Roadha Mihaaru
ކާޑު ގަންނަން 2.6 ބިލިއަން ރުފިޔާގެ ކްރެޑިޓް ދީފި

ތެލާއި ކާޑު ގަންނަން އެސްޓީއޯ އަށް 2.6 ބިލިއަން ރުފިޔާގެ ކްރެޑިޓް ދީފި

02 ޖޫން 2022

ތެލާއި ކާޑު ގަންނަން އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަން (އައިއައިޓީއެފްސީ) އިން އެސްޓީއޯ އަށް 175 މިލިއަން ޑޮލަރު (2.6 ބިލިއަން ރުފިޔާ)ގެ ކްރެޑިޓް ދޭން އެއްބަސްވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ތެލާއި ކާޑު ގަންނަން އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަން (އައިއައިޓީއެފްސީ) އިން އެސްޓީއޯ އަށް 175 މިލިއަން ޑޮލަރު (2.6 ބިލިއަން ރުފިޔާ)ގެ ކްރެޑިޓް ދޭން އެއްބަސްވެއްޖެ އެވެ.

މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރެވެ. އަދި އައިއައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހާނީ ސާލެމް އެވެ.

މިދިޔަ އަހަރު ވެސް އައިއައިޓީއެފްސީން ވަނީ ކާޑާއި ތެލާއި ގަތުމަށް 75 މިލިއަން ޑޮލަރު (1.1 މިލިއަން ރުފިޔާ) ގެ ކްރެޑިޓް ފެސިލީޓެއް ދީފަ އެވެ. މި އަހަރުގެ ކްރެޑިޓް ފެސިލިޓީ ބޮޑު ކުރީ އެސްޓީއޯގެ މާލީ ހާލަތު ރަނގަޅުވެ، އެސްޓީއޯ އަށް އޮތް އިތުބާރު ބޮޑުވުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ފެސިލިޓީއަކީ އިސްލާމިކް ފައިނޭންސިންގެ މުރާބަހާ ފައިނޭންސިން ފެސިލިޓީއެކެވެ. މި ފެސިލިޓީ ބޭނުންކުރާނީ ތެލާއި ކާޑުގެ ބާވަތްތައް ގަތުމަށް އެކަނި ކަމަށް އެސްޓީއޯއިން ބުންޏެވެ. މި ސްކީމުގައި އެސްޓީއޯ އިން ބޭނުންވާ މުދަލަށް ފައިސާ ދައްކާނީ އައިއައިޓީއެފްސީންނެވެ. އަދި އެ މުދަލަށް ވާ ފައިސާ އައިއައިޓީއެފްސީ އަށް ދައްކާނީ އެސްޓީއޯ އިންނެވެ.