13 އެޕްރީލް 2023
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ޕާޓީތަކުގެ ވާދަވެރިކަން ގުޅިފައި އޮތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ އެވެ؛ މާލެއިން ދިޔަ ޓީމުތަކާ އެކު ފޯރިގަދަ ކެމްޕޭނަކަށް ފަހު ހޮނިހިރު ދުވަހު އޮންނަ އިންތިހާބަށް ތިން ޕާޓީން ވެސް ތައްޔާރެވެ. ކޮންމެ ބަޔަކު ވެސް ތިބީ ގޮނޑި ޔަގީންކޮށްގެންނެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ޕާޓީތަކުގެ ވާދަވެރިކަން ގުޅިފައި އޮތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ އެވެ؛ މާލެއިން ދިޔަ ޓީމުތަކާ އެކު ފޯރިގަދަ ކެމްޕޭނަކަށް ފަހު ހޮނިހިރު ދުވަހު އޮންނަ އިންތިހާބަށް ތިން ޕާޓީން ވެސް ތައްޔާރެވެ. ކޮންމެ ބަޔަކު ވެސް ތިބީ ގޮނޑި ޔަގީންކޮށްގެންނެވެ.
ޕީޕީއެމާއި އެމްޑީޕީގެ އިތުރުން އެމްއެންޕީން ބުނީ ހޮނިހިރުދުވަހު އޮންނަ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރެވޭނެ ކަމަށެވެ. މިއީ، ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ޕާޓީތަކުގެ ތާއީދު ވަޒަންކޮށްލަން ލިބޭނެ މުހިއްމު އިންތިހާބެކެވެ. ޕާޓީތަކަށް ތާއީދު އޮތް މިންވަރަށް އަމާޒުކުރާ ފާޑުކިއުންތައް އިންތިހާބުތަކުން ނުކުންނަ ނަތީޖާއާ ވެސް ގުޅުވަ އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނެއް ބާއްވަން ޖެހުނީ، އެ ދާއިރާ ތަމްސީލް ކުރެއްވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަވުމުންނެވެ.
މި ގޮނޑިއަށް މިފަހަރު ވާދަކުރައްވަނީ ގުރައިދު އަށް އުފަން ތިން ބޭފުޅުންނެވެ. އެއީ، ޕީޕީއެމުން ރިޒާގެ ކޮއްކޮ، ހުސެއިން ރިޒާ އާއި އެމްޑީޕީން އިބްރާހިމް ޝާޒާއި އެމްއެންޕީގެ އަލީ އަރީފެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްއެންޕީގެ ކެންޑިޑޭޓް އަލީ އަރީފް ކެމްޕޭންގައި.
އިދިކޮޅު ޕީޕީއެމުން ބުނި ގޮތުގައި، ގޮނޑި ދިފާއުކުރެވޭނެ އެވެ. ތިން ރަށުގެ ރައްޔިތުންނަކީ އަބަދުވެސް ޕީޕީއެމަށް އިތުބާރު އޮތް، ޕާޓީގެ ސިޔާސަތުތައް ގަބޫލުކޮށްގެން އެކުގައި ތިބި ބައެއް ކަމަށް އެ ޕާޓީން ދެކެ އެވެ. މިކަން ފައިސާ އާއި ނުފޫޒުން ބަދަލުކޮށްލަން އުޅުނަސް ރައްޔިތުން ތިބީ ހެއްލޭގޮތަކަށް ނޫން ކަމަށް ޕީޕީއެމުން ބުންޏެވެ.
