Roadha Mihaaru
ލޭންޑް ޔޫސް ޕްލޭނާގުޅޭ އިސްލާހަށް ތާއީދެއް ނެތް

ލޭންޑް ޔޫސް ޕްލޭން ދެ މަސްތެރޭ ފާސްކުރަން މަޖުބޫރު ކުރާ ބިލަށް ތާއީދެއް ނުލިބުނު

31 މެއި 2022

ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ދެ މަސް ތެރޭގައި ފާސްކުރަން ޖެހޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި އިސްލާހަށް ތާއީދު ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީ ގިނަ މެމްބަރުން ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންތައް ދެ މަސް ތެރޭގައި ފާސްކުރަން ޖެހޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި އިސްލާހަށް ތާއީދު ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީ ގިނަ މެމްބަރުން ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން އަލަށް މަޖިލީހަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ލޭންޑް ޔޫޒް ޕްލޭން ގައުމީ އިދާރާ އަށް ހުށަހަޅާތާ ގިނަވެގެން 60 ދުވަސް ތެރޭގައި ފާސް ކުރަން ޖެހޭނެ އެވެ.

އެ އިސްލާހަށް ބަހުސް ކުރައްވަމުން ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒް ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ގޮތަށް ގާނޫނު ބަދަލުކޮށްގެން މައްސަލަ އަށް އެއްވެސް ހައްލެއް ނުލިބޭނެ ކަމަށެވެ.

ގޮންޖެހުންތަކާއެކު ވެސް މިހާތަނަށް ހަތް ރަށެއްގެ ލޭންޑް ޔޫޒް ޕްލޭން ފާސް ކޮށްފައިވާ ކަމަށާއި 11 ރަށެއްގެ ޕްލޭން ފާސް ކުރުމުގެ މަރުހަލާގައިވާ ކަމަށް ނިޔާޒް ވިދާޅުވި އެވެ. އިތުރު 10 ރަށެއްގެ ލޭންޑް ޔޫޒް ޕްލޭން ހުށަހަޅާފައިވާ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީއާ ހަވާލާ ދެއްވައި ނިޔާޒް ވިދާޅުވި އެވެ.

"ލޭންޑް ޔޫޒް ޕްލޭން ހެދުމުގެ މަސައްކަތް 100 އަށް ވުރެ ގިނަ ރަށްރަށުން ނުފަށާ. ޕްލޭނެއް އެކުލަވައިލަން ނުފެށި އޮތީ އެކަމަށް ބޭނުންވާ ޓެކްނިކަލް އެހީތެރިކަމާއި މާލީ އެހީތެރިކަން ނެތުމުން،" ނިޔާޒް ވިދާޅުވި އެވެ.

ލޭންޑް ޔޫޒް ޕްލޭން ނުހަދާ ހުރި 100 ރަށުގެ ތެރެއިން 40 ރަށެއްގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބަޖެޓުގެ ތެރެއިން ކުރުމަށް ތައްޔާރުވެފައިވާ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

ބާކީ 40 ރަށުގެ ޕްލޭން ހެދުމަށް ޕްލޭނިން މިނިސްޓްރީ ވެސް ބައިވެރިކޮށްގެން ހާއްސަ ތަމްރީން ޕްރޮގްރާމްތަކެއް ކުރިޔަށް ގެންދާނެ ކަމަށާއި އެ ޕްރޮގްރާމް އަންނަ ޖުލައި މަހު ފަށާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ނާޒިމް ހުށަހެޅުއްވި އިސްލާހުން ހާސިލް ކުރަން ބޭނުންވާ ދެ މަގްސަދަކީ ބިން ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ފަސޭހަ ކުރުމާއި ލޭންޑް ޔޫޒް ޕްލޭން ފާސް ނުވެގެން ދިމާވާ މައްސަލަތައް ހައްލު ކުރުން ކަމަށެވެ.

ނަމަވެސް ހުށަހަޅާފައިވާ އިސްލާހުން އެ ދެ މަގްސަދު ފުރިހަމަ ނުވާ ކަމަށް ސަލީމް ވިދާޅުވި އެވެ.

"ކިތަންމެ މުއްދަތު ކުރުވިޔަސް 60 ދުވަހަށް އެއް މަސް ދުވަހަށް ހެދިޔަސް އޮޓޮމެޓިކުން ފާސްވާ ގޮތް ހެދިޔަސް [ޕްލޭން ނުހަދާ އޮތް] 128 ރަށަށް މި އިސްލާހުން ކުރާނެ އެއްވެސް ރާހަތެއް ނެތް،" ސަލީމް ވިދާޅުވި އެވެ.

މިހާރު ގެންނަން ޖެހޭ އިސްލާހަކީ ޕްލޭން ހުށަހެޅުމަށް ފަހު ފާސްވުމުގެ މަރުހަލާގައި މުހިންމު މަޝްރޫއުތަކަށް ބިން ބޭނުން ކުރަން ހުއްދަ ލިބޭ އިސްލާހެއް ކަމަށާއި އޭގެ ސަބަބުން ޕްލޭން ފާސްވުމާ ހަމަޔަށް ކައުންސިލްތަކަށް އެއްވެސް ކަމެއް ނުކޮށް ތިބޭކަށް ނުޖެހޭނެ ކަމަށް ސަލީމް ވިދާޅުވި އެވެ.

ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވެސް ވިދާޅުވީ މި ބިލުން މައްސަލަ އަށް އެއްވެސް ވަރެއްގެ ހައްލެއް ނުލިބޭނެ ކަމަށެވެ. މައިގަނޑު މައްސަލައަކީ މިނިސްޓްރީން އެޕްރޫވް ނުކުރުމެއް ނޫން ކަމަށާއި ކައުންސިލްތަކުން ހަދަން ޖެހޭ ޕްލޭން ނުހެދިގެން އުޅޭ މައްސަލަ އެއަށް ވުރެ ބޮޑު ކަމަށް އިލްޔާސް ވިދާޅުވި އެވެ.

"ވަރަށް ގިނަ ބޭފުޅުން އެބަ ވިދާޅުވޭ މިނިސްޓަރު އަސްލަމް ކީއްތޯ ކުރައްވަނީ އަސްލަމް މިއޮއްހާ ދުވަހު ކޮބާތޯ. މުޅި ގާނޫނު ބަލާއިރު އަޅުގަނޑަކަށް ނުފެނޭ ލޭންޑް ޔޫސް ޕްލޭން ހެދުމަކީ އަސްލަމްގެ މެންޑޭޓުގެ ތެރޭ އޮތް ކަމެއް ކަމަށް،" އިލްޔާސް ވިދާޅުވި އެވެ.

މި މައްސަލަ އަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ކަމަށްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ ލޭންޑް ޔޫޒް ޕްލޭން ފަދަ ކުޑަ ކަމެއް ކޮށް ނުލެވޭ ކަމަށް ވިދާޅުވެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަސްލަމް އަދި ސަރުކާރުގެ އިސް ފަރާތްތައް ހިމެނޭ ގޮތަށް ކައުންސިލްތަކާއެކު އއ. އުކުޅަހުގައި ބޭއްވި ކޮންފަރަންސްގައި ގިނަ ކައުންސިލަރުން ވަނީ ލޭންޑް ޔޫޒް ޕްލޭނާ ގުޅޭ ގޮތުން ޝަކުވާ ކޮށްފަ އެވެ.

އެކަމަށް އެކަށީގެންވާ ހައްލެއް ހޯދަން ގާނޫނު އިސްލާހު ކުރައްވާނެ ކަމަށް ރައީސްް ވެސް ވަނީ ވިދާޅުވެފަ އެވެ.