Roadha Mihaaru
ޔާމީންގެ ގެކޮޅުން ނެގި ބެނާ ނައްތައެއް ނުލަން: ޕޮލިސް

ޔާމީންގެ ގެކޮޅުން ނެގި ބެނާ ނައްތައެއް ނުލަން: ޕޮލިސް

01 ޖޫން 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު، ދޫވެހީގައި ނަގާފައި ހުރި "އިންޑިއާ އައުޓް"ގެ ދޮޅުލައްކަ ރުފިޔާގެ ބެނާ އާއި އެހެން ގެތަކުން ނެގި ބެނާތައް ފުލުހުން ގެންގޮސް ނައްތާލާފައިވާ ކަމަށް އިދިކޮޅުގެ ތުހުމަތު ފުލުހުން މިއަދު ދޮގުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު، ދޫވެހީގައި ނަގާފައި ހުރި "އިންޑިއާ އައުޓް"ގެ ދޮޅުލައްކަ ރުފިޔާގެ ބެނާ އާއި އެހެން ގެތަކުން ނެގި ބެނާތައް ފުލުހުން ގެންގޮސް ނައްތާލާފައިވާ ކަމަށް އިދިކޮޅުގެ ތުހުމަތު ފުލުހުން މިއަދު ދޮގުކޮށްފި އެވެ.

ޔާމީން އިސްވެ މުޅި ރާއްޖޭގައި ހިންގަވާ އިންޑިއާ އައުޓް ކެމްޕޭންގައި، އެމަނިކުފާނުގެ ގެކޮޅުގައި ނެގި ބެނާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ނަގައިފަ އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުމުން، ހައި ކޯޓުން ނިންމާފައި ވަނީ ބެނާ ނެގުމުގެ އަމުރު ގޯސްކަމަށެވެ.

ކޯޓުގެ އެ ނިންމުމާ އެކު ބެނާ ހަވާލުކުރަން ޖެހޭނެ ކަމަށް ވިދާޅުވެ ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕް ބޭފުޅުންތަކެއް ހޯމަ ދުވަހު ވަނީ ފުލުސް އޮފީހަށް ހާޒިރުވެ ބެނާ ހަވާލުކޮށްދޭން އެދިފަ އެވެ. އެކަމަކު އެ ދުވަހު ފުލުހުންގެ ވާހަކަތަކުން އެނގުނީ އަގު ބޮޑު ބެނާތައް މިހާރު ނައްތާލާފައިވާ ކަން ކަމަށާއި އެއީ ގާނޫނާ ހިލާފު އަމަލެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބެނާތައް ނައްތާނުލާ ކަމަށެވެ. އެކަމަކު ޕީޕީއެމުން އެެދުނު ގޮތަށް ހަވާލުކުރާނެތޯ ނޫންތޯ ސުވާލަށް އޮފިޝަލް ޖަވާބެއް ނުދެއްވި އެވެ.

"ބެނާތައް ނައްތާނުލާ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ،" އޮފިޝަލް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ކޮންމެ ބެނާއަކަށް 75،000ރ. އާއި 100،000ރ. އާ ދޭތެރޭގައި ހަރަދުވެފައިވެ އެވެ. މިހާ ބޮޑު އަގުގައި ހެދި ބެނާތަކެއް ނައްތާލައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އިންޑިއާ އައުޓް ހަރަކާތުގައި އެކި ގޭގޭގައި އިންޑިއާ އައުޓް ބެނާ ނުނެގޭނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މީގެ ކުރިން ބެނާ ދެމި ހުރިހާ ގެތަކުގެ ބެނާތައް ފުލުހުން ވަނީ ނަގައިފަ އެވެ. އެއީ، އިންޑިއާ އައުޓް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރުގެ ދަށުންނެވެ.

ރައީސް ގަރާރު ނެރުއްވީ "އެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފްރަތު އުފެއްދުމަށް ރާވައިގެން ހިންގާ ހަރަކާތް ހުއްޓުވުމަ"ށެވެ. އިންޑިއާ އައުޓް ހަރަކާތް ނަފްރަތާއި ރުޅިވެރިކަމުގެ ހަރަކާތަކަށް ބަދަލުވުމުން ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން އެ ތަފާތުކުރުންތަކުގެ މައްޗަށް ބިނާކޮށް ރާއްޖޭގައި ގާނޫނީ ގޮތުން ދިރިއުޅެމުންދާ ވަކި ގައުމަކަށް ނިސްބަތްވާ ރައްޔިތުންތަކަކަށް ގެއްލުން ދީފާނެ ނުވަތަ ގެއްލުމެއް ދިނުމަށް ގޮވާލާފާނެކަމުގެ ބިރަށް ކަމަށް އެ ގަރާރުގައިވެ އެވެ.

އެކަމަކު ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ކަމަށްވާ ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމަށް މި ގަރާރުން ހުރަސްއެޅޭތީ ބާތިލް ގަރާރެއް ކަމަށް ކަނޑައަޅައިދޭން އިދިކޮޅުން ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.