އެމްޑީޕީއަށް ގޮނޑި ނެގޭނެ ސަބަބަކަށް ދައްކަނީ، މި ސަރުކާރުން ދާއިރާގެ ތިން ރަށަށް މި ދައުރުގެ ތެރޭގައި ހިންގާފައިވާ މަޝްރޫއުތަކުން ރައްޔިތުންނަށް ލިބުނު ކުރިއެރުމެވެ. އެމްއެންޕީން ދެކޭ ގޮތުގައި އެ ޕާޓީން ކުރިއަރުވާ ގައުމީ ފިކުރަށް ތާއީދުކުރާ މީހުން އެ ދާއިރާގައި ގިނަވުމަކީ އެ ޕާޓީއަށް އޮތް ފުރުސަތެކެވެ.
ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ ކެންޑިޑޭޓް ރިޒާ، މީހަކާ ސަލާމްކުރައްވަނީ.
ވޭތުވެދިޔަ މަޖިލިސް އިންތިހާބުތަކަށް ބަލާއިރު، މި ދާއިރާގެ ނަތީޖާ ބުރަވެފައި އޮތީ އިދިކޮޅު ޕީޕީއެމަށެވެ. ވޭތުވެދިޔަ ތިން ދައުރު (14 އަހަރު) މަޖިލީހުގައި މި ގޮނޑި ތަމްސީލްކުރީ އެ ޕާޓީންނެވެ. މި ބައި އިލެކްޝަނުން އެކަން ބަދަލުވާނެ ކަަމަށް އެމްޑީޕީ އާއި އެމްއެންޕީން ބުނެ އެވެ.
ތިން ހާހަށް ވުރެން ގިނަ މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ މި ދާއިރާގައި ގުރައިދު އާއި މާފުއްޓާއި ގުޅި ހިމެނޭއިރު ޕީޕީއެމްގެ ތާއީދު އެންމެ ބޮޑީ ގުރައިދޫގަ އެވެ. މި ފަހުން ބޭއްވި އިންތިހާބުތަކަށް ބަލާއިރު މާފުށިން ކުރީގައި އުޅެނީ އެމްޑީޕީ އެވެ. ފަހުން އުފެއްދި، އެމްއެންޕީން މި ދާއިރާއަށް ވާދަކުރާ ފުރަތަމަ ފަހަރު ކަމުން ތާއީދު އެނގޭނީ މި އިންތިހާބުންނެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޝާޒް ކެމްޕޭންގައި، ދުވަސްވީ މީހަކާ ވާހަަކަ ދައްކަނީ.
މި ދާއިރާއަށް މެމްބަރަކު ހޮވަން 2019 ގައި ބޭއްވި އިންތިހާބުގައި ރިޒާ ގޮނޑި ކާމިޔާބުކުރެއްވީ 47 ޕަސެންޓުންނެވެ. އެމްޑީޕީއަށް ލިބުނީ 41 ޕަސެންޓެވެ. އެފަހަރު ވޯޓުލުމުގެ ހައްގު 3،139 މީހުންނަށް ލިބުނެވެ.
ރައްޔިތުންގެ މަޖިލީހުގައި، މާލެ އަތޮޅުން މިހާތަނަށް އެމްޑީޕީއަށް ގޮނޑިއެއް ނުލިބެ ނުވެ އެވެ.
އެހެންވެ، މަޖިލީހުގައި އެ ޕާޓީގެ 68 މެމްބަރުން ތިއްބެވިޔަސް ޕީޕީއެމުން މިހާތަނަށް ކޮންޓްރޯލްކުރި މި ގޮނޑި މުހިއްމެވެ. ސަބަބަކީ ރިޔާސީ އިންތިހާބެވެ.
