އެތައް ކަންބޮޑުވުންތަކާއި މައްސަލަތަކާ މެދު "ފަނޯލާ ދަރުބާރުގައި" ވާހަކަ ދެކެވި މަޝްވަރާކޮށް ހިޔާލުތައް އެއްގޮތް ކުރެވި ކޮންފަރެންސަށް ހުށަހެޅުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ. އެ ސެޝަންތައް ދިޔައީ ކޮންމެ މައްސަލައެއްގައި ވެސް ކަމާގުޅުން ހުރި ބޭފުޅުންނާއި ކައުންސިލްތަކާ މަޝްވަރާކުރާ ގޮތަށެވެ.

ވަޒީރުންގެ މަޖިލީހުގައި މިއަށް ހެދޭނެ ގޮތެއް އަޅުގަނޑުމެން ބަލާނަން. ހަމައެއާ އެކުގައި ޑަބްލިއުޑީސީ އަށް މި ދޫކުރާ ބަޖެޓް މިހާރަށް ވުރެ ރަނގަޅަށް ބޮޑުކޮށް ހަރަކާތްތެރިކުރުވަން މަސައްކަތް ކުރާނަން. -- ރައީސް

"ގާނޫނީ މައްސަލަތައް އެބަ ކުރިމަތިވޭ، މާލީ އިޝޫތައް އެބަހުރި. އަދި ޑަބްލިއުޑީސީ ހާއްސަކޮށް ކުރިއަށް ގެންދިއުމުގައި ހުރި ދަތިތަކާއި އުނދަގޫތައް ވެސް ފާހަގަކުރެވިގެން ހިނގައްޖެ،" ރައީސް ވިދާޅުވި އެވެ.

"ޖުމްލަ ގޮތެއްގައި ހުރިހާ ކައުންސިލްތަކާއި ޑަބްލިއުޑީސީން ވެސް ކުރިމަތިކޮށްފައި ހުރީ ގާތްގަނޑަކަށް ހަމަ އެއް މައްސަލަތަކެއް. އެންމެ ބޮޑު މައްސަލައަކަށް ކުރިން ވެސް ފާހަގަކުރި ގޮތަށް އޮތީ މާލީ ފުދުންތެރިކުރުމުގެ."

ވިއަވަތި ކޮންފަރެންސް އުކުޅަހުގައި ކުރިއަށް ދަނީ. -- ފޮޓޯ | ރައީސް އޮފީސް

ވިއަވަތި ކޮންފަރެންސް އުކުޅަހުގައި ކުރިއަށް ދަނީ. -- ފޮޓޯ | ރައީސް އޮފީސް

އެއީ ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ބަޖެޓުން ދޫކުރާ ގްރާންޓް މަދުކަމުގެ ވާހަކަ އެވެ. އިހްތިސާސް ކަނޑައެޅުމުގައި ކުރިމަތިވެފައިވާ ދަތިތަކާއި ލޭންޑް ޔޫސް ޕްލޭން ހެދުމުގެ ގޮންޖެހުންތަކާއި ކޮމިޓީތައް މިހާރު އެކުލަވާލާފައި އޮތް ގޮތުން ހިންގުމަށް ހުރި ހުރަސްތަކުގެ ވާހަކަ ކަމަަށް ވިދާޅުވި އެވެ.

"މާލީ ބާރުވެރިކަން، މިހާރަށް ވުރެން ބޮޑު ބަޖެޓެއް ދިނުމުގައި އަޅުގަނޑު ހިތުން މުޅި ދައުލަތުގެ އާމްދަނީ އަށް އެބަ ވިސްނަން ޖެހޭ. އަޅުގަނޑު ހިތުން މިނިސްޓަރު އަމީރު މިކަމާ ދޭތެރޭގައި ވިސްނަވާ އަޅުގަނޑުމެން ވަޒީރުންގެ މަޖިލީހުގައި މިއަށް ހެދޭނެ ގޮތެއް އަޅުގަނޑުމެން ބަލާނަން. ހަމައެއާ އެކުގައި ޑަބްލިއުޑީސީ އަށް މި ދޫކުރާ ބަޖެޓް މިހާރަށް ވުރެން ރަނގަޅަށް ބޮޑުކޮށް ހަރަކާތްތެރިކުރުވަން މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ކޮންފަރެންސްގައި ތޮއްޑޫ ކައުންސިލްގެ ރައީސް ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ކޮންފަރެންސްގައި ތޮއްޑޫ ކައުންސިލްގެ ރައީސް ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި މިހާރު ދެމުން އަންނަނީ 1.5 ބިލިއަން ރުފިޔާ އެވެ. އޭގެ އިތުރުން، އަތޮޅު ފިހާރަތަކުން ލިބޭ ކުލި އެއްކޮށް ކައުންސިލްތަކަށް ދޭން ރައީސް އިއްޔެ ވަނީ ނިންމަވައިފަ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކައުންސިލްތަކުގައި ކަންކަން އަދިވެސް ރަނގަޅަށް ޕްލޭން ކުރެވިފައި އޮންނަން ޖެހެ އެވެ. ގޯތި ދޭނެ ތަންތަނާއި ވިޔަފާރިއަށް ދޫކުރާނެ އަދި އެހެން މަސައްކަތްތައް ރަށުގައި ކުރާނެ ތަންތަން ކަނޑައެޅުމުގައި ހައްލު ނުހޯދި އަހަރެއް ވެފައި އޮތުމަކީ އެންމެންގެ މައްސަލައެކެވެ. އެ ހައްލު ހޯދެން އޮތީ ލޭންޑް ޔޫސް ޕްލޭން ފާސްކުރެވިގެން ކަމަށް ވާތީ، ޕްލޭނިން މިނިސްޓަރު އެކަމަށް ވަރަށް ލުއި ގޮތެއް ހޯދައި ދީފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވެދެއްވީ ލޭންޑް ޔޫސް ޕްލޭން ފަސޭހަ އިން ހެދޭނެ ގޮތެކެވެ.

