Roadha Mihaaru
ބާރުތައް ދޫކޮށްލީ ހައްގު މިންވަރު ހޯދައިދޭން: ނަޝީދު

ބާރުތައް ދޫކޮށްލީ ހައްގު މިންވަރު ހޯދައިދޭން: މަޖިލިސް ރައީސް

15 ޑިސެމްބަރ 2019

މައި ސަރުކާރަށް ބާރުތައް ޖަމާކޮށް، އޮބަހައްޓައިގެން ހޯދޭނެ ތަރައްގީއެއް ނޯންނާނެ ކަމަށާއި ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން އިސްލާހު ގެނެސް ބާރުތައް ދޫކޮށްލީ ދިވެހިންނަށް ހައްގު މިންވަރު ހޯދައިދޭން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މައި ސަރުކާރަށް ބާރުތައް ޖަމާކޮށް، އޮބަހައްޓައިގެން ހޯދޭނެ ތަރައްގީއެއް ނޯންނާނެ ކަމަށާއި ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން އިސްލާހު ގެނެސް ބާރުތައް ދޫކޮށްލީ ދިވެހިންނަށް ހައްގު މިންވަރު ހޯދައިދޭން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ކްރޮސް ރޯޑްސްގައި "ވިއަވަތި ރާއްޖެ" މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ނަޝީދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މި ސަރުކާރުގެ އަމާޒަކަށް ވީ ފައްކާވެފައިވާ ލާމަރުކަޒީ ނިޒާމެއް ގާއިމްކުރަން، ގަޑުބަޑުވެފައި އޮތް ގާނޫނަށް އިސްލާހު ގެނައުން ކަމަށެވެ. އެއާއެކު އިގްތިސާދީ ހައިސިއްޔަތު ކައުންސިލްތަކަށް ފަހިކޮށްދިނުމާ އެކު ގާބިލްކަމާއި ޒިންމާދާރުކަން ބޮޑުކޮށްދިނުން ކަަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިންގެ މިލްކެއްގެ ގޮތުގައި އޮތް ރާއްޖޭގެ ގުދުރަތީ ވަސީލަތްތަކުން ރަށްތަކާއި އަތޮޅު އަދި ސިޓީތަކުގެ ރައްޔިތުންނަށް ހައްގު މިންވަރު ނުލިބި އޮތް އޮތުމަކީ ބަދަލު ގެންނަން އެމްޑީޕީން އަމާޒު ހިފި ކަމެކެވެ. ކައުންސިލްތަކަށް ހަގީގީ މާނައިގައި ބާރުވެރިކަން ދޫކޮށް، ރާއްޖެ އެ މަގަށް މިސްރާބު ޖަހާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެއްވެ މި ތިބީ އަޅުގަނޑުމެންގެ ކޮންމެ މީހަކީ ތިމަންނާގެ އަމިއްލަ ފައި މައްޗަށް ތެދުވެ ހުރި ފަޚުރުވެރި ދިވެއްސެކޭ އަޑު ވީއްލާ ބުނެވޭނެ މަގު ހޯދުމަށް. ރައްޔިތުންގެ ބާރު، ޑިމޮކްރަސީގެ ނާރެސް ދޫކޮށް ޒަމާންވީ ބޯދާ އާދަތަކުގެ އަޅުވެތި ކަމުގައި އަލުން އަނބުރާ ދިވެހިންނެއް ނުފިތޭނެ،" ނަޝީދު ވިދާޅުވި އެވެ.

"ދެއްވީމާ ދެއްވި ވަރަކަށް ރުހި، ހެއްދެވިހާ ގޮތަކަށް ރުހޭކަށް ދެނެއް ދިވެހިންނެއް ނެތިން."

ނަޝީދު ވިދާޅުވި ގޮތުގައި ހަމަހަމަކަމާ އެކު ޚިދުމަތް ފޯރުކޮށްދީ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ހަރާކާތްތެރި އަދި ފުއްދުންތެރި ކައުންސިލްތަކެއް އުފެއްދުމަކީ ވެސް ގާނޫނަށް އިސްލާހު ގެންނަން ބޭނުންވި ސަބަބެކެވެ.