މިއީ، ވެރިކަމުގެ ދެވަނަ ދައުރަކަށް ރިޔާސީ އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ތާއީދު ވަޒަންކޮށްލަން ލިބޭ ފުރުސަތެކެވެ. އެމްޑީޕީއަށް މި ގޮނޑި ނުނެގިއްޖެ ނަމަ، އެ ޕާޓީއަށް ތާއީދު ނެތް ކަމަށް މި ގޮނޑީގެ ނަތީޖާއާ އަޅާކިޔައި ފާޑުކިއުން އަމާޒުވާނެ އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭންގައި ކެންޑިޑޭޓް ޝާޒް، ރައީސްއާ އެކު.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވީ މިހާތަނަށް އެ ޕާޓީއަށް މި ގޮނޑި ނުނެގުނަސް މިފަހަރު ޔަގީންކަން އެބައޮތް ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ދައުރުގެ ތެރޭގައި އެ ދާއިރާއަށް ގެނެސްދެއްވި ކުރިއެރުމާ އެކު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ބެއްލެވުމުގެ ދަށުން މި ގޮނޑި ޕާޓީއަށް ކާމިޔާބުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"މިހާތަނަށް މާލެ އަތޮޅުން ގޮނޑިއެއް އެމްޑީޕީއަށް ލިބިފައެއް ނުވޭ. އެކަމަކު މި ދައުރުގެ ތެރޭގައި ދާއިރާއަށް އައިސްފައި އޮތް ކުރިއެރުމާ އެކު އަޅުގަނޑުމެން ލަފާކުރަނީ، 60 ޕަސެންޓުން [މި ގޮނޑި] ކާމިޔާބުވާނެ ކަމަށް،" އިބްރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ދައުރުގެ ތެރޭގައި ބަޖެޓް ކުރެވި ގުރައިދޫ ދާއިރާގެ ތިން ރަށަށް ގިނަ ކަންކަން މިހާތަނަށް ފުރިހަމަކޮށްފައިވާ އިރު، ޕްލޭންކޮށްފައި ހުރި ކަންކަން ވެސް ކުރިއަށް އެބަދެ އެވެ. މިކަންކަން އެ ދާއިރާގެ ރައްޔިތުން ބަލައިގަންނަ ކަމަށް ވިދާޅުވި އެވެ.
އިންތިހާބަށް ސަރުކާރުގެ ނުފޫޒު އިންތިހާއަށް ބޮޑުކަމަށް ޕީޕީއެމާއި ޕީއެންސީން ކުރާ ތުހުމަތު އިބްރޭ ދޮގު ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ދާއިރާއަށް ސަރުކާރުން ކުރިން ކަނޑައަޅާފައި ނުވާ ކަމެއް ކުރިއަކަށް ނުދެ އެވެ. ދާއިރާގެ ތިން ރަށުގައި މިހާތަނަށް ނިންމާފައި ހުރި ކަންކަމަކީ ވެސް ބައި އިލެކްޝަނެއް މި ދާއިރާގައި އޮވެދާނެ ކަމަށް ބަލައިގެން ސަރުކާރުން ކޮށްފައިވާ ކަންކަން ނޫން ކަމަށް ވިދާޅުވި އެވެ.
"އިންތިހާބު އޮތަސް ސަރުކާރުން ޕްލޭންކޮށްފައި ހުރި މަޝްރޫއުތައް ހިނގާނެ ދެއްތޯ. އިންތިހާބާ އެކަންކަން ދިމާވުމަކީ އިއްތިފާގެއް. ބަޖެޓްކޮށް ޕްލޭންކޮށްފައި ކަންކަން އެ އޮތީކީ އިންތިހާބު އޮންނާނެ ކަން އެނގިގެން ނޫން،" އޭނާ ވިދާޅުވި އެވެ.
"އިންތިހާބު އޮންނާނެ ކަމަކަށް ނޫން މާފުށީގައި [ފަޅުތެރެއިން ވަކިން] ރަށެއް ހިއްކާފައި އެ އޮތީ. ގުރައިދޫގެ ބިން ބޮޑުކުރިއިރު ވެސް އެނގޭ ކަމެއް ނޫން އެއީ."
މި ގޮނޑި އެމްޑީޕީއަށް ކާމިޔާބުވާނީ، އޭނާ ވިދާޅުވި ގޮތުގައި، މި މަޝްރޫއުތައް ރައްޔިތުން ބަލައިގަންނާތީ އެވެ.
އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަން ހިންގެވުމުގައި އިސްކޮށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސަރުކާރުގެ ނުފޫޒާ އެކު ވެސް އެ ޕާޓީއަށް ގޮނޑި ކާމިޔާބުވާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
"މި ގޮނޑި ދިފާއުކުރުން ވަކިން މުހިއްމީ، ވޭތުވެދިޔަ 14 އަހަރު ވެސް މި ދާއިރާގެ އަޣުލަބިއްޔަތު އޮތީ އަޅުގަނޑުމެންނަށް،" ކެމްޕޭންގައި ގުރައިދޫ ދާއިރާގައި ހުންނެވި އަދުރޭ ވިދާޅުވި އެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި އަދުރޭ ބަޔަކާ ބައްދަލުކުރައްވަނީ.
އޭނާ ވިދާޅުވި ގޮތުގައި އެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރުމުން އެނގުނީ މި ސަރުކާރުގެ އަމަލުތަކާ ހެދި ވަރަށް ބޮޑަށް މާޔޫސްވެފައި ތިބި ކަމެވެ. ސަރުކާރަށް އިތުބާރުނުކުރާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދެއް މި ދާއިރާގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން ބުނަމުންދަނީ، ވައްކަން ހުއްޓުވާށޭ ކިޔާފައި އައި މީހުން ވައްކަމުގެ މުބާރާތޭ މި ބާއްވަނީ. އަދުލު އިންސާފުގެ ނަމުގައި ރުހޭ މީހާގެ މައްސަލަ ބާއްވައި ނުރުހޭ މީހާއަށޭ ދައުވާ މިކުރަނީ. އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމަށް ހުރަސްއަޅަނީއޭ. ނޫސްވެރިންގެ ލޮލަށް ޕެޕާ ސްޕްރޭޖަހަނީއޭ، ހުދުމުހުތާރުކަން އިންތިހާގައޭ އޮތީ،" އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގުރައިދޫ ދާއިރާގެ ގޮނޑި އެ ދާއިރާގެ ރައްޔިތުން އެމްޑީޕީއަށް ދޫކޮށްނުލާނެ އެފަދަ ބައިވަރު ސަބަބުތައް އެބަހުއްޓެވެ.
ކޮމަންޑޫ ބައި އިލެކްޝަން ކާމިޔާބުކުރަން ސަރުކާރުގެ މުދަލާއި ވަސީލަތްތަކުން ނުފޫޒު ފޯރުވި ގޮތަށް މި ދާއިރާގެ އިންތިހާބުގައި ވެސް ސަރުކާރުގެ އަމަލުތައް ހުރީ ހަމަ އެގޮތަށް ކަމަށް ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން މި ދާއިރާއަށް އައިސް ކިތަންމެ ވަރަކަށް ކެމްޕޭން ކުރިއަސް މައްސަލައެއް ނެތް ކަމަށާއި ކުންފުނިތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ނެރެ ވަސީލަތްތައް ބޭނުންކުރުމަކީ ނުފޫޒު ފޯރުވުން ކަމަށް ވިދާޅުވި އެވެ.
"ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރު ދައްކައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ނުފޫޒު ފޯރުވަނީ. ބިން ހިއްކަން އަންނަންވީ، ވެރިކަން ނިމެން ދެތިން މަހަށް ވީމަ. ގުޅި އާއި މާފުށިން ގޯތިދޭން އަންނަންވީ އިންތިހާބާ ދިމާވީމަ. ކުރިއަށް އޮތް ދެ ދުވަހު މިއަށް ވުރެން ބޮޑަށް މިކަންކަން ހިންގާނެ،" އަދުރޭ ވިދާޅުވި އެވެ.
މިކަންކަން މިހެން ހުއްޓަސް ޕީޕީއެމްގެ ޓީމަށް އޮތް ޔަގީންކަން ބޮޑެވެ. ވަކިން ޕަސެންޓޭޖެއް ވިދާޅުނުވިޔަސް އަދުރޭ ވިދާޅުވީ ޕީޕީއެމުން ގޮނޑި ދިފާއުކުރާނެ ކަމަށެވެ.