ވިއަވަތި ކޮންފަރެންސްގައި ބައިވެރިވި ބައެއް ކައުންސިލަރުން. -- ފޮޓޯ | ރައީސް އޮފީސް

ވިއަވަތި ކޮންފަރެންސްގައި ބައިވެރިވި ބައެއް ކައުންސިލަރުން. -- ފޮޓޯ | ރައީސް އޮފީސް

"ތި ބޭފުޅުން ކުރިއަށް ވަޑައިގަންނަވާ، އެ ހުށަހަޅުއްވާ ލޭންޑް ޔޫސް ޕްލޭން ޕްލޭނިން މިނިސްޓްރީ ތެރެއިން ވީހާވެސް އަވަހަކަށް ފާސްކޮށްދީ ރަށުގެ ތަރައްގީއަށްޓަކައި އިތުރަށް ބޭނުންވާ ކަންތައްތައް ކުރުމަށް ފަސޭހަ ގޮތްތައް ހޯދައިދޭނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކައުންސިލްތަކުން ހިންގާ ހުރިހާ ކަމެއްގައި ވެސް ރައްޔިތުންގެ ބަސް ހޯދައި ރުހުން އޮންނަން ޖެހޭ ކަމަށެވެ. އަތޮޅާއި ރަށުގެ އިހްތިސާސް ކަނޑައެޅުމުގައި، ގާނޫނު މިހާރު އޮތީ ރަށު ކައުންސިލްތައް ކުރިއަރުވާ ގޮތަށް ކަމަށް ވިދާޅުވި އެވެ.

އަތޮޅު ކައުންސިލްތައް އޮތީ ރަށު ކައުންސިލްތަކަށް އެހީވެދީ ޓެކްނިކަލް ކަންކަން ކޮށްދޭ ބައެއްގެ ގޮތުގައި ކަމަށާއި އެގޮތް ގޯސް ނަމަ ވިސްނަން ރައީސް އެދިވަޑައިގަތެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންކަމުގެ އަސަރު ރާއްޖެއަށް ކުރާ ކަމަށާއި ކޮވިޑުގެ ނުރައްކަލާއި ޔުކްރެއިންގެ ހަނގުރާމައިގެ އަސަރު ރާއްޖެއަށް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އެހެންވިޔަސް ރާއްޖޭގެ އިގްތިސާދުގެ ދުވެލި ހުރީ ރަނގަޅު މިސްރާބުގައި ކަމަށް މިއަދު ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރަށާއި އަތޮޅާއި ގައުމަށް ކުރިއެރުމާއި ތަރައްގީ އަންނަން އޮތީ ލާމަރުކަޒީ ނިޒާމުް ރަނގަޅަށް ތަންފީޒުވެގެންނެވެ. ކައުންސިލްތަަކަށް މިހާރު ހުރި ހުރަސްތައް ނައްތާލަން އުކުޅަހަށް ގެނައި މައްސަލަތަކަށް ހައްލު ހޯދޭނެ ކަމުގެ ޔަގީންކަން ދެެއްވި އެވެ.

ވިއަވަތި ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކައުންސިލަރުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ވިއަވަތި ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކައުންސިލަރުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް

""މުހިއްމު، ވަރަށް ބޭނުންތެރި ކަންތައްތަކެއް މި ކޮންފަރެންސުން ހާމަވެގެން ހިނގައްޖެ. ކުރީގެ ކޮންފަރެންސާއިި މި ކޮންފަރެންސް ވަރަށް ތަފާތު. މިކަން ކުރަން ތިއްބެވި ކައުންސިލަރުންތަކަކާއި ޑަބްލިއުޑީސީ މެމްބަރުންތަކެއް ތިބި ކަން އަޅުގަނޑަށް މިއަދު ފާހަގަވެގެން ހިނގައްޖެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދެން އޮންނާނީ އުތުރާއި ދެކުނުގެ "ވިއަވަތި" ކޮންފަރެންސެވެ. ލަސްނުވެ އެ ބައްދަލުވުން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި އެވެ.