އަމާޒަކަށް ވީ މައި ސަރުކާރު ބަހާލުން. ދައުލަތުގެ އޮފީސްތަކާއި ސަރުކާރުގެ މިނިސްޓްރީތަކުގެ ގިނަ މަސައްކަތްތައް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ބަހާލުމަކީ އެމްޑީޕީގެ ވައުދެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެއް. --ނަޝީދު

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކައުންސިލްތަކުގެ ޚިދުމަތް ފުޅާކޮށް، ރައްޔިތުންނަށް ޖަޒީރާވަންތަ އުފާވެރި ދިރިއުޅުމެއް ހޯދައި ދިނުމަކީ ކައުންސިލްތަކަށް ބާރުދިން ސަބަބެވެ. އެކަން އެގޮތަށް ކުރެވުނީ ގާނޫނުއަސާސީގެ ލާމަރުކަޒީ ބާބާއި ލާމަރުކަޒީ ގާނޫނުގެ އަށް ވަނަ މާއްދާ އަށް އިސްލާހު ހުށަހަޅައިގެން ކަން ނަޝީދު ފާހަގަކުރެއްވި އެވެ.

ދެން އޮތީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ބަދަލުތަކަށް އަމަލީ ސިފަ ގެނައުމެވެ.

ކައުންސިލަރުންނާ އެކު މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރުގެ ވަޒިރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ރައީސް އޮފީސް

ކައުންސިލަރުންނާ އެކު މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ރައީސާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރުގެ ވަޒިރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ރައީސް އޮފީސް

ގާނޫނަށް ގެނައި އިސްލާހުތަކަށް އިޝާރާތް ކުރައްވައި ވިދާޅުވީ ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ޚާއްސަކޮށް، މާލީ ގޮތުން ދިން ބާރުތަކާއި ޚިދުމަތްތަކަށް ތަނަވަސް ފުރުސަތުތަކެއް ހުޅުވައިދީފައިވާ ކަމަށެވެ. އެމްޑީޕީގެ ކިބައިން ރައްޔިތުން އެދިފައި ވަނީ ހާސްކަމެއް ނެތި ދިރިއުޅެވޭނެ ގޮތް ފަހިކޮށްދިނުން ކަމަށާއި އެކަން އެ ޕާޓީން ހަނދާން ނުނެތޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ބޭނުމަކީ ހައްގު މިންވަރު ހޯދުން. ދިވެހި ރައްޔިތުންގެ ޕާޓީ އަބަދުވެސް ދެކޭ އެންމެ މުހިއްމު އެއް ނަޒަރިއްޔާތަކީ ހާސްކަމެއް ނެތް ތަނަވަސް ދިރިއުޅުން ހޯދެން އަންނަނީ ދޫކޮށްލެވިގެން ކަން. އޮބަހައްޓައި ހިފަހައްޓައިގެން ހޯދޭނޭ ތަރައްގީއެއް ނެތް. ލިބޭނެ ކުރިއެރުމެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

"މި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އެ ބާރުތައް ދޫކޮށްލުން."

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވޭތުވެދިޔަ ފަސް އަހަރު އަމާޒު ހިފާފައި ވަނީ މުޅި ދިވެހިރާއްޖެ އުވާލައި ހިއްކި ބިމެއްގެ ހަތަރެސްކަން ގޮޅިއަކަށް ދިވެހި ގެނެސް އަޅާލައި އެ ބިމުގެ ވެއްޔާއި އެކީ ހިމުންވެދާ ދިރިއުޅުމަކަށް މަހާލުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތަށް އެކަން ވިޔަކަ އެމްޑީޕީން ނުދޭނެ ކަމަށް ވިދާޅުވި އެވެ.

"ތިޔަ ވިދާޅުވާ މޮޅު އިގްތިސާދީ ގޮތަކީ އޮތް ގޮތެއް ނޫން، އެއީ ނެތް ގޮތެއް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓަކީ "އިންގިލާބެކެ"ވެ. އެ ބަޖެޓުން ކައުންސިލްތަކަށް ހޯދައިދީފައިވާ މިންވަރަކީ ރާއްޖޭގައި ދުވަހަކު ވެސް ނުދޭ މިންވަރެއް ކަން ފާހަގަކުރެއްވި އެވެ.

ނަޝީދު ވިދާޅުވީ ކައުންސިލަރުންނާ އެކު ފެށި މަހާސިންތާ އަކީ އެ ބޮޑު ބަޖެޓް ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް ހޭދަކުރާނެ ގޮތް ނިންމުމަށް މަޝްވަރާ ކުރުން ކަމަށެވެ.