މި ގޮނޑިއަށް ވާދަކުރާ އެމްއެންޕީން ވެސް ދެއްކީ ސަރުކާރުގެ ނުފޫޒު ކެމްޕޭނަށް އޮތް ވަރެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވީ މި އަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރަށް ވާތީ، ގޮނޑި ކާމިޔާބުކުރުމަކީ އެ ޕާޓީން އިސްކަންދޭ ކަމެއް ކަމަށެވެ. އެ ދާއިރާގައި އޮތީ އެމްޑީޕީ އާއި ޕީޕީއެމްގެ ފިކުރު އެކަނި ނޫން ކަމަށާއި އެމްއެންޕީއަށް ފުރުސަތު ބޮޑު ކަމަށެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްއެންޕީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް، ކެންޑިޑޭޓާ އެކު ބައްދަލުވުމެއްގައި.
"ރަނގަޅަށް މަސައްކަތް ކުރާ ބަޔަކަށް ފުރުސަތު ބޮޑު. އަޅުގަނޑުމެންގެ އުއްމީދުކުރަނީ ތިން ކެންޑިޑޭޓުން ވާދަކުރާތީއާ އެކު 45 ޕަސެންޓު ލިބޭނެ ކަަމަށް،" އުޝާމް ވިދާޅުވި އެވެ.
"ދިމާވާ މައްސަލައަކީ އިންތިހާއަށް ނުފޫޒު ފޯރުވުން. ކޮމަންޑޫ އިންތިހާބެކޭ އެއްގޮތަށް، ޕްރޮޖެކްޓްތައް އެބަ ފައްޓާ. އިންތިހާބެއް ފެށެން ދެތިން ދުވަހަށް ވެފައި ވަނިކޮށް ކުންފުނިތަކުން މޮބިލައިޒްވެ މިކަންކަން ކުރުމަކީ ނުފޫޒު ފޯރުވަން ކުރާ ކަންކަން. މި ދަތިތައް އެބަހުރި،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން އަމަލުތައް ފެންނަނީ، މިނިވަން އިންސާފުވެރި އިންތިހާބަކަށް ހުރަސް އެޅި މިނިވަންކަމާ އެކު ވޯޓުލުމުގެ ހައްގު ގެއްލޭ ގޮތަށެވެ. އެކަންކަމާ ހުރެ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވިދާނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށް ވިދާޅުވި އެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ފުރަތަމަ ފަހަރަށް އެމްޑީޕީއަށް
މި މޮޅަކީ ރައީސްގެ ވަރުގަދަ ފެށުމެއް!
ވޯޓުލާގަޑި މަޝްވަރާއެއް ނެތި އިތުރުކުރީ ނުފޫޒު ފޯރުވަން
ގުރައިދޫ ބައި-އިލެކްޝަންގައި ވާދަކުރާނީ ތިން ކެންޑިޑޭޓް
ގުރައިދޫ ދާއިރާގެ ތިން ކެންޑިޑޭޓުން ޖޫރިމަނާކޮށްފި
ކޮމިޓީތަކަށް ބަދަލު ނުގެނެވި، މަސައްކަތް ހުއްޓިފައި!
އެމްޑީޕީއަކީ ވަކި ބޭފުޅެއް ނޫން ކަން ދައްކައިފި:ނާޝިޒް
ހާމަވީ ސަރުކާރާއެކު ރައްޔިތުން ތިބި ކަން: ރައީސް
"ގުރައިދޫ ގޮނޑި ހޯދީ ނުފޫޒު ފޯރުވައިގެން"
ގުރައިދޫ ދާއިރާގެ ވޯޓު ގުނުން ރޯދަ ވީއްލައިގެން!